މިއަދު ބާއްވާ ރިޔާސީ އިންތިޚާބަށް ހުރަސް އަޅަން ބާރުގެ ބޭނުންކުރަން ފަސްނުޖެހޭނެކަމަށް ބުނެ ޠާލިބާން ޖަމާއަތުން އިންޒާރު ދީފައި ވަނިކޮށް، އަފްޣާނިސްތާނުގައި މިއަދު ވޯޓުލާން ފަށައިފިއެވެ. 9.5 މިލިއަން މީހުން ވޯޓުލާން ރަޖިސްޓަރީ ކޮށްފައި ވިޔަސް ނުކުންނާނެ ކަމަށް ބެލެވެނީ އެއަށްވުރެ މާ މަދު ބައެކެވެ.
މިއަދު ހެނދު 7 ޖެހިއިރު ވޯޓުލާން ފެށިއިރު، ވޯޓުލާ މަރުކަޒުތައް ހިމާޔަތްކޮށް، ދީފާނެ ހަމަލާއަކުން ދިފާއުކުރުމަށްޓަކައި، އަފްޣާނިސްތާނުގެ ކަންކޮޅުތަކުގައި ސިފައިންގެ އެތައް ހާސް ބަޔަކު ދަނީ ހަރަކާތްތެރިވަމުންނެވެ.
"ގައުމުގެ ކަންކޮޅުތަކުގައި ވޯޓުލުން މިވަނީ ފެށިފައި. ވޯޓުލާ މަރުކަޒު ތަކުގައި ކިޔުހަދައިގެން ވޯޓުލުމުގެ އިންތިޒާރުގައި ގިނަ ބަޔަކު ތިބީތީ އުފާކުރަން." އަފްޣާނިސްތާނުގެ އިންޑިޕެންޑެންޓް އިލެކްޝަން ކޮމިޝަންގެ ތަރުޖަމާނު ޒަބީ ސާދާތު ވިދާޅުވިއެވެ.
ހަމަލާ ދީފާނެ ކަމަށް ބަލައި ވެރިރަށް ކާބުލް ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް ގެނެސްފައެވެ. މުޅި ރަށުގެ މަގުތައް މަތީގައި ހަރަކާތްތެރި ވަނީ ހަތިޔާރުއެޅި ސިފައިންނެވެ. ޖާނުން ފިދާވުމުގެ ހަމަލާއެއް ދީފާނެ ކަމަށްޓަކައި ލޮރީ ފަދަ އުޅަނދު ކާބުލްއަށް ވަނުން ވަނީ މަނާކޮށްފައެވެ.
ފުރާނަ އަތްމައްޗަށް ލައިގެންވެސް ވޯޓުލާން ނުކުންނަން އަފްޣާނިސްތާނުގެ ގިނަ ބަޔަކު ތިބީ ތައްޔާރަށެވެ.
"އަހަންނަށް އެނގޭ ސަލާމަތަށް ނުރައްކާ އޮތްކަން. އެހެންނަމަވެސް، ބޮންގޮވުމަކީ މިހާރު އަހަރުމެންގެ ދިރިއުޅުމުގެ ބަޔަކަށް މިވަނީ ވެފައި. އަހަރެން ބިރެއް ނުގަނޭ. އަހަރުމެންގެ ދިރިއުޅުމުގެ ހާލަތު ބަދަލުކުރަން ބޭނުންނަމަ އަހަރުމެން ޖެހޭ ވޯޓުލާން." ކާބުލް ހައި ސްކޫލުގައި ހުރި ވޯޓު ފޮށްޓަކަށް ވޯޓުލާން ގޮސް ހުރި އުމުރުން 55 އަހަރުގެ މުހިއުއްދީން އޭއެފްޕީއާ ވާހަކަދައްކަމުން ބުންޏެވެ.
އެންމެ ފަހުން ލިބުނު ޚަބަރުތައް ބުނާ ގޮތުގައި، ދެކުނުގެ ރަށެއް ކަމުގައިވާ ކަންދަހާރުގައި ވޯޓުލާން ފެށިތާ ގަޑިއެއްހާއިރު ފަހުން ވޯޓުލާ މަރުކަޒެއްގައި ވަނީ ބޮމެއް ގޮއްވާލާފައެވެ. މި ބޮން ގޮވުމުގެ ސަބަބުން ތިން މީހަކު ވަނީ ޒަޚަމްވެފައެވެ. މީހަކު މަރުވި ކަމުގެ ޚަބަރެއް ލިބިފައި ނުވެއެވެ.
ރިޔާސީ އިންތިޚާބުގައި 14 ކެންޑިޑޭޓުން ވާދަކުރާއިރު އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ރައީސު އަޝްރަފު ޣަނީއާއި، ކުރިން އޭނާގެ ނާއިބު ރައީސަކަށް ހުންނެވި ޢަބްދުﷲ ޢަބްދުﷲ އާ ދެމެދުއެވެ.
ވޯޓު ފޮށިތައް ބަންދުކުރަން ހަމަޖެހިފައި ވަނީ ހަވީރު 5 ޖަހާއިރުއެވެ.