ނަތަންޔާހޫ ވަނީ ނުބައި މައުލޫމާތު ދީގެން އެތައް ފަހަރަކު ޓްރަމްޕް އޮޅުވާލާފައި: ޓިލާސަން

ރައީސު ޓްރަމްޕް ކުރީގެ ޚާރިޖީ ވަޒީރު ރެކްސް ޓިލާސަންއާއެކު

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ނުބައި މައުލޫމާތު ދީގެން އެތައް ފަހަރަކު އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް އޮޅުވާލާފައިކަމަށް އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު ރެކްސް ޓިލާސަން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ހާވާޑް ޔުނިވަސިޓީގެ ކިޔަވާކުދިންތަކަކަށް ޓިލާސަން ދެއްވި ބަސްދީގަތުމެއް އިއްޔެ އެ ޔުނިވަސިޓީގެ މަޖައްލާގައި ޝާއިއުކޮށްފައިވާއިރު، އެ ބަސްދީގަތުމުގައި ޓިލާސަން ރައީސް ޓްރަމްޕް ސިފަކުރައްވާފައިވަނީ ކޮންމެވެސް ވަރަކަށް 'ވިސްނުންކޮށި' ބޭފުޅެއްގެ ގޮތުގައެވެ. އަދި ނަތަންޔާހޫއަކީ 'މަކަރުވެރި، މީހަކަށް ވިޔަސް އޭނާއަކީ ވަރަށް 'ތޫނުފިލި' މީހެއްކަން ޓިލާސަން ފާހަގަކުރައްވާފައި ވެއެވެ.

ޓިލާސަން ވިދާޅުވާ ގޮތުގައި އިސްރާއީލު ސަރުކާރުން ބޭނުންވާ ކަމެއް ހާސިލުކުރަން އެމިރިކާއަށް 'ނުބައި މައުލޫމާތުތަކެއް އޮއްސާލުމަކީ" އެމީހުން ކުރާ ކަމެކެވެ.

"އެމީހުން ވަނީ ރައީސާމެދު އެތައް ފަހަރަކު އެފަދައިން އަމަލުކޮށްފައި. "އަހަރުމެންނަކީ އޯގާތެރި މީހުން. އެބައިމީހުންނަކީ (އަރަބިންނަކީ) ނުލަފާމީހުން" މިހެން އެތައް ފަހަރަކު އެމީހުން ރައީސަށް ދެންނެވުމުން އަހަރުމެން ދަންނަވާފައިވާނެ "އެމީހުން މަނިކުފާނަށް އޮޅުވާލަނީ" ކަމުގައި." ޓިލާސަން ވިދާޅުވިކަމަށް އެ މަޖައްލާގައި ވެއެވެ.

"އަހަރުމެންނާ އެހާ ގާތް، އަދި އަހަރުމެންނަށް އެހާ މުހިއްމު ބައިވެރިއަކު މިބީދައިން ކަންތައް ކުރުމަކީ އަހަރެން ވަރަށް ކަންބޮޑުވީ ކަމެއް." ޓިލާސަން އިތުރަށް ވިދާޅުވިއެވެ.

އަދި އޭނާގެ ޚާރިޖީ ވަޒީރުކަމުގައި އިސްރާއީލު-ފަލަސްޠީނުގެ މައްސަލަ އޭނާގެ އަތްޕުޅުން ނަންގަވަން ރައީސު ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރަޑް ކުޝްނާއަށް ދެއްވުމުން މާޔޫސްވެ ވަޑައިގަތް ކަމަށްވެސް އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު ވިދާޅުވެފައި ވެއެވެ.

މިއީ ރައީސު ޓްރަމްޕް 2018 ވަނަ އަހަރު ކުއްލި ގޮތަކަށް އޭނާ ޚާރިޖީވަޒީރުކަމުން ދުރުކުރެއްވުމަށް ފަހު، ޓިލާސަން ރައީސު ޓްރަމްޕްއަށް ފާޑުވިދާޅުވި ފުރަތަމަ ފަހަރެއް ނޫނެވެ.

ޓިލާސަން ވަނީ ރައީސު ޓަރަމްޕަކީ ؛'ތަކެތި ކިއުއްވައި މައުލޫމާތު ހޯއްދެވުމަށް ލޯބި ނުކުރައްވާ' އަދި 'ގާނޫނު މުގުރާލެއްވުމާ' ދިމާއަށް އަބަދުވެސް ވަޑައިގަންނަވާ ބޭފުޅެއްކަން ސިފަވާގޮތަށް އެތައް ފަހަރަކު ވާހަކަފުޅުދައްކަވާފައެވެ.

އަނެއްކޮޅުން، ޚާރިޖީ ވަޒީރުކަމުން ވަކިކުރެއްވިފަހުން ރައީސު ޓްރަމްޕް ގެންދަވަނީ ޓިލާސަންއަށް ފާޑުވިދާޅުވަމުންނެވެ. ޓިލާސަންއަކީ "ޚާރިޖީ ވަޒީރުކަން ކުރެވޭ ވަރުގެ ސިކުނޑިއެއް ނެތް ވިސްނުންކޮށި" ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވައި ޓްރަމްޕް ވަނީ ޓުވީޓުކުރައްވާފައެވެ. އަދި "އަހަރެން އޭނާ (ޚާރިޖީ ވަޒީރުކަމުން) ވަކިކުރަންޖެހެނީ މާކުރިން" ކަމަށްވެސް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.