ކެމިކަލާބެހޭ ޤަވާއިދު ވަނީ އެކުލަވާލާ ނިމިފައިކަމަށާއި އަންނަ ހޯމަ ދުވަހު ސަރުކާރު ގެޒެޓްގައި އެޤަވާއިދު ސާޢިޢުކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ. ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުން ރައީސުލް ޖުމްހޫރިއްޔާއާ ބައްދަލުކުރައްވާ ރޭގެ އަލިފާނުގެ ހާދިސާއާ ގުޅިގެން އެފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ކުރެވިދާނެ ކަންކަމާބެހޭ މަޢުލޫމާތު ޙިއްސާ ކުރައްވައިފައިވާކަމުގައެވެ.
އެއެކައުންސިލުން ނިންމާފައިވާ ހަތަރު ކަމެއް ޑިފެންސް މިނިސްޓަރ މާރިޔާ ވަނީ ނޫސްވެރިންނާ ޙިއްޞާ ކުރައްވައިފައެވެ. އެއީ ގުދަންތައް މީހުން ދިރިނޫޅޭ ސަރަޙައްދަކަށް ބަދަލުކުރުމާއި ބޮޑެތި ކެމިކަލް ގުދަންތައް ތިލަފުށި ނުވަތަ ގުޅިފަޅަށް ބަދަލު ކުރުމަށާއި ތިމާވެށްޓާ ރަށްޓެހި ގޮތުގައި ކެމިކަލް ނައްތާލުމާއި މިހާރުން މިހާރަށް ކެމިކަލް ޤަވާއިދު ހަދައި ގެޒެޓްކުރުމެވެ.
ޤަވާއިދުގެ މަޤްޞަދަކީ ނުރައކާތެރި ކެމިކަލަކީ ކޮބައިކަމާއި އެފަދަ ކެމިކަލްތަކާ މެދު ޢަމަލުކުރަން ޖެހޭނެ އުޞޫލުތަކަކީ ކޮބައިކަން ކަނޑައަޅާ ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރެއްވުން ކަމަށް ފާހަގަކުރެއްވިއެވެ. ކެމިކަލް ޤަވާއިދަކީ ވަރަށް ތަފްޞީލް ކޮށް އެކުލަވާ ލެވިފައިވާ ޤަވާއިދެއްކަން މާރިޔާ ފާހަގަ ކުރެއްވިއެވެ.
މިހާތަނަށް ކެމިކަލާ ބެހޭ އެއްވެސް ޤަވާއިދެއް ނެތުމުން އެފަދަ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން އެންމެ ބޮޑު ކަންބޮޑު ވުމެއް އުޅެނީ ކެމިކަލް ރައްކާކުރެވިފައި ހުންނަ ގޮތްތަކާމެދުކަމަށް މާރިޔާ ފަހަގަ ކުރެއްވިއެވެ.
މާލާގައި ހުރި ކެމިކަލް ގުދަންތަކުގެ 63 އިންސައްތަ ހުރީ މީހުން ދިރިއުޅޭ ސަރަޙައްދުގައެވެ. ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވިގޮތުގައި 126 ކެމިކަލް ގުދަން އެމްއެންޑީއެފް އިން ޗެކްކުރިއިރު އޭގެ ތެރެއިން 80 ގުދަން ހުރީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައެވެ. އަދި 98 ގުދަން ހުރީ މީހުން ދިރިއުޅޭ ތަންތަނާ އިންވެގެންނެވެ.
ރޭގެ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ކެމިކަލް ގުދަނެއްގައި އެއް ޗެއް ގޮވައިގެންނެވެ. އެ ގުދަނަކީ ގަސްހެއްދުމަށާއި ގޭތެރެ ސާފުކޮށް ހެދުމަށް ބޭނުންކުރާ ބާވަތްތަކުގެ ކެމިކަލް ގުދަން ކުރުމަށް ގްރީން ޕާރކް ނަމަކަށް ކިޔާކުން ފުންޏަކަށް ދޫކޮށްފައިވާ ގުދަނެއްކަން ޑިފެންސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.