އެމެރިކާއިން ތުރުކީއަށް ވިއްކަން އެއްބަސްވެފައިވާ އަސްކަރީ މަތިންދާބޯޓު އެފް-35 ވިއްކުން ކުރިއަށް ނުގެންދާނަމަ، ރަޝިޔާގެ އަސްކަރީ މަތިންދާބޯޓު ގަންނަން ޖެހިދާނެ ކަމަށް ތުރުކީގެ ރައީސު ރަޖަބް ޠައްޔިބް އެރްދޮޣާން ވިދާޅުވެއްޖެއެވެ.
އެރްދޮޣާބް ވިދާޅުވީ އެމެރިކާގެ އެފް-35 އަސްކަރީ މަތިންދާބޯޓުގެ ޕްރޮގްރާމުން ތުރުކީ ބޭރުކޮށްފައި ވާތީ، ބަދަލުގައި އެހެން އުފެއްދުމެއް ހޯދަން ޖެހޭ ކަމުގައެވެ.
އެމެރިކާ އައީ ތުރުކީން ރަޝިޔާގެ އެސް-400 މަރުކާގެ ވައިގެ ދިފާއީ ނިޒާމު ގަނެފިނަމަ، އެފް-35 ގެ ޕްރޮގްރާމުން ތުރުކީ ބޭރުކޮށް، އެ މަތިންދާބޯޓު ތުރުކީއަށް ވިއްކުން ހުއްޓާލާނެ ކަމުގެ އިންޒާރު ދެމުންނެވެ. އަދި އެސް-400 ގެ ދިފާއީ ނިޒާމު ތުރުކީއަށް ލިބެން ފެށުމާއެކު އެމެރިކާއިން ވަނީ އެ އިންޒާރާ އެއްގޮތަށް އަމަލުކޮށްފައެވެ.
"ބަދަލުގައި ލިބެން ހުރި (މަތިންދާބޯޓުތަކުގެ) ތެރޭގައި (ރަޝީޔާގެ) އެސްޔޫ-35 އަދި އެސްޔޫ-57 ހިމެނޭ. ކީއްވެ ނުގަންނަންވީ؟" މިހަފުތާގެ ކުރީކޮޅު މޮސްކޯގައި ރަޝިޔާގެ ރައީސު ވްލާޑިމީރް ޕުޓިންއާ ބައްދަލުކުރެއްވުމަށް ފަހު އެރްދޮޣާންވ ވިދާޅުވިއެވެ.
ތުރުކީން އޮތް އެމެރިކާގެ އެފް-35 މަރުކާގެ 100 މަތިންދާބޯޓު ގަންނަން އޯޑަރު ދީފައެވެ. އެ މަތިންދާބޯޓުތައް ނުލިބޭނަމަ، އެހެން ގޮތެއް ހޯދަން ތުރުކީއަށް މަޖުބޫރުވާނެކަމަށް ދިފާއީ ތަޖުރިބާކާރުން ދެކެއެވެ.
ރައީސު އެރްދޮޣާން މޮސްކޯއަށް ކުރެއްވި ދަތުރުފުޅުގައި ރައީސު ޕުޓިން ވަނީ ރަޝިޔާގެ ސުޚޯއީ އެސްޔޫ-35 އަދި ސުޚޯއީ އެސްޔޫ-57 މަރުކާގެ އަސްކަރީ މަތިންދާބޯޓު އެރްދޮޣާންއަށް ދައްކަވާލައްވާފައެވެ.
އެމެރިކާގެ އެފް-35 އާއި ރަޝިޔާގެ އެސްޔޫ-57 މަރުކާގެ އަސްކަރީ މަތިންދާބޯޓުތަކަކީ ފަސްވަނަ ޖީލުގެ މަތިންދާބޯޓުތަކެވެ. ދެ ބޯޓުވެސް އުފައްދާފައިވަނީ އެއްކަހަލަ ބޭނުންތަކަކަށް ކަމަށް ވިޔަސް، އަސްކަރީ ދިރާސާ ކުރާ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ވައިގެ ތެރޭގައި ހަރަކާތްތެރިވުމުގެ ކުޅަދާނަކަމަށް ބަލާއިރު، ރަޝިޔާގެ އެސްޔޫ-57 އަށް ކުރި ލިބެއެވެ.