މި ސެޕްޓެންބަރު މަހުގެ ތެރޭގައި ސައޫދީ އަރަބިއްޔާ ތެޔޮ އުފައްދާ އެންމެ ބޮޑު ކާރުޚާނާއަށް ދިން ހަމަލާއާ ގުޅިގެން އެގައުމުގެ ދިފާއު ވަރުގަދަކުރުމަށްޓަކައި އެމެރިކާގެ އިތުރު ސިފައިންނާއި ހަތިޔާރު ސައޫދީ އަރަބިއްޔާއަށް ފޮނުވަން ނިންމާފައިވާކަން އެމެރިކާގެ ދީފާއީ ވުޒާރާ، ޕެންޓަގަންއިން އިއްޔެ ހާމަކޮށްފިއެވެ.
ޕެންޓަގަންއިން އިއްޔެ ބުނި ގޮތުގައި ހަތަރު ރާޑަރު ސިސްޓަމާއި، ވައިގެ ދިފާއީ ނިޒާމު، ޕެޓްރިއޮޓް މިސައިލް އެއް ސިސްޓަމާއި، ސިފައިންގެ 200 މީހުން ސައޫދީ އަރަބިއްޔާއަށް ފޮނުވާނެއެވެ. އަދި ބޭނުން ޖެހިއްޖެ ހިނދެއްގައި، ފަހުން ޕެޓްރިއޮޓް މިސައިލް ދެ ސިސްޓަމާއި، ތާޑް (THAAD) މިސައިލް ސިސްޓަމެއްވެސް ފޮނުވަން ވަނީ ނިންމާފައެވެ.
ފާއިތުވި ހުކުރު ދުވަހު ވައިޓް ހައުސްގައި ވާހަކަފުޅުދައްކަވަމުން ރައީސު ޓްރަމްޕް ވަނީ މިތަންވަޅު އީރާނަށް ހަމަލާއެއް ދޭން އެމެރިކާއިން ބޭނުންނުވާ ކަމަގެ އިޝާރާތެއް ކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާ ތާއީދުކުރައްވަނީ ސައޫދީ އަރަބިއްޔާގެ ދިފާއު އިތުރަށް ވަރަގަދަކޮށް، އެމެރިކާގެ އަސްކަރީ ހަރަކާތްތައް އެ ސަރަހައްދުގައި އިތުރުކުރުމަށެވެ.
ސައޫދީ އަރަބިއްޔާގައި މިހާރު ހުރި ރާޑަރު ސިސްޓަމްތަކާއި ޕެޏްރިއޮޓް މިސައިލް ސިސްޓަމްތައް ހުރީ އެ ގައުމުގެ ދެކުނުގައެވެ. ޔަމަނުގެ ހޫޘީންގެ ފަރާތުން އަންނަ ހަމަލާތަކުން ދިފާއުވުމަށް އެ ސަރަހައްދުގެ ދިފާއު ވަރުގަދަކުރަން ޖެހޭތީއެވެ. އެމެރިކާއިން އިތުރަށް ދޭ ރާޑަރު ސިސްޓަމްތަކާއި، ޕެޓްރިއޮޓް މިސައިލް ސިސްޓަމް ބެހެއްޓުމަށް ނިންމާފައި ވަނީ އެ ގައުމުގެ އުތުރުގައެވެ.
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ (ދިފާއީ ވަޒީރު) މާކް އެސްޕާ ވިދާޅުވި ގޮތުގައި އިތުރު ސިފައިންނާއި، ހަތިޔާރު ސައޫދީ އަރަބިއްޔާއަށް ފޮނުވުމަކީ ފުރަތަމަ ފިޔަވަޅެވެ. އަދި އިތުރު ފިޔަވަޅުތައް އެޅުކަމީ ދުރުކަމެއް ނޫނެވެ.
މި ސެޕްޓެންބަރު މަހުގެ 14 ވަނަ ދުވަހު ފަތިހު އަބްޤައިޤް އަދި ޙުރައިޞްގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ދިން ހަމަލާތަކުގެ ޒިންމާ ޔަމަނުގެ ޙޫޘީ ހަނގުރާމަވެރިން އުފުލި ނަމަވެސް، އެމެރިކާއާއި، އެ ގައުމުގެ އެކުވެރި ބައެއް ގައުމުތަކާއި، ސައޫދީން އަރަބިއްޔާއިން ބުނަނީ އެ ހަމަލާތައް ދީފައި ވަނީ އީރާނުން ކަމުގައެވެ.
އީރާނުން ވަނީ އެކަން ދޮގުކޮށްފައެވެ. އީރާނުގެ ޚާޒިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފު ވިދާޅުވެފައި ވަނީ އީރާނުން އެތަންތަނަށް ހަމަލާ ދިން ނަމަ، އެތަންތަން ހުންނާނީ ބިމާ ހަމަވެފައި ކަމުގައެވެ.
ސައޫދީ އަރަބިއްޔާއަށް ދިން ހަމަލާއާ ގުޅިގެން އެމެރިކާގެ ބަސްމަގު ހަރުކަށިވެ، އީރާނާ ދެކޮޅަށް އިތުރު އިގްތިސާދީ ފިޔަވަޅު އެޅިނަމަވެސް، އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅެއް އެޅުމަށް އެމެރިކާ ވަނީ ފަސްޖެހިފައެވެ.