ވޯލްޑްކަޕް ކޮލިފައިންގގައި މިރޭ ދިވެހި ރާއްޖެ އާއި ޗައިނާ ބައްދަލު ކުރާ މެޗު ބައްލަވާލައްވައި ރާއްޖެއަށް ސަޕޯޓު ކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިޙުވެސް ވަޑައިގަންނަވަން ނިންމައިފިއެވެ.
ގަލޮޅު ދަނޑުގައި މިރޭ ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގައި ރާއްޖެއަށް ސަޕޯޓު ކުރައްވަން ރައީސް ސޯލިޙު ވަޑައިގަންނަވާއިރު، ރާއްޖޭގެ ގައުމީ ޓީމުގެ ޖޯޒީ ރަސްމީކޮށް އިފްތިތާހު ކުރުންވެސް އޮންނާނީ މިރޭ ދަނޑުގައެވެ. ގައުމީ ޖޯޒީ އިފްތިތާހުކޮށް ދެއްވާނީވެސް ރައީސް ސޯލިޙެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ ޗައިނާއާ ދެކޮޅަށް ރާއްޖެ ނުކުންނަ މެޗުގައި ރާއްޖެއަށް ސަޕޯޓު ކުރެއްވުމަށްޓަކައި ރައީސް ސޯލިޙުގެ އިތުރުންވެސް ސަރުކާރުގެ ބަޔެއް ވަޒީރުންނާއި ބަޔެއް އެހެނިހެން އިސްވެރިންވެސް ވަޑައިގަންނަވާނެއެވެ.
މިރޭ ދިވެހި ސަޕޯޓަރުންގެ ތެރޭގައި ރާއްޖެއަށް ސަޕޯޓު ކުރައްވަން ހުންނަވާ އެންމެ އިސް ބޭފުޅަކަށް ރައީސް ސޯލިޙު ވެގެންދާއިރު އެމަނިކުފާނު ވަނީ ދާދިފަހުން މޮރިޝަޝްގައި ނިމިގެންދިޔަ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ގައުމީ ޓީމުތައް ކުޅުނު ސްޓޭޑިއަމްތަކަށް ވަޑައިގެން ވަރަށް ފޯރިއާއެކު ދިވެހި ޓީމު ތަކަށް ސަޕޯޓު ކުރައްވާފައެވެ.
ރާއްޖެއާއި ޗައިނާ މިރޭގެ މެޗަށް ނުކުންނައިރު މެޗުގެ ފޯރި ގަދަވެގެން ގޮސްފައި ވަނީ ގިނަ ދުވަސް ތަކަކަށް ފަހު ގައުމީ ޓީމަށް އަލީ އަޝްފާގު ނެގުމުންނެވެ. އަޝްފާގު ގައުމީ ޓީމުން ބާކީ ކޮށްފައި ހުންނަތާ އެތައް މަހެއް ފަހުން މިރޭގެ މެޗަށް އަޝްފާގު ނަގާފައިވާއިރު މިރޭގެ މެޗުގެ ޓިކެޓުވެސް ވިއްކަން ފެށިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ވަނީ ހުސްވެފައެވެ. އަދި އަޝްފާގުގެ އެނބުރި އައުންވެސް ވެފައި ވަނީ ދިވެހި ސަޕޯޓަރުން އުފާކޮށްދިން ކަމަކަށެވެ. އަނެއްކޮޅުން ޗައިނާއަށްވެސް އޮތް އެންމެ ބޮޑު ބިރަކީ އަޝްފާގު ކަމަށް ބެލެވެއެވެ.
މިރޭގެ މެޗަށް ނުކުންނައިރު ޗައިނާގެ ޓީމުގައި އިޓަލީގެ ކޯޗެއް ހުރި އޭނާ ބުނެފައި ވަނީ މޮޅެއް ކޮންމެހެންވެސް ބޭނުން ކަމަށާއި ރާއްޖެ އަތުން މޮޅުވުމަށް ނުކުންނައިރު ޗައިނާއަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތް ކަމަށެވެ. އަނެއްކޮޅުން ރާއްޖޭގެ ކޯޗު ސެގާޓްވެސް ބުނެފައި ވަނީ ޗައިނާއަކީ ވަރުގަދަ ޓީމެއް ކަމަށާއި ނަމަވެސް ރާއްޖެ މިރޭ އޮތީ ޗައިނާއަށް ދޫދޭން ނޫން ކަމަށެވެ.