ޔޫރަޕުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ

ވޭލްސްގައި ކުޑަކުއްޖަކަށް ވެކްސިން ދެނީ

ޔޫރަޕުގައި ހަލުވިކަމާއެކު ހިމަބިހި (Measles) ފެތުރެމުންދާ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ދީފިއެވެ. ވެކްސިން ދިނުމުގެ މަސައްކަތް އިތުރުކުރުމަށް ޔޫރަޕްގެ ގައުމުތަކަށް ގޮވާލަމުން ޑަބްލިޔުއެޗްއޯއިން އިއްޔެ ބުނެފައި ވަނީ ހިމަބިހި މުޅިން ނައްތާލެވިފައިވާކަމަށް ކުރިން އެ ޖަމްއިއްޔާއިން އިއުލާންކޮށްފައިވާ ޔޫރަޕްގެ ހަތަރު ގައުމެއް މިހާރު އެ ލިސްޓުން އުނިކޮށްފައިވާ ކަމަށެވެ. އެއީ އިނގިރޭސިވިލާތާއި، ގްރީސްއާއި، ޗެކް ރިޕަބްލިކާއި، އަލްބޭނިޔާއެވެ.

ޔުކްރޭނާއި ރޯމޭނިޔާގައި ހިމަބިހި ހަލުވިކަމާއެކު ފެތުރެމުން ދާއިރު، ޕޮލެންޑް، ޗެކް ރިޕަބްލިކް، ސްލޮވާކިޔާ، އިޓަލީ، ފްރާންސް، ބަލްގޭރިޔާ އަދި ލިތުއޭނިޔާގައި ވެސް އެ ބަލި ދަނީ ފެތުރެމުންނެވެ. ޑަބްލިޔުއެޗްއޯއިން ބުނާ ގޮތުގައި މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު އެކަނީ ޔޫރަޕްގައި 90 ހާހަށްވުރެ ގިނަ މީހުންނަށް ހިމަބިހި ޖެހިފައި ވެއެވެ.

އިނގިރޭސިވިލާތުން ބުނެފައި ވަނީ އެގައުމުގައި ވެސް މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު 280 އަށް ވުރެ ގިނަ މީހުންނަށް ހިމަބިހި ޖެހިފައިވާކަން ރިކޯޑްތަކުން ދައްކާ ކަމުގައެވެ.

ޑަބްލިޔުއެޗްއޯގެ ޔޫރަޕް ސަރަހައްދުގައި ހިމެނޭ 53 ގައުމުގެ ތެރެއިން ހިމަބިހި މުޅިން ނައްތާލެވިފައިވާ ކަމަށް މިހާރު ކަނޑައަޅާފައި ވަނީ 35 ގައުމެކެވެ.

ޔޫރަޕާ މާ ދުރުގައިވާ  ގައުމެއް ކަމުގައިވާ ނިއުޒީލޭންޑުން ވެސް ވަނީ އެ ގައުމުގައި ހަލުވިކަމާއެކު ހަމަބިހި ފެތުރެމުންދާކަން އިއުލާންކޮށްފައެވެ. މިއަދު މެންދުރު 12 (ރާއްޖޭ ގަޑިން ފަތިހު 5) އާއި ހަމައަށް އެގައުމުގެ އެންމެ ބޮޑު ރަށް، އޯކްލޭންޑުން އެކަނި 750 މީހުންނަށް ހިމަބިހި ޖެހިފައިވާކަން ކަށަވަރުވެފައިވާ ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.

ނިއުޒީލޭންޑް ދުރު ހިސާބުތަކަށާއި ޕެސިފިކްގެ ޖަޒީރާ ގައުމުތަކަށް ހިމަބިހި ފެތުރުމުގެ ނުރައްކާ ބޮޑުވެފައިވާތީ އެގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ޕެސިފިކް ރަށްތަކަށް މި ބަލި ފެތުރިދާނެ ކަމުގެ ބިރު ވަރަށް ބޮޑު. ޚާއްސަކޮށް ސަމޯއާ، ޓޮންގާ އަދި ކުކް އައިލެންޑްސް ފަދަ  ވެކްސިން ދިނުމުގެ ނިސްބަތް ދަށް ރަށްތަކަށް އެކަމުގެ ނުރައްކާ ބޮޑު." ޕެސިފިކްގެ ސިއްހީ މައްސަލަތަކުގެ ތުޖުރިބާކާރެއް ކަމުގައިވާ ޓިއުލާ ޕާސިވަލް ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.