އަފްޣާނިސްތާނުގައި ރެއާއި މިއަދު ދިން ދެ ހަމަލާއެއްގައި 50 މީހުން މަރުވެއްޖެއެވެ. އެއް ހަމަލާއަކީ ސަރުކާރު ސިފައިން ދިން ހަމަލާއަކަށް ވާއިރު، އަނެއް ހަމަލާއަކީ ޠާލިބާން ޖަމާއަތުން ކާރު ބޮމެއް ގޮއްވާލައިގެން ދިން ހަމަލާއެކެވެ.
އެމެރިކާ ސަފައިންގެ އެހީ ތެރިކަމާއެކު އަފްޣާނިސްތާނު ސިފައިން ނަންގަރްހާރް ޕްރޮވިންސުގެ ޚޯގްޔާނީ ޑިސްޓްރިކްޓްގައި ބުދަ ދުވަހުގެރޭ ދިން ހަމަލާއެއްގައި އާއްމުންގެ 30 މީހުން މަރުވެ 40 މީހުން ވަނީ ޒަޚަމްވެފައެވެ. މިހަމަލާއަކީ އެ ޑިސްޓްރިކްޓްގެ ވަޒީރު ޓަންގީ ސަރަހައްދުގައި ހުރި އިސްލާމިކް ސްޓޭޓް (އައިސިސް) ގެ މަރުކަޒަކަށް އަމާޒުކޮށް ދިން ހަމަލާއެކެވެ. އެހެންނަމަވެސް، އޮޅިގެން ހަމަލާދެވިފައި ވަނީ ގޮވާންކުރާ ދަނޑަކަށެވެ.
ނަންގަރްހާރް ޕްރޮވިންސުގެ ކައުންސިލް މެންބަރު ސޮހްރާބް ޤާދިރީ ވިދާޅުވީ ޑްރޯންއަކުން ދިން އެ ހަމަލާ އަރާފައި ވަނީ ޕައިން ނަޓް ހައްދާ ދަނޑަކަށް ކަމުގައެވެ. އެ ދަނޑުގައި މަސައްކަތްކުރަން ތިބި މީހުންގެ ތެރެއިން 30 މީހުން ވަނީ މަރުވެފައެވެ. އެ ސަރަހައްދުގެ ގަބީލާއެއްގެ ވެރިއަކު ކަމުގައިވާ މަލިކު ރާހަތު ގުލް ވިދާޅުވީ ހަމަލާ ދިންއިރު މަސައްކަތު މީހުން ތިބީ ދަނޑުގައި ޖަހާފައި ހުރި ފޭލިގެއެއް ކައިރީ އަލިފާންގަނޑެއް ރޯކޮށްގެން އަލިފާންގަނޑުގެ ކައިރީގައި އިށީނދެގެންނެވެ.
އަފްޣާނިސްތާނުގެ ޑިފެންސް މިނިސްޓްރީންވެސް ވަނީ މިހަމަލާ ދެވިފައިވާކަން ޔަގީންކޮށްދީފައެވެ. އެމެރިކާ ސިފައިން މިހަމަލާއާ ގުޅޭގޮތުން ވަކި އެއްޗެއް ބުނެފައި ނުވެއެވެ.
ދެވަނަ ހަމަލާއަކީ ޒަބޫލް ޕްރޮވިންސުގެ ވެރިރަށް ޤަލާތުގައި ހުންނަ ސިއްރު ފުލުހުންގެ މައި މަރުކަޒަށް އަމާޒުކޮށް ޠާލިބާން ޖަމާއަތުން ދިން ކާރު ބޮމުގެ ހަމަލާއެކެވެ. މިހަމަލާގައި 20 މީހުން މަރުވެ 95 މީހުން ވަނީ ޒަޚަމްވެފައެވެ.
ޑިފެންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ސިއްރު ފުލުހުންގެ މައި މަރުކަޒު ގޮއްވާލަން ޠާލިބާނުން ބޭނުންވި ނަމަވެސް، ގޮވާތަކެތި ބަރުކޮށްފައި އޮތް ކާރު ޕާކުކޮށްފައި އޮތީ ކައިރީގައި ހުރި ހޮސްޕިޓަލުގެ ގޭޓު ކުރިމަތީގައެވެ. ކާރު ގޮވި އިރު ހޮސްޕިޓަލުގެ ބޮޑު ބައެއް ވަނީ ފުނޑުފުނޑުވެފައެވެ. ޚަބަރުތައް ބުނާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި، ބަލިމީހުންނެވެ.
މި މަހު 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި މީހުން ވޯޓުލާން ނުދާނެހެން ހެދުމަށް، ޠާލިބާނުން ދޭ ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު އެ ޖަމާއަތުން ވަނީ ދީފައެވެ.