ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން އަބްދުﷲއާ ބެހޭ ރިޕޯޓު އެކުލަވާލި މަރުތަކާބެހޭ ކޮމިޝަނުގެ ހުރިހާ ބޭފުޅުންނަށްވެސް ދައުލަތުން ރައްކާތެރިކަން ކަށަވަރު ކޮށްދެއްވަން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުގަތްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވީ ޤާނޫނީ ވަކީލް މަހްފޫޒް ސައީދު ކުރެއްވި ޓްވީޓަކަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވައެވެ. ވަކީލު މަހްފޫޒު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ މަރު ކޮމިޝަނުގެ ރައީސް، ހުސްނުއްސުއޫދާއި، އެ ކޮމިޝަނުގެ އެހެން މެމްބަރުންގެ އިތުރުން ކޮމިޝަނުގައި މަސައްކަތް ކުރައްވާ ހުރިހާ މުއައްޒަފުންނަށްވެސް ދައުލަތުގެ ފަރާތުން ރައްކާތެރިކަން ކަށަވަރު ކޮށްދީ، ސެކިއުރިޓީގެ ރަނގަޅު އިންތިޒާމު ތަކެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ.
މަހްފޫޒުގެ މި ޓްވީޓާއި ގުޅުވައިގެން ސަރުކާރު ކޯލިޝަނުގައިވެސް ހިމެނިވަޑައިގަންނަވާ އެއް ލީޑަރު، މައުމޫން ވިދާޅުވީ "ތިޔަ ވިދާޅުވި ވާހަކަފުޅަށް ވަރަށް ބޮޑަށް ތާއީދު" ކަމަށެވެ. މަރު ކޮމިޝަނުން ރިލްވާނާބެހޭ ރިޕޯޓު ނެރުމާއެކުވެސް މައުމޫން ވަނީ އެފަދަ ތަފުސީލު ރިޕޯޓެއް އެ ކޮމިޝަނުން ނެރުނީތީ ޝުކުރު އަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި މަރުތަކާބެހޭ ކޮމިޝަނުން އާންމުކުރި ރިލްވާނުގެ ރިޕޯޓުގައިވާ ގޮތުން ރިލްވާން ވަނީ ކަނޑުމަތީ އޮތް ދޯންޏަކަށް ގެންގޮސް ބޯ ބުރިކޮށްލުމަށް ފަހު ކަނޑު ފައްތާފައެވެ. އަދި އެކަން ކުރުމުގައި ހަރަކާތްތެރިވި މީހުންނާއި އެކަން ރޭވި މީހުންގެ ނަންތަކަށް ދަންދެން އެރިޕޯޓުގައި ވަނީ ހިމަނާފައެވެ.
ރިޕޯޓުގައިވާ ގޮތުން ހުޅުމާލެއިން ގަދަކަމުން ރިލްވާން ކާރަކަށް އަރުވައިގެން ގެންގޮސް، ހުޅުމާލޭ ފަޅުގައި އޮތް ޑިންގީއަކަށް އެރުވުމަށް ފަހު ދެން ގެންދިޔައީ ކަނޑުގައި އޮތް ދޯންޏަކަށެވެ. އެއަށްފަހު އޭނާގެ ބޯ ބުރިކޮށްލައި ދަލަކަށްލައި އޮޅާލުމަށް ފަހު ކަނޑު ފެއްތީ ކަމަށްވެއެވެ. ބަޔެއް ހެކިން ބުނެފައި ވަނީ މަރާލުމުގެ ކުރިން ޝަހާދަތްވެސް ލައި ދިން ކަމަށެވެ.
ރިލްވާން މަރާލުމުގެ ކަންތައް ރާވައި، އެކަން ކޮށްފައި ވަނީ ދީނީގޮތުން ހަރުކަށި ފިކުރުގެ ބަޔެއްކަންވެސް ރިޕޯޓުގައި ބުނެފައިވެއެވެ.