ޓިއުނީޝިޔާގެ ރިޔާސީ އިންތިޚާބުގައި 26 ކެންޑިޑޭޓުން

ިއުނީޝިޔާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކެއް

11 ދުވަހުގެ ކުރު އިންތިޚާބީ ކެންޕޭނެއް އިއްޔެ  (ހުކުރު ދުވަހު) ނިންމާލާފައިވާއިރު މާދަމާ މާދަމާ (އާދީއްތަދަ ދުވަހު) އުތުރު އެފްރިކާގެ އަރަބި ގައުމެއް ކަމުގައިވާ ޓިއުނީޝިޔާ (ތޫނިސް) ގައި 26 ކެންޑިޑޭޓުން ވާދަކުރައްވާއެވެ. މި އަހަރުގެ ފަހުކޮޅު ބާއްވަން ކުރިން ބާއްވަން ހަމަޖެހިފައި އޮތް ރިޔާސީ އިންތިޚާބު ކުއްލި ގޮތަކަށް އަވަސްކުރަން ޖެހުނީ ރައީސު އަލްބާޖީ ޤާއިދު އައްސިބްސީ ފާއިތުވި ޖުލައި މަހުގެ 25 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ.

ޓިއުނީޝިޔާއަކީ 2011 ވަނަ އަހަރު އަރަބި ގިނަ ގައުމުތަކަކަށް ފެތުރިގެން ދިޔަ 'އަރަބި ރަބީޢު" ފެށުނު ގައުމެވެ. އަދި އެ ރަބީޢުގައި ވެރިކަމަށް އައި ބަދަލު ކާމިޔާބުކަމާއެކު ދަމަހައްޓާފައިވާ ހަމައެކަނި ޤައުމެވެ. މާދަމާ ބާއްވާ އިންތިޚާބަކީ އެ ރަބީޢުގެ ތެރޭގައި ގެނެވުނު 'ޔާސިމީން އިންގިލާބު' ގައި އޭރުގެ ރައީސު ޒައިނުލް ޢާބިދީން ބިން ޢަލީ ވެރިކަމުން ދުރުކުރެވުނު ފަހުން އެޤައުމުގައި ބާއްވާ ދެވަނަ ރިޔާސީ އިންތިޚާބެވެ. 2014 ވަނަ އަހަރު ބޭއްވި ފުރަތަމަ ޑިމޮކްރެޓިކް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވީ ޖުލައި މަހު އަވަހާރަވީ ރައީސު އައްސިބްސީއެވެ.

26 ކެންޑިޑޭޓުންގެ ތެރެއިން ރައީސަކު ހޮވުމަށް ވޯޓުލާން 7 މިލިއަން މީހުން ރަޖިސްޓަރީކޮށްފައި ވާއިރު، ހޮވުމުގެ ފުރުސަތު އޮތީ ކޮން ކެންޑީޑޭޓަކަން ލަފާކުރަން ދައްޗެވެ. މާދަމާގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް %50 އަށްވުރެ ގިނަ ވޯޓު ނުހޯދުނު ނަމަ، 3 ނޮވެންބަރުގެ ކުރިން ދެވަނަ ބުރެއް ބާއްވަން ޖެހެއެވެ.

އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބޭފުޅުންނަކީ ބޮޑުވަޒީރު ޔޫސުފު އައްޝާހިދު، ޖަލަށްލެވިފައިވާ މީޑިޔާ މަހުޖަނު ނަބީލު އަލްޤަރަވީ، އިސްލާމީ އުޞޫލަތް ގެންގުޅޭ އައްނަހްޟާ ޕާޓީގެ ކެންޑިޑޭޓް ޢަބްދުލްފައްތާޙޫ މޯރޯއެވެ. މީގެ އިތުރަށް ކުރީގެ ޑިފެންސް މިނިސްޓަރު ޢަބްދުލްކަރީމު އައްޒަބީދީއަކީ ވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.