2023 ގައި ޖޭޕީން ރިޔާސީ ކެންޑިޑޭޓަކު ނުކުންނާނެކަން ކަށަވަރު: ގާސިމް

ކުރިޔަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރުއްވާނެ ކަމަށާއި އެކަމާމެދު ސުވާލެއްވެސް ނެތް ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރޭ ޖުމްހޫރީ ޕާޓީއަށް އާންމު މެމްބަރުންތަކެއް ސޮއި ކުރުމަށް ޖޭޕީގެ މައި މަރުކަޒު ކަމަށްވާ މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ގާސިމް ވިދާޅުވީ ޖޭޕީ އަބަދުވެސް އޮންނަނީ ތިންވަނަ ޕާޓީއަށް ކަމަށާއި ނަމަވެސް އެކަން ބަދަލުކޮށް އެއްވަނަ ނުވަތަ ދެވަނަ ޕާޓީއަށް އެޕާޓީ އަރަން ޖެހިއްޖެ ކަމަށެވެ. އަދި އެހިސާބަށް ނޭރެންވީ ސަބަބެއްވެސް ނެތް ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީއަށްވެސް ވެރިކަން ކުރެއްވިއްޖެ ކަމަށާއި އަދި އެ ދެޕާޓީން ވެރިކަމަށް އައުމުގައިވެސް ޖުމްހޫރީ ޕާޓީއަށް މުހިންމު ރޯލެއް ކުޅެވިއްޖެ ކަމަށެވެ. އެހެންވެ ދެން އޮތީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ސީދާ އިންތިޚާބު ކާމިޔާބުކޮށް ވެރިކަންކުރާ ޕާޓީއަށް ޖޭޕީ އެރުން ކަމަށް އިޝާރާތް ކުރެއްވިއެވެ.

ޖޭޕީއަކީ ރާއްޖޭގެ ވެރިކަންކުރާ ޕާޓީއަށް ހެދުމަށްޓަކައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީން ކެންޑިޑޭޓެއް ނެރެން ނިންމެވިއިރު ގާސިމް ވިދާޅުވީ އެޕާޓީން ރައީސުލްޖުމްހޫރިއްޔާ ކަމުގެ ރޭހަށް ނެރުއްވާނެ ކެންޑިޑޭޓެއް ނިންމާނީ ޕާޓީން ކަމަށާއި އެމީހަކީ ގާސިމް ކަން ނުވަތަ އެހެން ބޭފުޅެއްކަން ނިންމުމުގެ ބާރުވެސް އޮތީ ޖޭޕީގެ މެމްބަރުން ކަމަށް ވިދާޅުވިއެވެ.

ޖޭޕީން ވަނީ އެންމެ ފަހުން އޮތް ތިން ރިޔާސީ އިންތިޚާބުގެ ތެރެއިން ދެ އިންތިޚާބުގައި ކެންޑިޑޭޓެއް ނެރެގެން ވާދަކޮށްފައެވެ. އެއީ 2008 ވަނަ އަހަރާއި 2013 ވަނަ އަހަރެވެ. އެ ދެފަހަރުވެސް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކީ ގާސިމެވެ. ދެފަހަރުވެސް ތިންވަނައަށް ޖޭޕީ ދިޔުމާއެކު ދެވަނަ ބުރުގައި އިންތިޚާބު ކާމިޔާބު ކޮށްފައި ވަނީ ޖޭޕީއާއެކު ކޯލިޝަން ހަދައިގެންނެވެ.

އެންމެ ފަހުން 2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ޖޭޕީން ކެންޑީޑޭޓެއް ނުނެރުނު ނަމަވެސް އިންތިޚާބުގައި ރަނިންމޭޓަކަށް ނުކުންނެވީ ޖޭޕީގެ ބޭފުޅެކެވެ. އެއީ މިހާރު ނައިބު ރައީސް ކަމުގައި ހުންނެވި ފައިސަލް ނަސީމެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.