އެއްބަސްވުމަކާ ނުލައި ވިޔަސް 31 އޮކްޓޯބަރުގައި އިނގިރޭސިވިލާތް ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ވަކިކުރެއްވުމަށް ބޮޑުވަޒީރު ބޮރިސް ޖޮންސަން ގެންގުޅުއްވާ ސިޔާސަތާ ދެކޮޅު މެންބަރުން، އެކަން ހުއްޓުވުމަށް ކުރާ މަސައްކަތުގައި ޖޮންސަންގެ ޕާޓީގެ މެންބަރުންވެސް ބައިވެރިވެވަޑައިގަންނަވާތީ، ގާނޫނުހަދާ މަޖިލީހުގެ ތިރީގެ (ހައުސް އޮފް ކޮމަންސް) ގައި ދެ ފަރާތުން ކުރިމަތިލުމަކަށް ދާނެ ކަމަށް ބެލެވެން ފަށައިފިއެވެ.
ޗުއްޓީއަށް ފަހު ހައުސް އޮފް ކޮމަންސްގެ ޖަލްސާތައް މާދަމާ، 3 ސެޕްޓެބަރުގައި، ފެށޭއިރު، ޖޮންސަންގެ ސިޔާސަތު ތަންފީޒުކުރުން ހުއްޓުވުމަށް އޭނާއާ އިދިކޮޅު މެންބަރުން ދަނީ މަސައްކަތްކުރައްވަމުންނެވެ.
ޖޮންސަންގެ ޕާޓީ، ކޮންޒާވެޓިވް ޕާޓީގެ މެންބަރުންގެ ތެރެއިން އޭނާގެ ޕްލޭނާ އެންމެ ބޮޑަށް ދެކޮޅު ހައްދަވާ ކުރީގެ ޗާންސެލާ އޮފް އެކްސްޗެކާ (މާލީ ވަޒީރު) ފިލިޕް ހެމަންޑް ވިދާޅުވެފައި ވަނީ، އީޔޫއިން އިނގިރޭސިވިލާތް ވަކިވުން (ބްރެގްޒިޓް) ލަސްކުރުމަށް ހުށަހަޅާ ބިލް ފާސްވުމަށް ބޭނުންވާ ވަރަށް ވޯޓުލިބޭނެކަމަށް އޭނާއަށް ގަބޫލުކުރެވެއެވެ.
ހައުސް އޮފް ކޮމަންސް ގައި ތިއްބަވާ ކޮންޒާވެޓިވް ޕާޓީގެ މެންބަރުގެ ތެރެއިން ބޮޑުވަޒީރުގެ ޖޮންސަންގެ ބްރެގްޒިޓް ސިޔާސަތާ ދެކޮޅު ހައްދަވާ 22 މެންބަރުންނާ އިއްޔެ ބައްދަލުކުރައްވައި އޭނާ ވަނީ އޭނާގެ ސިޔާސަތަށް "ބޭނުމެއް ނެތް ގޮތުގައި" ދެކޮޅު ހެދުން ހުއްޓާލުމަށް ގޮވައިލައްވާފައެވެ. އެހެންނަމަވެސް، ބޮޑުވަޒީރު ވާހަކަދައްކަވަމުން ގެންދެވިއިރު، "ބަޣާވާތް ހުއްޓާލާ" ގޮވާ އަޑު އިވެމުން ދިޔައެވެ.
"އަހަރުމެންގެ ވައުދައް ދޫކޮށް ފަހަތަށް ޖެހުމާއި، ފެންނަ ނުފެންނަ ވޯޓު (އީޔޫއިން ވަކިވާން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ނެގި ވޯޓު) ނެތް އެއްޗަކަށް ހަދަން ކުރެވޭ އެއްވެސް މަސައްކަތެއް އަހަރެން ގަބޫލުނުކުރާނަން." އެ މެންބަރުންނާ އޭނާގެ އޮފީސް، 10 ޑައުނިންގް ސްޓްރީޓްގައި ބައްދަލުކުރައްވަމުން ޖޮންސަން ވިދާޅުވިއެވެ.
އެހެންނަމަވެސް، އޮކްޓޯބަރު 14 ގައި އިނގިރޭސިވިލާތުގައި އާއްމު އިންތިޚާބެއް އޮންނާނެކަމަށް ދެކެވޭ ވާހަކަތައް ހުއްޓުވަން ބޮޑުވަޒީރު ޖޯންސަންގެ ވާހަކަފުޅު ނުފުދޭ ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެހެނީ، އުތުރު އަޔަރލޭންޑްގެ ޑިމޮކްރެޓިކް ޔުނިއަނިސްޓް ޕާޓީގެ ތާއީދާއެކުވެސް، ގާނޫނުހަދާ މަޖިލީހުގައި ޖޮންސަންއަށް ލިބިވަޑައިގެންފައި ވަނީ އެންމެ ގޮނޑިއެއްގެ އަޣުލަބިއްޔަތެވެ.
ކަން މިހެން އޮތް އިރު، އޭނާގެ އަމިއްލަ ޕާޓީގެ އެތައް މެންބަރަކު އޭނާއާ ދެކޮޅަށް ނުކުމެވަޑައިގަތުމުން އޭނާއަށް ވެރިކަން ދެމެހެއްޓެވުން އުނދަގޫ ކަމަކަށް ވާނެއެވެ.
އިދކޮޅު ލޭބާ ޕާޓީގެ ލީޑަރު ޖެރެމީ ކޯބިން ވިދާޅުވެފައި ވަނީ އޭނާގެ ޕާޓީ އޮތީ އާއްމު އިންތިޚާބަކަށް ދާން ތައްޔާރަށް ކަމުގައެވެ.
ހައުސް އޮފް ކޮމަންސްގެ ޖަލްސާތައް މާދަމާ ފެށިގެން ކުރިއަށްދާ ގޮތަކުން އޮކްޓޯބަރުގައި އާއްމު އިންތިޚާބަކަށް ދާން ޖެހޭތޯ އެނގިގެން ދާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.