އިސްރާއީލުގައި މިމަހުގެ 17 ވަނަ ދުވަހު ބޭއްވި އާއްމު އިންތިޚާބަށް ފަހު ސަރުކާރެއް އެކުލަވާލެވޭ ވަރުގެ އަޣުލަބިއްޔަތެއް އެއްވެސް ބަޔަކަށް ލިބިފައި ނުވާއިރު، އިންތިޚާބުގައި ވާދަކޮށް ގާނޫނުހަދާ މަޖިލީހަށް ވަދެވުނު އަރަބި ޕާޓީތަކުން އިދިކޮޅު ބްލޫ އެންޑް ވައިޓް ޕާޓީގެ ބެނީ ގަންޓްޒްއަށް ތާއީދުކުރަން ނިންމައިފިއެވެ. އަރަބި ޕާޓީތަކުން މިހާތަނަށް ގެންގުޅެމުން އައި ސިޔާސަތަކީ އިސްރާއީލުގެ އެއްވެސް ސިޔާސީ ޕާޓީއަކަށް ތާއީދު ނުކުރުމެވެ. އެހެންނަމަވެސް، އެ ސިޔާސަތު ދޫކޮށްލައި، ގަންޓްޒްއަށް ތާއީދުކުރަން ނިންމީ ބޮޑުވަޒީރު ނަތަންޔާހޫއަށް ބޮޑުވަޒީކަން އަހުން ހޯދުމުގެ ފުރުސަތު ނުދިނުމަށެވެ.
'ޖޮއިންޓް ލިސްޓް' ގެ ނަމުން މަޝްހޫރުވެފައިވާ އަރަބި ޕާޓީތަކުގެ ކޯލިޝަނުގެ ލީޑަރު އަދި މައިގަނޑު ގޮތެއްގައި އަރަބިން ހިމެނޭ ހަދާޝް ޕާޓީގެ ވެރިޔާ އައިމަން ޢައުދާ ވަނީ އިސްރާއީލުގެ ރައީސު ރޫވެން ރިވްލިންއާ ބައްދަކުރައްވައި، މިނިންމުން އޭނާއަށް ހުށަހަޅާފައެވެ. ރައީސު ރިވްލިން މިހާރު ގެންދަނީ ސަރުކާރު އެކުލަވާލުމާ ބެހޭގޮތުން ސިޔާސީ ޕާޓީތަކުގެ ވެރިންނާ މަޝްވަރާކުރަމުންނެވެ.
ގަންޓްޒްގެ ބްލޫ އެންޑް ވައިޓް ޕާޓީއަށް މި އިންތިޚާބުގައި 33 ގޮނޑި ލިބުނު އިރު ނަތަންޔާހޫގެ ލިކޫޑް ޕާޓީއަށް ލިބުނީ 31 ގޮނޑިއެވެ. 120 މެންބަރުން ހިމެނޭ ކްނެސެޓް (އިސްރާއީލުގެ ގާނޫނުހަދާ މަޖިލިސް) ގެ އަޣުލަބިއްޔަތު ހޯދުމަށް 61 ގޮނޑި ބޭނުންވެއެވެ. އަރަބި ކޯލިޝަން، ޖޮއިންޓް ލިސްޓުން 13 ގޮނޑި ކާމިޔާބުކޮށްފައިވާއިރު، އެ ކޯލިޝަނުގެ ތާއީދު ގަންޓްޒްއަށް ލިބުމަކީ ބޮޑުވަޒީރުކަން ހޯދުމުގެ ފުރުސަތު އޭނާއަށް ބޮޑުވާނެ ކަމެކެވެ.
"އަހަރުމެން ބޭނުންވަނީ ނަތަންޔާހޫގެ ދައުރު ނިމުމަކަށް ގެންނަން. އެހެންކަމުން އަހަރުމެން ހުށަހަޅަނީ ސަރުކާރު އެކުލަވާލުމަށް ބެނީ ގަންޓްޒްއަށް ފުރުސަތު ދިނުމަށް." އައިމަން ޢައުދާ ވިދާޅުވިއެވެ.
ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލައި، ބޮޑުވަޒީރުކަމުގައި ދެމިހުންނަން ނަތަންޔާހޫ މަސައްކަތްކުރާއިރު، ނަތަންޔާހޫ ވެރިއަކަށް ހުރެގެން އެފަދަ ސަރުކާރެއްގައި ބައިވެރިވުމަށް ގަންޓްޒް ވަނީ ދެކޮޅު ހަދާފައެވެ.
އަރަބި ޕާޓީތަކުން އިސްރާއީލުގެ ބޮޑުވަޒީރަކަށް އެންމެ ފަހުން ތާއީދުކޮށްފައި ވަނީ 1992 ވަނަ އަހަރުއެވެ. އެއީ އޭރުގެ ބޮޑުވަޒީރު ޔިޓްޒްހަކް ރާބީނަށެވެ. އޭނާއަކީ މަޝްހޫރު އޮސްލޯ އެއްބަސްވުމުގައި ޔާސިރު އަރަފާތާއެކު ސޮއިކުރި ބޮޑުވަޒީރެވެ.