އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރުގައި ކާފިއު ހިންގާފައިވާތާ 32 ދުވަސް

ކަޝްމީރުގައި އިންޑިއާގެ ސިފައިން ފޯރީމަރަމުންދަނީ

އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރުގައި ކާފިއު ހިންގާފައިވާތާ 32 ދުވަސްވެއްޖެއެވެ. ކާފިއު ހިންގީ ކަޝްމީރަށް އިންޑިއާގެ ޤާނޫނުއަސާސީގެ 370 ވަނަ މާއްދާގައި ދީފައިވާ ޚާއްޞަ އިމްތިޔާޒުތައް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ނިގުޅައިގަތުމަށްފަހުގައެވެ.

ކާފިއު ހިންގި ފަހުން މޯބައިލް ފޯނު، އިންޓަރނެޓު، ޓީވީގެ ޚިދުމަތެއް ކަޝްމީރުގެ ރައްޔިތުންނަށް ނުލިބެއެވެ. ނޫސްވެރިކަމުގެ މިނިވަންކަމަށް ވަނީ ބޮޑެތި ހުރަސްތަކެއް އަޅާފައެވެ.

އިންޑިއާގެ ސިފައިން ކަޝްމީރުގެ މަގެއް ބަންދުކޮށް ރައްޔިތުންނަށް ހުރަސް އަޅަނީ

ކަޝްމީރު މީޑިއާ ސާރވިސްއިން ހާމަކުރިގޮތުގައި ކާފިއު ހިންގައި ދަތުރުފަތުރުކުރުމާއި ހިނގައިބިގައިވެ އުޅުން މަނާކޮށް ހުރަސްތައް އަޅާފައިވާތީ ކުޑަކުދީންނަށް ބޭނުންވާ ކިރާއި ކެއުން ބުއިމަށް ބޭނުންވާ ތަކެތި ހޯދައި ވިޔަފާރިކުރުން ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި ބައެއް ސަރަހައްދުތަކުގެ މީހުންދަނީ ބަނޑުހައިހޫނުކަން ތަހައްމަލުކުރަމުންނެވެ.

އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރުގެ އަވަށްތަކާއި ވާދީތަކުގައި އޮތީ ކާފިއު ހިންގާފައެވެ. އެކަމުގެ ސަބަބުން އެތައް ލައްކަ މުސްލިމުންނަށް ޢީދު ނަމާދެއްވެސް ނުކުރެވުނެވެ. ހުކުރު ދުވަސްދުވަހު ކާފިއު ހިންގުމުގެ ސަބަބުން ކަޝްމީރުގެ މުސްލިމުންނަށް ފަރުޟު ހުކުރު ނަމާދު ކުރެވޭ ގޮތެއް ނުވެއެވެ.

ކާފިއުގެ ސަބަބުން ކަޝްމީރު ރައްޔިތުންގެ ފިހާރަތައް ބަންދުކުރަންޖެހިފައި

އިޤްތިޞާދީ ދާއިރާއިން ނޯބަލްޕްރައިޒް  ހޯއްދަވާފައިވާ ޑރ. އަމްރްތިޔާ ސީން ވިދާޅުވިގޮތުގައި ޖުމްހޫރިއްޔަތާއި ނުލައި ކަޝްމީރަށް ސުލްޙަވެރި ހައްލެއް ނުހޯދޭނެއެވެ.

"ކަޝްމީރަކީ ކަޝްމީރު މީހުންގެ ތަނެއް. އެމީހުން އެދުމާއި ހުށަހެޅުންތައް ރަނގަޅު." ޑރ. އަމަރުތިޔާ ވިދާޅުވިއެވެ. "ކަޝްމީރުގެ ވެރިން ހިފައި ހައްޔަރުކޮށް ބަންދުކޮށްގެން ގެންޅުމާ ކަނޑައެޅިގެން އަޅުގަނޑު ދެކޮޅު."

ކަޝްމީރުގައި ހިންގާފައިވާ ކާފިއު އުވާލައި ރައްޔިތުންނަށް މިނިވަންކަން ދިނުމަށް ދުނިޔޭގެ އެތައް ގައުމުތަކުގެ ވެރިންނާއި ބައިނަލްއަޤްވާމީ ޖަމްއިއްޔާ، ޖަމާޢަތްތަކުން ގޮވާލާފައި ވާއިރު ވެސް އިންޑިއާގެ ހަރުކަށި އަދި އަނިޔާވެރި ސަރުކާރުން ގެންދަނީ ކަޝްމީރުގެ ރައްޔިތުންނަށް ބަޔާންކުރަން ދަތި އަނިޔާތަކެއް ދެމުންނެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.