ޖަލު ބަލަހައްޓާ ކޮންމެ އޮފިސަރެއްގެ މިއަހަރު ނިމުމުގެ ކުރިން "ނެލްސަލް މަންޑޭލާ ރޫލްސް" ގެ ދިވަހި ތަރުޖަމާއެއް ދެއްވާނެ ކަމަށް ހޯމްމިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އެއީ ޖަލުގައި ބަންދުކުރެވޭ މީހުންނާމެދު އަމަލުކުރުމުގައި އދ އިން ބަލައިގަންނަ އެންމެ ދަށް މިންގަނޑެވެ. އެއީ 2015 ވަނަ އަހަރު މުރާޖަޢަކޮށް އދ އިން ނެރެފައިވާ ޤަވާޢިދެވެ. ޖަލު އޮފިސަރުންގެ އިތުރަށް ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުން ބެލެހެއްޓުމުގައި ސީދާގޮތުންނާއި ނުސީދާގޮތުން ހަރަކާތްތެރިވާ ކޮންމެ މުވައްޒަފެއްގެ އަތަށް، ޖަލުތައް އެ ތަރުޖަމާ ދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ޖަލުތަކުގެ މުޅި ނިޒާމާމެދު ޕްރިޒަންސް އޮފިސަރުންގެ ތަޞައްވަރު ބަދަލުކުރަން ޖެހޭކަމަށެވެ. ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަން ތިބީ ޕްރިޒަން އޮފިސަރުން ކަމަށާއި އެހެން ކަމުން އޮފިސަރުންގެ ބަހާއި ޢަމަލުން އެ ސިޔާސަތު ފެނުން ކޮންމެހެން މުހިއްމު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނެލްސަން މަންޑޭލާ ރޫލްސް ގެ ދިވެހި ތަރުޖަމާ އޮފިސަރުންގެ އަތަށް ދެއްވަނީ މިކަންކަމަށް މަގުފަހިކުރުމަށްޓަކައި މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކުރާ މަސައްކަތުގެ ތެރެއިން ފުރަތަމަ ކަމެއްގެ ގޮތުގައި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
" އެ މިންގަނޑުތަކަށް ތިބޭފުޅުން އަހުލުވެރިކުރުމަށްޓަކައި ބޭނުންވާ ތަމްރީނުތަކާއި ތަފާތު އެހެނިހެން ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމުގެ މަސައްކަތް މިހާރުވެސް މިދަނީ ކުރަމުން. އަޅުގަނޑުމެން މި ދަންނަވާ ކަންކަމަށްފަހު، ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދުކުރެވިފައި ތިބޭ ފަރާތްތަކާމެދު ބައިނަލްއަޤުވާމީ މިންގަނޑުތަކާއި ޤާނޫނާއި ޤަވާއިދުގައި ކަނޑައަޅާފައިވާ އިމުގެތެރޭގައި މުއާމަލާތް ކުރަން ނޭގޭނަމަ އެއީ މިފަދަ އިޖުތިމާއީ ޚިދުމަތެއް ދިނުމަށް ކުފޫހަމަވާ މީހެއްކަމުގައި ޤަބޫލުކުރަން ޖެހޭ ސަބަބެއް ނެތް،" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ޢިމްރާން ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގައި ހުންނަންޖެހޭ އެންމެ ދަށް މިންގަނޑު މިއަހަރު ނިމުމުގެ ޢާއްމުކުރައްވާނެ ކަމަށެވެ. އެ މަސައްކަތުގެ ބޮޑު ބައި މިހާރުވެސް ވަނީ ނިމިފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ވަޒީފާއަކީ ހަމައެކަނި އާމްދަނީ ހޯދުމަށް އޮތް ފުރުޞަތެއް ކަމުގައި ދެކިގެން ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި ކޮންމެ އޮފިސަރަކު ވެސް ޚިދުމަތެއްގެ ގޮތުގައި އެކަން ކުރުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. ކޮންމެ އޮފިސަރަކީ މުޖުތަމަޢުގެ ރައްކާތެރިކަމަށް ބަންދުކުރެވޭ ބަޔަކު، އެ މުޖުތަމަޢަށް ފައިދާއަކަށް ވާނޭ ބަޔަކަށް ބަދަލުކުރުމަށް އެހީތެރިވެދޭ އާރުކާޓީ އަކަށް ވުމަށް ވެސް އެމަނިކުފާނު އަދިވަޑައިގެންނެވިއެވެ. "ތިއިން ކޮންމެ އޮފިސަރަކީ އިންސާނީ ޚިދުމަތްތެރިއެއް. އިޖުތިމާޢީ ޚިދުމަތްތެރިއެއް. ފާރަވެރިއެއް. އެހީތެރިއެއް. އެކުވެރިއެއް. މުރުޝިދެއް. އެހެންކަމުން، ސަރުކާރުގެ ސިޔާސަތުތަކަށް އަންނަ ބަދަލު ފެންނަން ވާނީ ހަމައެކަނި ކަޅާއިހުދުން އަޅުގަނޑުމެން ލިޔާ ކަރުދާހަކު ނޫން. އެ ބަދަލު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުޅި މުވައްސަސާއިންނާއި، ވަކި ވަކި އޮފިސަރުންގެ ކިބައިންވެސް ފެންނާން ވާނެ. ބަންދުގައި ތިބޭ މީހުންނާ އެންމެ ގާތުން މުޢާމަލާތްކުރާ ބަޔަކީ ތިޔަ އޮފިސަރުން،" މިނިސްޓަރ ވިދާޅުވިއެވެ.
"ޖަލު ގޮޅިއަކީ އަޅުގަނޑު ދަންނަ ތަނެއް. އެއީ އަޅުގަނޑަށް ފަރިތަ ފާރުތަކެއް. ޖަލުގެ ތޭރިތަކުގެ ފުރަގަހުގަހުގައި އެއް ހާހަށްވުރެ ގިނަދުވަހު އަޅުގަނޑު އޮތިން. އެހެންކަމުން، ބަންދުގައި ތިބޭ މީހުންނާއި އެމީހުންގެ އާއިލާތަކުގެ އިހުސާސް އަޅުގަނޑު ދަންނަން. އަދި މިހާރު، ޖަލު އޮފިސަރުންނަށް ދިމާވާ ގޮންޖެހުންތައްވެސް އަޅުގަނޑަށް އެބައެނގޭ. އެހެންކަމުން ޖަލުގެ ހާލަތު ބަދަލުކުރުމަށްޓަކައި އަޅަންވާ ފިޔަވަޅު، ﷲގެ އިޛުނަފުޅާއެކު ކުރިއަށް އޮތްތަނުގައި އަޅުގަނޑު އަޅާނަން،" ހޯމް މިނިސްޓަރ ވިދާޅުވިއެވެ.