އަލްބޭނިޔާއަށް ބާރުގަދަ ބިންހެލުމެއް

އަލްބޭނިޔާއަށް އައި ބިންހެލުމުގައި ލިބިފައިވާ ބައެއް ގެއްލުން

އަލްބޭނިޔާއަށް އިއްޔެ ހަވީރު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. އެތައް ރަށަކަށް ލޮޅުންތައް އެރި ބިންހެލުން އައުމާއެކު ގިނަ ބަޔަކު އިމާރާތްތައް ދޫކޮށް މަގުމައްޗަށް ނުކުތެވެ. ވެރިރަށް ޓިރާނާގެ ބައެއް ސަރަހައްދުތަކުން ކަރަންޓާއި މުވާސަލާތީ ގުޅުން ކަނޑައިގެން ދިޔައިރު، ކައިރި އަވަށްތަކުގެ ބައެއް އިމާރާތްތައް ވަނީ ވެއްޓިފައެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނި ގޮތުގައި، ބިމުގެ 10 ކިލޯމީޓަރު އަޑިއަށް އައި 5.6 މެގްނިޓިއުޑްގެ ބިންހެލުމުގެ މަރުކަޒު ހުރީ ޓިރާނާގެ ހުޅަނގުން 40 ކިލޯމީޓަރު ދުރުގައި އޮންނަ ޑޫރަސްގައެވެ.

"މިއީ ފާއިތުވި 20-30 އަހަރުގެ ތެރޭގައި މި ގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުން." އަލްބޭނިޔާގެ ޑިފެންސް މިނިސްޓްރީން ބުނެފައި ވެއެވެ.

"އެއްވެސް މީހަކު މަރުވެފައި ނުވޭ." ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު އަލްބާނާ ކަޖާޖް ވިދާޅުވިއެވެ.

ޓިނާރާއާއި ޑޫރަސްގައި ވެއްޓުނު ތަކެތިން ޖެހިގެންނާއި، ފާރު ވެއްޓިގެން އަދި ހާސްވެ ކަންބޮޑުވެގެން ފަރުވާހޯދަން 80 ވަރަކަށް މީހުން ދިޔަކަމަށާއި، އޭގެ ތެރެއިން 21 މީހުން އެނދުމަތިކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު އޮގެރްތާ މަނަސްޓެރިލޫ ވިދާޅުވިއެވެ.

ހަވީރު 4 ޖެހިއިރު (ރާއްޖޭ ގަޑިން ރޭ 7 ޖެހިއިރު) އައި ބިން ހެލުމުގެ ލޮޅުން އަވަށްޓެރި މޮންޓެނީގްރޯއާއި އިޓަލީއަށް ވެސް އެރިއެވެ. ފުރަތަމަ ބިން ހެލުމަށް ފަހު އިތުރު ދެ ލޮޅުން އެރިކަމަށް ވެއެވެ.

އަލްބޭނިޔާގެ ބޮޑުވަޒީރު އެޑީ ރަމާ އެމެރިކާއަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ވަނީ މި ބިންހެލުމާ ގުޅިގެން ކެންސަލްކޮށްފައެވެ.

ޓިރާނާގެ މެދުތެރޭގެ ބޮޑު އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އެއިމާރާތުން މީހުން ހުސްކޮށްފައިވާއިރު، ޓިރާނާ ޔުނިވަސިޓީގެ އިމާރާތެއް ވެސް ވަނީ ހަލާކުވެފައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.