އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މިހާރު ތިއްބެވި މެމްބަރުންގެ ދައުރު މިއަދު ހަމަވެ، ކުރިޔަށް އޮތް ފަސް އަހަރަށް އޭސީސީއަށް އައްޔަން ކުރައްވަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވާ މެމްބަރުންގެ ދައުރު މާދަމާގެ ވަގުތެއްގައި ފެށިގެންދާނެއެވެ.
އޭސީސީގައި މިހާރު ތިއްބެވި މެމްބަރުންގެ ފަސް އަހަރުގެ ދައުރު ހަމަވާއިރު މަޖިލީހުން ދާދިފަހުން ވަނީ އޭސީސީއަށް އައްޔަން ކުރައްވަން ފަސް ބޭފުޅަކަށް ރުހުން ދީފައެވެ. ރައީސް އޮފީހުން ހުޅުވާލި ފުރުޞަތުގައި 60 އަށްވުރެގިނަ ފަރާތަކުން އޭސީސީއަށް ކުރިމަތި ލެއްވިއެވެ. އޭގެތެރެއިން މަޖިލީހަށް ރައީސް ފޮނުއްވި 12 ނަންފުޅެއް މަޖިލީހުން ދިރާސާކޮށް، ވޯޓަށް އެހުމަށް ފަހު އޭސީސީއަށް ކުރިޔަށް އޮތް ފަސް އަހަރަށް އައްޔަން ކުރައްވަން ރުހުން ދީފައިވާ ފަސް މެމްބަރުންނަކީ އިބްރާހިމް ޝަކީލް، ފާތިމަތު އަނޫލާ، މަރިޔަމް ޝިއުނާ، އަލީ އަޝްރަފް އަދި އައިޝަތު އަބްދުﷲ އެވެ.
މި ފަސް ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވާއިރު، މިހާރު އޮތް އޭސީސީގެ މެމްބަރުންގެ ތެރެއިން އެ ކޮމިޝަނުގެ ރައީސް ކަމުގައި ކުރިން ހުންނެވި ޙަސަން ލުތުފީ މަގާމުން އިސްތިއުފާ ދެއްވާފައިވާތީ، ކޮމިޝަނުގެ މެމްބަރުންގެ ތެރެއިން އެއް މެމްބަރެއްގެ ޖާގަ ހުސްކޮށް އޮތުމާއެކު މަޖިލީހުން ރުހުންދިން ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިބްރާހިމް ޝަކީލް ވަނީ ހުސްވި އޮގަސްޓް މަހުގެ 25 ވަނަ ދުވަހު އޭސީސީގެ މެމްބަރު ކަމުގެ ހުވާ ކުރައްވާފައެވެ. ލުތުފީގެ ޖާގައަށް ޝަކީލު ނުކުންނަވަން ފެއްޓެވި ނަމަވެސް ދެން ބާކީ ތިއްބެވި ހަތަރު މެމްބަރުން އަދި ތިއްބެވީ މެމްބަރު ކަމުގެ ހުވާ ނުކުރައްވައެވެ.
މިހާރު އޮތް ކޮމިޝަނުގައި މެމްބަރުންގެ މުއްދަތު ހަމަވެ، އާ މެމްބަރުން ކޮމިޝަނާ ހަވާލުވެޑައިގަތުމުގެ ވަގުތު ކައިރި ވެގެން އައިރު ކޮމިޝަނުގައި ކުރިން ތިއްބެވި މެމްބަރުން ވަނީ އަލަށް އައްޔަން ކުރައްވަން ރުހުން ދީފައިވާ މެމްބަރުންނާވެސް އޭސީސީގައި ރަސްމީކޮށް ބައްދަލު ކުރައްވާފައެވެ.
މާދަމާ ދައުރު ހަމަވާ އޭސީސީގެ މެމްބަރުންނަކީ ކޮމިޝަނުގެ ރައީސް މުއައްވިޒު ރަޝީދާއި، ނައިބު ރައީސް އައިމިނަތު މިންނާގެ އިތުރުން މެމްބަރު ސޮފްވަތު މުޙަންމަދު އަދި މެމްބަރު ޔަޒްމީދު މުޙަންމަދެވެ.