ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގަތްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިންގެ މައްސަލައިގައި ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅުއްވި ހެކިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އޭސީސީގެ ކުރީގެ ރައީސް ޙަސަން ލުތުފީ، މި މައްސަލައިގައި ހެކިބަސް ދެއްވަން ޝަރީއަތުގެ މަޖިލީހަށް ވަޑައިގަތުމަށް އިއުތިރާޒު ކުރައްވާފައިވާތީ ތަހުގީގުގައި ލުތުފީ ދެއްވި ބަޔާނުގެ ވީޑިޔޯ ރެކޯޑިންގް ހެއްކެއްގެ ގޮތުގައި އަޑު އެހުމާމެދު ދެން އޮންނަ ޝަރީއަތުގެ މަޖިލީހުގައި ގޮތެއް ނިންމަވާނެ ކަމަށް މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ ހައިލަމް ވިދާޅުވެއްޖެއެވެ.
ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅުއްވި ހެކިވެރިންގެ ތެރެއިން ލުތުފީ ފިޔަވައި އެހެން ހުރިހާ ހެކިވެރިންގެ ހެކިބަސް މިއަދު ނަގައި ނިމުމާއެކު ދައުލަތުން އެދުނީ ލުތުފީގެ ބަޔާނުގެ ވީޑިޔޯ ރެކޯޑިންގް ޝަރީއަތުގައި ހެއްކެއްގެ ގޮތުގައި ބޭނުންކުރަން ދައުލަތުން އެދޭ ކަމަށެވެ. ދައުލަތުން ބުނީ ލުތުފީ ޝަރީއަތުގައި ހެކިބަސް ދެއްވަން ބޭނުންފުޅު ނޫން ކަމަށްވާނަމަ އެކަން ލިޔުމަކުން ދެއްވަން އަންގަވާފައިވާނެ ކަމަށާއި، ތަހުގީގަށް ލުތުފީ ދެއްވި ބަޔާނަކީ ބިރު ދައްކައިގެން ނަންގަވާފައިވާ ބަޔާނެއް ކަމަށް ލުތުފީ ވިދާޅުވި ނަމަވެސް އެ ބަޔާން ޝަރީއަތުގެ މަޖިލީހަށް އިއްވުމުގެ ފުރުޞަތަށް އެދޭ ކަމަށެވެ.
ދައުލަތުން މިގޮތަށް ބުނުމާއެކު ގާޒީ ހައިލަމް ސުވާލު ކުރެއްވީ ލުތުފީގެ ބަޔާނުގެ ވީޑިޔޯ ރެކޯޑިންގް ދައުލަތުން ހުށަހަޅާފައިވާނެތޯއެވެ. ދައުލަތުން ވީޑިޔޯ ރެކޯޑިންގް ހުށަހަޅާފައިވާނެ ކަމަށް ބުނުމާއެކު ގާޒީ ވިދާޅުވީ ލުތުފީގެ ވީޑިޔޯ ރެކޯޑިންގް އިއްވުމާމެދު ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ގޮތެއް ނިންމަވާނެ ކަމަށެވެ. އަދި ޝަރީއަތުގައި ހެކިބަސް ދިނުމަކީ ކުރަންޖެހޭ ކަމެއް ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
ގާޒީ މިހެން ވިދާޅުވުމާއެކު ޔާމީންގެ ވަކީލުންގެ ޓީމުން ވަނީ ވަގުތުން އެކަމަށް އިންކާރު ކޮށްފައެވެ. ދިފާއުން ބުނީ ލުތުފީގެ ބަޔާން ދެއްވި ވީޑިޔޯ ޝަރީއަތަށް ބަލައިގަނެވޭނެ ގޮތެއް ނެތް ކަމަށެވެ. އެހެންވެ އެ ވީޑިޔޯ ޝަރީއަތަށް ބަލައިގަތުމާމެދު ދިފާއުން ވަނީ ވަރަށް ބޮޑަށް އިންކާރު ކޮށްފައެވެ. ނަމަވެސް ދިފާއުގެ އެ ވާހަކަ ތަކަށްފަހުވެސް ގާޒީ ހައިލަމް ޝަރީއަތް ނިންމާލެއްވީ ދައުލަތުން އެ ފާހަގަކުރި ލުތުފީ ބަޔާންދެއްވި ވީޑިޔޯ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ބަލައިގަތުމާމެދު ގޮތެއް ނިންމާވާނެކަން އިއުލާން ކުރައްވަމުންނެވެ.
ދައުލަތުން ހުށަހެޅި ހުރިހާ ހެކިވެރިންގެ ހެކިބަސް މިއަދުގެ ޝަރީއަތުގެ މަޖިލީހާ ހަމައިން ވަނީ ވަނީ ނަގާ ނިމިފައެވެ. ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ދިފާއުން ހުށަހަޅާފައިވާ ހެކިވެރިޔާގެ ހެކިބަސް ނެގުންވެސް އޮންނާނެއެވެ. ދިފާއުން ހުށަހަޅާފައި ވަނީ އެންމެ ހެއްކެކެވެ.