އޭނާ ގަބޫލުކުރައްވާ ގޮތުގައި ސީރިޔާގައި ހިނގަމުން އައި ދާޚިލީ ހަނގުރާމަ ނިމިފައިވާ ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި މިވަގުތު އިސްކަން ދޭން ޖެހިފައިވަނީ ސީރިޔާއަށާއި، މުޅި މެދުއިރުމައްޗަށް ހަމަޖެހުން ގެނައުމަށް މަސައްކަތްކުރުމަށެވެ.
"ސީރިގައި ހިނގަމުން އައި ހަނގުރާމަ ހަގީގަތުގައި ވެސް ވަނީ ނިމުމަކަށް އައިސްފައި. އެ ގައުމު އަމާން ދިރިއުޅުމުކާ ދިރިއުޅުމަކަށް މަޑުމަޑުން އެނބުރި ދަނީ. އިދްލިބާއި، ފުރާތު ކޯރުގެ އިރުމަތީ އައްސޭރި ފަދަ ސީރިޔާ ސަރުކާރުގެ ބާރު ނުހިނގާ ބައެއް ސަރަހައްދުތަކުގައި ކޮންމެވެސް ވަރަކަށް ހަމަނުޖެހުން އެބައޮތް." ޓުރޫޑް ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ލަވްރޯވް ވިދާޅުވިއެވެ.
އޭނާ ގަބޫލުކުރައްވާ ގޮތުގައި ސީރިޔާގައި މިހާރު އެންމެ މުހިއްމު ކަމަށް އޮތީ އާއްމުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމެވެ. ދެން އެ ގައުމާއި، މުޅި މެދުއިރުމައްޗަށް ހަމަޖެހުން ގެނެސް، ދެމެހެއްޓެނިވި ގޮތުގައި ސުލްހާ ގާއިމުކުރުމަށްޓަކައި، ސީރިޔާގެ މައްސަލަ ހައްލުކުރުމަށް ސިޔާސީ މަސައްކަތް ކުރިއަށް ގެންދިއުމެވެ.
ލަވްރޯވް ވިދާޅުވީ ސީރިޔާގެ މައްސަލަ ހައްލުކުރުމަށް އިދިކޮޅު ފަރާތްތަކުންވެސް މުހިއްމު ދައުރެއް އަދާކުރަމުންދާ ކަމުގައެވެ.
"އަހަރުމެން ގަބޫލުކުރާ ގޮތުގައި ދަސްތޫރީ އިސްލާހުތައް ގެނައުމަށް ކޮމިޓީއެއް އުފައްދައި އޭގެ މަސައްކަތް ފެށިގެން ދިއުމަކީ، އދ. ގެ އެހީތެރިކަމާއެކު ސީރިޔާ މީހުން އަމިއްލައަށް -ސަރުކާރާއި އިދިކޮޅު ފަރާތްތަކުން- ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތައް ކާމިޔާބުވުމަށް މުހިއްމު ކަމެއް." ލަވްރޯވް ވިދާޅުވިއެވެ.
ސީރިޔާގެ ދާޚިލީ ހަނގުރާމަ ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން ގައުމުގެ ބޮޑު ބައެއް ހިފިނަމަވެސް، ރައީސު ބައްޝާރުލް އަސަދުގެ ސިފައިން ވަނީ ރަޝިޔާގެ ވައިގެ ސިފައިންނާއި، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އެހީތެރިކަމާއެކު ސީރިޔާގެ ހުރިހާ ބިމެއް ހެން ސަރުކާރުގެ ބާރުގެ ދަށަށް ގެނެސްފައެވެ. އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި އޮތް ހަމައެކަނި ޕްރޮވިންސު އިދްލިބްގެ ބޮޑު ބައެއްވެސް ސަރުކާރުން މިހާރު ވަނީ ހިފާފައެވެ.
އެހެންކަމުން، ރަޝިޔާއާއި އީރާނު ފަދަ ބައްޝާރުލް އަސަދުގެ ސަރުކާރަށް ތާއީދުކުރާ ގައުމުތަކުން ގަބޫލުކުރާ ގޮތުގައި، ބައްޝާރު ސަރުކާރާ ވާހަކަ ދައްކައިގެން ސިޔާސީ ހައްލެއް ހޯދުން ނޫން ގޮތެއް މިހާރު އިދިކޮޅު ފަރާތްތަކަށް ނެތެވެ. ކުރިން ސީރިޔާގެ އިދިކޮޅު ފަރާތްތަކަށް ތާއީދުކުރި ބައެއް އަރަބި ގައުމުތަކުންވެސް މިހާރު ދަނީ ބައްޝާރުގެ ސަރުކާރާ ގުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރަމުންނެވެ.
HABARU THAKUN FENNANY 60% ASSAD ATHUGA OIY THAN..SYRIA GE BODU BAEH HIFAAFA EY THI KIYANY ANEKKAA KOCHAKAH BALAIN