ޝަހީބާއި ޒައިނާ ވަކިކުރަން ކޮމިޓީން ފޮނުވި މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް މުޙަންމަދު ޝަހީބާއި، ނައިބު ރައީސް ފާތިމަތު ޒައިނާ މަގާމުން ވަކިކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފޮނުވާފައިވާ ރިޕޯޓާމެދު ގޮތެއް ނިންމުން މާދަމާ ހެނދުނު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

ޝަހީބާއި ޒައިނާ އެ ކޮމިޝަނުން ވަކިކުރަން މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާސްކޮށް، އެކަން މަޖިލީހުގެ ތަޅުމަށް ފޮނުވާފައި އޮންނަތާ މިހާރު މަހެއްހާ ދުވަސްވާން ވަނީ ކައިރި ވެފައެވެ. އެންމެ ފަހުން އޮތް މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ލަސްވި ލަސްވުމާމެދު ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުޙަންމަދު ނަޝީދު ވިދާޅުވީ ކޮމިޓީން އެދެބޭފުޅުން ވަކިކުރަން ނިންމައި، ފޮނުވި ނަމަވެސް އެ މައްސަލަ މިހާދުވަސް ވަންދެން ތަޅުމަށް ނުގެނެސް ބޭއްވީ އެކަން ކުރުމުގައި ކޮމިޓީން އަމަލުކުރެއްވި ގޮތުގެ އިޖުރާއަތްތަކާމެދު ސީދާ އެމަނިކުފާނުގެ ކަންބޮޑުވުން ތަކެއް ހުރުމުން ކަމަށެވެ.

ނަޝީދު ވިދާޅުވީ ޝަހީބާއި ޒައިނާ ވަކިކުރަން މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މަޖިލީހުގެ އިދާރާއަށް ފޮނުވި ވަގުތަކީ މަޖިލީހުގެ ހިންގާ ގަވައިދަށްވެސް ބޮޑެތި އިސްލާހުތަކެއް ގެންނަމުން ދިޔަ ވަގުތެއްގައި ކަމަށާއި މިހާރު އާ ގަވައިދުގައި އެފަދަ ކަންކަން ކުރުމުގެ އިޖުރާއަތުތައްވެސް ފުރިހަމައަށް ހުންނާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ ޝަހީބާއި ޒައިނާ ވަކިކުރަން ހުށަހެޅި މައްސަލައިގައި ޖޫން 19 ވަނަ ދުވަހު ބޭއްވި މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ހަވަނަ ބައްދަލުވުމުގައި، އެ ބައްދަލުވުމުގެ ތެރެއިން ބްރޯޑްކޮމްގެ މެމްބަރުން ދެއްވާފައިވާ މައުލޫމާތުތަކާއި ގުޅިގެން ކޮމިޝަނުގެ މެމްބަރުންނަށް ޤާނޫނީ ގޮތުން އަދާކުރަންޖެހޭ ޒިންމާ އަދާކުރެވިފައިވާ ގޮތް ބެލުމަށް ފާހަގަ ކުރެވުނީ ކަމަށާއި ހަމައެކަނި އެކަމާގުޅިގެން އެބޭފުޅުން ސީދާ ވަކިކުރަން ނިންމުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުގެ ކުރިމަތީގައި މިވަގުތު އޮތް ސުވާލަކީ މިހާރު މިނިވަން މުއައްސަސާތަކާގުޅޭ ކޮމިޓީން މަޖިލީހުގެ އިދާރާއަށް ފޮނުވާފައި އޮތް ރިޕޯޓު އަލުން އަނބުރައި އެ މަސައްކަތް ހިންގުމަށް ކޮމިޓީއަށް ފޮނުވަންތޯ އަޅުގަނޑު ނިންމަނީ. ނުވަތަ މިހާރު އެއޮތް ހިސާބުން ތަޅުމަށް ގެނެސް އެ ރިޕޯޓަށް ވޯޓަށް އެހުންތޯ" މިދިޔަ ހަފްތާގައި އޮތް މަޖިލީހުގެ އެންމެ ފަހު ޖަލްސާގައި އެކަމަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވިއެވެ.

އެދުވަހު ނަޝީދު ވިދާޅުވީ އެ ސުވާލު ކުރިފުޅުމަތީގައި އޮތުމާއެކު އެކަމާބެހޭ މަޝްވަރާތައް މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކުވެސް ކުރައްވަން ބޭނުންފުޅު ކަމަށެވެ. މިކަމުގައި ނަޝީދުގެ ވިސްނުންފުޅު ބޮޑަށް ހުރީ މި މައްސަލަ އަނބުރައި ކޮމިޓީއަށް ފޮނުވާލުމަށެވެ. ނަމަވެސް މިކަމުގައި މަޖިލީހުގެ ގިނަ މެމްބަރުންގެ ވިސްނުންފުޅު ހުރިގޮތެއް ސާފު ވެގެންދާނީ މާދަމާގެ ޖަލްސާގައެވެ. ހެނދުނު އޮންނަ ޖަލްސާގެ ތިންވަނަ އައިޓަމަކަށް އޮތީ އެ މައްސަލައިގައި ގޮތެއް ނިންމުމެވެ. ޝަހީބާއި ޒައިނާ ވަކިކުރަން ކޮމިޓީން ފޮނުއްވުމުން އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ނުގެނެސް ލަސްވަމުންދާތީ އެ ކޮމިޓީގެ ބަޔެއް މެމްބަރުންވެސް މީގެކުރިން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ބްރޯޑްކޮމްގެ ރައީސް ޝަހީބާއި ނައިބު ރައީސް ޒައިނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މަޖިލީހުގެ އިދާރާއަށް ފޮނުވާފައިވާއިރު އެ ކޮމިޝަނުގައި މިހާރު ތިއްބެވި އަނެއް ތިން މެމްބަރުންވެސް ވަކިވަކިން ކޮމިޓީއަށް ޙާޒިރުކޮށް ވަނީ ސުވާލު ކޮށްފައެވެ. ކޮމިޓީގެ ގިނަ މެމްބަރުންގެ ވިސްނުންފުޅު އޭރު ހުރީ ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ހުރިހާ މެމްބަރުން މަގާމުން ވަކި ކުރުމަށެވެ. އެދުވަސް ވަރު ކޮމިޝަނުގެ ދެމެމްބަރަކު ވަނީ މަގާމުން އިސްތިއުފާވެސް ދެއްވާފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.