ސުޕްރީމް ކޯޓަށް އައްޔަން ކުރަން ވަކިބޭފުޅަކަށް ޖޭއެސްސީން އިސްކަމެއްނުދޭ

ސުޕްރީމް ކޯޓުން ހުސްވެފައިވާ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިޙުގެ ލަފާފުޅަކަށް އެދި ޖޭއެސްސީން ވަކިބޭފުޅުންތަކެއްގެ ނަންފުޅު ފޮނުވި ނަމަވެސް އޭގެތެރެއިން ވަކިބޭފުޅަކު އައްޔަން ކުރައްވަން ޖޭއެސްސީން އިސްކަން ނުދޭކަމަށް ބުނެފިއެވެ.

ސުޕްރީމް ކޯޓަށް އައްޔަން ކުރައްވަން "ހައިލީ ރެކޮމެންޑް" ކުރާ ބޭފުޅުންގެ ނަންފުޅުތަކެއް ރައީސަށް ޖޭއެސްސީން ފޮނުއްވިއިރު ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދުގެ ނަންފުޅު ފުރަތަމަ ނަމެއްގެ ގޮތުގައި އޮވެ، ދެވަނަ ނަންފުޅަކަށް ރައީސް ސޯލިޙު ޖޭއެސްސީއަށް ފޮނުއްވި މަހާޒް އަލީ ޒާހިރުގެ ނަންފުޅު އޮތްނަމަވެސް ޖޭއެސްސީން ބުނީ ޖޭއެސްސީން ވަކިބޭފުޅަކު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ރައީސަށް ލަފާ އަރުވާފައި ނުވާނެ ކަމަށެވެ. އެހެންވެ ޖޭއެސްސީން ދިޔާނާ އާއި މަހާޒުގެ ތެރެއިން ވަކިބޭފުޅަކަށް އިސްކަމެއް ނުދެއެވެ.

ޖޭއެސްސީން ބުނީ އެފަރާތުން ރައީސަށް ނަންފުޅުތަކެއް ފޮނުއްވި ނަމަވެސް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ނަންފުޅާކައި އަދަދުވެސް ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އަދި މަޖިލީހަށް ވަކި އަދަދަކަށް ނަން ފޮނުވުމަށްވެސް ކޮމިޝަނުން ރައީސަށް ލަފާ އަރުވާފައި ނުވާނެ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ކޮމިޝަނުން ވަނީ ދިޔާނާ އާއި މަހާޒުގެ އިތުރުންވެސް ހައިކޯޓުގެ ފަނޑިޔާރު މުޙަންމަދު ނިޔާޒް އާއި އަލީ ސަމީރުގެ އިތުރުން ޝުއައިބު ޙުސެއިން ޒަކަރިއްޔާގެ ނަންފުޅުވެސް ރައީސަށް ފޮނުވާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މިވަގުތު އައްޔަން ކުރައްވަނީ ރައްޔިތުންގެ މަޖިލީހުން ދާދިފަހުން އިތުބާރު ނެތްކަމުގެ ވޯޓާއެކު ފަނޑިޔާރު ކަމުން ވަކިކުރެއްވި އަބްދުﷲ ދީދީގެ ބަދަލުގައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ޖުމްލަ އަދަދަކީ ހަތެކެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.