އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕުގެ ނޭޝަނަލް ސެކުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން މިއަދު މަގާމުން ވަކިކުރައްވާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އޭނާ ވަކިކުރެއްވިކަން ހާމަކުރައްވަމުން ރައީސު ޓްރަމްޕް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އޭނާއާ ބޯލްޓަންއާ ދެމެދު ސިޔާސަތު އެކުލަވާލުމުގައި ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ކަމުގައެވެ.
"ރޭ އަހަރެން ވަނީ ޖޯން ބޯލްޓަންއަށް އަނގާފަ ދެން ވައިޓް ހައުސްއަށް އޭނާގެ ޚިދުމަތް ބޭނުންނުވާކަން. އޭނާގެ ވަރަށް ގިނަ ހުށަހެޅުންތަކާ އަހަރެން ދެކޮޅުން ހަދަން. ސަރުކާރުގައި ތިބި ވަރަށް ގިނަ ބަޔަކުވެސް ހަދާ." ޓްރަމްޕުގެ ޓުވީޓުގައި ވެއެވެ.
"އަހަރެން އެދުނިން ޖޯން އިސްތިއުފާ ދިނުމަށް. އެ އިސްތިއުފާ ވަނީ މިއަދު ހެނދުނު އަހަންނަށް ލިބިފައި. ޖޯންގެ ޚިދުމަތަށްޓަކައި އަހަރެން އޭނާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަހަރެން އަންނަ ހަފުތާގައި އާ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކު އައްޔަންކުރާނަން." ޓްރަމްޕް އިތުރަށް ވިދާޅުވެފައި ވެއެވެ.
ޖޯން ބޯލްޓަން އަކީ ރައީސު ޓްރަމްޕްގެ ވެރިކަމުގައި ނޭޝަނަލް ސެކިރުޓީ އެޑްވައިޒަރުކަން ކުރެއްވި ތިންވަނަ ބޭފުޅާއެވެ.
ހަރުކަށި ސިޔާސަތެއް ގެންގުޅުއްވާ ބޯލްޓަން އަކީ ވެނެޒުއެލާއާއި، އީރާން ފަދަ ގައުމުތަކާ ދެކޮޅަށް ރައީސު ޓްރަމްޕްގެ ސަރުކާރުން ގެންގުޅޭ ހަރުކަށި ސިޔާސަތު މޭސްތިރިއެވެ.