ލޯންޗް ބަންޑުން ޖަހާލި ހާދިސާއިން އާކޮށްދިނީ އެނަމާ ބޯޓްގެ ހިތާމަވެރި ހާދިސާ ގެ ހަނދާންތައް

ފޮޓޯ: ކުޅުދުއްފުށި އޮންލައިން

ހދ. ނޮޅިވަރަންފަރަށް މިއަދު ލިބިފައިވާ ހިތާމައަކީ ދުލުން ކިޔައިދެވޭނެ ގަލަމުން ލިޔެދެވޭނެ ވަރަށްވުރެ ބޮޑު ހިތާމައެކެވެ. އެރަށުގެ ފަސްމީހަކު އެއްފަހަރާ މަރުވެގެން ދިޔަ ކަނޑުމަތީގެ ހިތާމަވެރި ޙާދިސާއެވެ. އެއް އާޢިލާއަކަށް ނިސްބަތްވާ ފަސް މީހުން ހިމެނިގެން ދިއުމެވެ. ދެމަފިރިންނާއި އެމީހުންގެ ހަމަ އެކަނި ހުރި އަންހެން ދަރިފުޅާއި ކާފަ، މާމަ ކިޔާދަރިފުޅެވެ. އަދި ހަމަ އެހެންމެ އަވަށްޓެރި އެކުވެރިޔަކުގެ ނިމުން ގެނުވި ހިތާމަވެރި ކަނޑުމަތީގެ ޙާދިސާ އެވެ.

އިއްޔެ މުޅި ރާއްޖެ ސިއްސުވާލި މި ހިތާމެވެރި ޙާދިސާއިން ހަނދާން އާކޮށްދެނީ މިހާތަނަށް ރާއްޖޭގައި ކަނޑުމަތީގައި ހިނގާ ދިޔަ އެންމެ ހިތާމަވެރި ހާދިސާ ކަމުގައިވާ އެނަމާ ބޯޓް ބަންޑުން ޖަހާލާ ގދ. ތިނަދުއަށް އުފަން 24 މީހުން މަރުވެ 2 މީހަކު ވީނުވީއެއް ނޭނގި ގެއްލުނު ޙާދިސާ އެވެ. އެއީ މީގެ ފަނަރަ އަހަރު ކުރިއެވެ. ދެހާސް ހަތަރުވަނަ އަހަރުގެ މާރޗް މަހުގެ 17 ވީ ބުދަ ދުވަހުގެ ރެއެވެ.

ގއ.ވިލިނގިލީގައި ކުޅުނު ޒޯނު ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗު ބެލުމަށްފަހު ގާތްގަނޑަކަށް 122 މީހުންނާއެކު "އެނަމާ" ބޯޓު ތިނަދުއަށް ފުރީ ވަރަށް ނިޔާމަ ދަތުރަކަށް އެދި އެވެ. މެޗް ބަލަން ދިޔަ މީހުންގެ ތެރޭގައި ކުދިބޮޑު އެކި ޢުމުރުގެ މީހުން ހިމެނެއެވެ. "އެނަމާ" ބަންޑުން ޖަހާލި ހާދިސާ ހިނގީ، ފުރައިގެން ތިނަދުއަށް ދަތުރުކުރަނިކޮށް އެރޭގެ 8:30 ހާ އިރުއެވެ. އެނަމާ ބޯޓް ބަންޑުން ޖަހާލުމުގެ ހާދިސާ ހިނގީ ވިއްސާރަވެ މޫސުމް ގޯސްވެގެނެއް ނޫނެވެ. ވިލިނގިލިން ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އިންޖީނަށް މައްސަލައެއް ދިމާވިއެވެ. ނަމަވެސް އިންޖީނަށް ދިމާވި މައްސަލަ ވެސް ޙައްލުކޮށް ދަތުރުގައި ކުރިއަށް ދަނިކޮށް ކުއްލިއަކަށް އައި ރާޅުބާންޏެއްގައި ޖެހިގެން ކަމަށް ބުނެވެއެވެ. މި ރާޅު ބާންޏަކީ އެ ބޯޓާއި ގާތްގަނޑަކަށް 40 ވަރަކަށް ފޫޓު ދުރުން ދަތުރުކުރި "އަރުތަ" ނަމަކަށް މަސްދޯނީގެ ބާންޏެއްކަމަށްވެއެވެ. ބޯޓް ބަންޑުން ޖަހާލިއިރު އެބޯޓު ގައި މުދަލަކަށް ހުރީ ކައްކާ ގޭސް ހުސްކުރި 88 ފުޅިއާއި އޮކްސިޖަން ހުސްކުރި 10 ފުޅި އެކަންޏެވެ. ބޯޓުން ދަތުރުކުރި ގިނަ މީހުން ތިބީ ބޯޓުގެ ގެނގަނޑުމަތީގައި ކަމުން، އުފެދިގެން އައި ބާނި ރާޅުގައި ޖެހި ބެލެންނުވެ ފަސޭހައިން ބޯޓު ބަންޑުން ޖަހާލީ ކަމަށްވެއެވެ.

އެ ޙާދިސާއަށްފަހު ތިނަދުއަށް ކުރިމަތިވެފައި އޮތް ހިތާމަ ވަރަށް ގާތުން ތަޖުރިބާ ކުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނެވެ. އަދި ބޯޓް ބަންޑުން ޖަހާލައިފައި އޮތްތަނަށްވެސް ދިއުމުގެ ފުރުޞަތު ލިބުނެވެ. އަޅުގަނޑަށް އެތަނަށް ދިޔައިރު މާކަނޑުގައި ފެންނަން އޮތީ އެ "ބޮޑު" ބޯޓްގެ ބަނޑުފުށެވެ. އެހެންބައިތައް އޮތީ އަޑީގައެވެ. ހާދިސާ ހިނގި ވަގުތު އެބޮޑު ބޯޓުން މީހުން ސަލާމަތްވާން އުޅޭނެ ގޮތް އިޙްސާސްވެ ލޮލުން ކަރުނަ ފޭދުނެވެ. ހާދިސާ ތަޖުރިބާ ކުރި މީހުންނާ އިންޓަވިއުކުރަމުން ދިޔައިރު ހިތްފަޅައިގެންދާވަރު ވިއެވެ. އޭއީ މީގެ ފަނަރަ އަހަރު ކުރިއެވެ. އަނެއްކާވެސް ކަނޑު މަތީގެ ހިތާމަވެރި ހާދިސާ އެކެވެ.

އަޅުގަނޑުމެންނަކީ، ވަށައިގެން ކަނޑު އޮންނަ ޖަޒީރާތަކެއް ގައި ދިރިއުޅޭ ބަޔަކަށް ވުމުން، ކަނޑު ދަތުރު ފަތުރަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި ނުކޮށް ނުވާނެކަމެކެވެ. އަޅުގަނޑުމެން މާލޭގައި ދިރި އުޅޭ މީހުން މިހާރު ބްރިޖުން ދަތުރު ކުރިނަމަވެސް ކުރިން ކުދިބޮޑު އެންމެންވެސް އެއަރޕޯޓާއި އަދި ހުޅުމާލެއަށްވެސް ދަތުރު ކުރަނީ ކަނޑު މަގުންނެވެ. ކިތަންމެ މޫސުން ގޯސްވިއަސް ދާންޖެހިއްޖިއްޔާ ކަނޑުމައްޗަށް ނާރާ ނުވެއެވެ. މާލޭގައި އުޅޭ މީހުން ވިލިނގިއްޔަށް ވިލިނގިނލީގައި އުޅޭ މީހުން މާލެއަށް އަންނަން ވިއަސް މި ނޫން ގޮތެއް ނެތެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކަން އޮތީ މިގޮތަށެވެ. ދިގު ދަތުރުތައް ވައިގެ މަގުން ކުރެވެން އެބަ އޮތެވެ. ނަމަވެސް އެއަރޕޯރޓަށް ދާން، ކަނޑުމައްޗަށް ނާރައި ނުވެއެވެ. އެއީ ދިހަ މިނެޓް ނޫނީ ފަސް މިނެޓްގެ ކުރު ދަތުރަކަށްވެސް ވެދާނެ އެވެ. ނަމަވެސް ބަލަންވީ ދަތުރުގެ ދިގު ކުރު މިނަކަށް ނޫންކަން އިހަށް ދުވަހުގެ ހާދިސާއިން ވެސް އަޅުގަނޑުމެން ޤަބޫލު ކުރަންޖެހެވެ. މޫސުމަށާއި ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށެވެ. ލައިފް ޖެކެޓްތައް ބަހަށްޓަންވީބަންދުކޮށް ގޮނޑިތަކުގެ ދަށަށް ލައިފައެއް ނޫނެވެ. ދަތުރުކުރާ އެންމެންވެސް ދަތުރު ފެށިގެން ނިމެންދެން ލައިފްޖެކެޓް އަޅުވާފައި ބައި ތިއްބަންވީއެވެ. ކަޑުގަދަ ވިޔަސް ނުވިޔަސް މެއެވެ. ދަތުރު ކުރުވިއަސް ނުވިއަސް މެއެވެ.

ނަމަވެސް ހިތާމަ އަކީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅުގަނޑުމެންނަށް ނުބެލޭ ކަމެވެ. ލައިފް ޖެކެޓް ހުއްޓަސް އެ ތަކެތި ބޭނުން ކުރަންވީ ގޮތުގެ އިރުޝާދެއް މިހާތަނަށް ކަނޑު މަގުން އަޅުގަނޑު ކުރި އެއްވެސް ދަތުރެއްގައި އުޅަނދުގެ ފަރާތުން ދީފައެއް ނުވެއެވެ. ކަނޑުމަތީގެ ދަތުރުތައް އެހާ ގިނައިން ކުރެވިފައިވާއިރު ދުވަހަކުވެސް އަދި ލައިފްޖެކެޓެއް ނާޅަމެވެ. މިހާތަނަށް ލައިފް ޖެކެޓް އެޅުނީ ހުޅުމާލޭގައި އޮންނަ ވޯޓަރ ސްޕޯރޓްސްގެ އުޅަނދަކަށް އަރަން އެކަންޏެވެ. ނަމަވެސް އެއީ މާކަނޑެއް ނޫނެވެ. އެއީ ފަޅެވެ. އެހެންވީއިރު އަޅުގަނޑުމެން މާކަނޑަށް ނުކުންނަ އިރު ލައިފް ޖެކެޓް އެޅުން މާ މުހިންމެވެ.

އިހަށް ދުވަހު ހިނގާ ދިޔަ ހިތާމަވެރި ހާދިސާއާ ގުޅިގެން ޓްރާންސް ޕޯރޓް އޮތޯރިޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ ކަނޑު ދަތުރުކުރާއިރު ލައިފް ޖެކެޓް އެޅުވުމަކީ އުޅަދު ފަހަރުގެ ކެޕްޓަނުންގެ މަސްޢޫލިއްޔަތެއް ކަމުގައެވެ. ލައިފްޖެކެޓްގެ މައްސަލައަކީ ހަމަ އެކަނީ ކެޕްޓަންގެ މަސްޢޫލިއްޔަތަކަށް ދޫކޮށްލައިފައި ނުބާއްވައި، ދެން ވެސް ކަނޑުމަތީގެ ޙާދިސާއެއްގައި ބައެއްގެ ފުރާނަ ގެއްލުމުގެ ކުރިން ލައިފް ޖެކެޓް އުޅުވުން ތަންފީޒު ކުރުވަންވީއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.