ޝަހީބާއި ޒައިނާ ވަކިކުރަން ކޮމިޓީން ފޮނުވި ރިޕޯޓަށް އަންނަ ހަފްތާގެ ފުރަތަމަ ޖަލްސާގައި ގޮތެއް ނިންމޭނެ: ނަޝީދު

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް މުޙަންމަދު ޝަހީބާއި، ނައިބު ރައީސް ފާތިމަތު ޒައިނާ މަގާމުން ވަކިކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފޮނުވާފައިވާ ރިޕޯޓަށް އަންނަ ހަފްތާގައި އޮންނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ގޮތެއް ނިމިގެންދާނެ ކަމަށް މަޖިލީހުގެ ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ވިދާޅުވީ ޝަހީބާއި ޒައިނާ މަގާމުން ވަކިކޮށް ދެއްވުން އެދި މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ގޮތެއް ނިންމައި ފޮނުވި ރިޕޯޓު މަޖިލީހުގެ އިދާރާއަށް ލިބިފައި އޮތް ނަމަވެސް އެކަން މަޑުޖައްސާލާފައި އޮތީ ކޮމިޓީން އެކަން ކުރަންޖެހޭ އިޖުރާއަތާ ގުޅޭގޮތުން ސީދާ އެމަނިކުފާނުވެސް ކަންބޮޑުވުމެއް އޮތުމުންނެވެ. އެހެންވެ އެކަން އިތުރަށް ބެލުމަށްޓަކައި މަޑުޖައްސާލަން ސީދާ އެމަނިކުފާނު އެދިވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ރިޕޯޓު ކޮމިޓީން މަޖިލީހުގެ އިދާރާއަށް ފޮނުވާފައި އޮންނަތާ މިހާރު މަހެއްވާން ކައިރިވަނީއެވެ. އެކަން ރިޔާސަތުން މަޖިލީހުގެ ތަޅުމަށް ނުގެންނަވައި ލަސްކުރައްވާތީ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ބަޔެއް މެމްބަރުންނާއި މަޖިލީހުގެ ބަޔެއް މެމްބަރުންވެސް ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވައެވެ.

ނަޝީދު ވިދާޅުވީ ޝަހީބާއި ޒައިނާ ވަކިކުރަން މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މަޖިލީހުގެ އިދާރާއަށް ފޮނުވި ވަގުތަކީ މަޖިލީހުގެ ހިންގާ ގަވައިދަށްވެސް ބޮޑެތި އިސްލާހުތަކެއް ގެންނަމުން ދިޔަ ވަގުތެއްގައި ކަމަށާއި މިހާރު އެކަންވެސް ކުރެވިއްޖެ ކަމަށެވެ.

"މިނިވަން މުއައްސަސާތަކުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަގާމުން ވަކިކުރުމުގެ އިޖުރާއަތުތަކެއް މިހާރުގެ ހިންގާ ގަވައިދުގައި ސާފުކޮށް އެބައޮތް. މީގެކުރީގައި އެކަން ކުރެވެމުން އައީ އަޅުގަނޑަށް ފެނުނު ގޮތުގައި ވަރަށް ބޮޑަށް ކުއްލިއަކަށް ކުރެވޭ ކަމެއްގެ ގޮތުގައި" ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ ޝަހީބާއި ޒައިނާ ވަކިކުރަން ހުށަހެޅި މައްސަލައިގައި ވެގެންދިޔަ ގޮތަކީ ޖޫން 19 ވަނަ ދުވަހު ބޭއްވި މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ހަވަނަ ބައްދަލުވުމުގައި، އެ ބައްދަލުވުމުގެ ތެރެއިން ބްރޯޑްކޮމްގެ މެމްބަރުން ދެއްވާފައިވާ މައުލޫމާތުތަކާއި ގުޅިގެން ކޮމިޝަނުގެ މެމްބަރުންނަށް ޤާނޫނީ ގޮތުން އަދާކުރަންޖެހޭ ޒިންމާ އަދާކުރެވިފައިވާ ގޮތް ބެލުމަށް ފާހަގަ ކުރެވުނީ ކަމަށެވެ.

"އެބޭފުޅުން އެތަނަށް ވަޑައިގަންނަވާ އެތަނުގައި ދެއްކެވި ވާހަކަތަކާ ގުޅޭގޮތުން ބޭފުޅަކު މަގާމުން ވަކިކުރެއްވުމަށް ސާދާކޮށް ސާފުކޮށް ކޮމިޓީއަކަށް ނަމެއް ފޮނުވި މައްސަލައެއް ފޮނުވި، އެ މަސައްލައެއް ބެލި، އެކަމާ ގުޅިގެން ބޭފުޅަކު ވަކިކުރުމުގެ ކަންކަން ހިންގުމަށް. އާންމުގޮތެއްގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީތަކުގެ ބޭފުޅުން ވަކިކުރުމާ ގުޅޭގޮތުން ފެންނާން ހުރި އިޖުރާތްތައް ހުރީ، ޚާއްސަގޮތެއްގައި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ އިޖުރާތްތައް، ނުވަތަ ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން ހުރި އިޖުރާއަތުތައްވެސް" ނަޝީދު ވިދާޅުވިއެވެ.

މި މައްސަލައިގެ ތަފުސީލަކަށް ވަރަށް ބޮޑަށް ވަޑައިގެން ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ފެނިވަޑައިގަތީ މަޖިލީހުގެ ހިންގާ ގަވައިދު އޭރުއޮތް ގޮތުން މިނިވަން މުއައްސަސާތަކުގެ މެމްބަރުން ވަކިކުރެއްވުން އެއީ ހަރުދަނާ އިޖުރާއަތެއްގެ މައްޗަށް ބިނާވެފައި އޮތް ކަމެއް ނޫން ކަމަށެވެ. މަޖިލީހުގެ ހުރިހާ މުޤައްރިރުންނާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި އެމަނިކުފާނުވެސް ހިމެނޭ ގޮތުން ސުޕަރ ކޮމިޓީއެއް އުފެއްދެވުމުގެ ވިސްނުންފުޅު ގެންގުޅުއްވީވެސް އެ ސަބަބާހުރެ ކަމަށާއި އެގޮތަށް އެދިވަޑައިގަތީވެސް މިނިވަން މުއައްސަސާތަކުގެ މެމްބަރުން ވަކިކުރުމާއި އައްޔަން ކުރެއްވުމުގައި ހަރުދަނާ އިޖުރާއަތުތަކެއް އުފެއްދެވުމަށް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އެހެންނަމަވެސް އެއީ ބަލައިގަނެވޭނެ ކަމެއްގެ ގޮތުގައި ނުފެންނާން ފެށީމާ އަޅުގަނޑު ދުށީ އެކަމުން އެއްކިބާވުމަށް. އެހެންވީމާ މަޖިލީހުގެ ގަވައިދަށް ގެނެވިފައި ވަނީ އެހެން އިސްލާހެއް" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު އެ އިޝާރާތް ކުރެއްވި އިސްލާހަކީ މުސްތަގިއްލު މުއައްސަސާތަކުން މެމްބަރުންނާއި މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަގާމުން ވަކިކުރުމާ ގުޅޭގޮތުން މަޖިލީހުގެ ހިންގާ ގަވައިދުގެ 210 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ އިޖުރާއަތެވެ. ނަޝީދު ވިދާޅުވީ މިހާރު ވަނީ އެކަން ކުރާނެ އިޖުރާއަތެއް ލިބިފައި ކަމަށާއި އެހެންކަމުން މިހާރު އާ ހިންގާ ގަވައިދުގެ ތެރެއިން ލިބުނު އިޖުރާއަތުގެ ތެރެއިން ބްރޯޑްކޮމްގެ ދެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަކީ ބޭނުންތެރި ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުގެ ކުރިމަތީގައި މިވަގުތު އޮތް ސުވާލަކީ މިހާރު މިނިވަން މުއައްސަސާތަކާގުޅޭ ކޮމިޓީން މަޖިލީހުގެ އިދާރާއަށް ފޮނުވާފައި އޮތް ރިޕޯޓު އަލުން އަނބުރައި އެ މަސައްކަތް ހިންގުމަށް ކޮމިޓީއަށް ފޮނުވަންތޯ އަޅުގަނޑު ނިންމަނީ. ނުވަތަ މިހާރު އެއޮތް ހިސާބުން ތަޅުމަށް ގެނެސް އެ ރިޕޯޓަށް ވޯޓަށް އެހުންތޯ" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެ ސުވާލު ކުރިފުޅުމަތީގައި އޮތުމާއެކު އެކަމާބެހޭ މަޝްވަރާތައް މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާވެސް މަޝްވަރާ ކުރައްވައިގެން ކޮމިޓީ ރިޕޯޓަށް ހައްދަވާނެ ގޮތެއް ނިންމަވާނެ ކަމަށެވެ. އަދި އަންނަ ހަފުތާގައި އޮންނަ މަޖިލީހުގެ އެންމެ ފުރަތަމަ ޖަލްސާގައި އެ ނިންމުން ގާއިމް ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ބްރޯޑްކޮމްގެ ރައީސް ޝަހީބާއި ނައިބު ރައީސް ޒައިނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މަޖިލީހުގެ އިދާރާއަށް ފޮނުވާފައިވާއިރު އެ ކޮމިޝަނުގައި މިހާރު ތިއްބެވި އަނެއް ތިން މެމްބަރުންވެސް ވަކިވަކިން ކޮމިޓީއަށް ޙާޒިރުކޮށް ވަނީ ސުވާލު ކޮށްފައެވެ. ކޮމިޓީން އެންމެ ފުރަތަމަ އޭރު ވޯޓަށް އެހީ ކޮމިޝަނުގެ ހުރިހާ މެމްބަރުން އެކުގައި ވަކި ކުރުމަށެވެ. ނަމަވެސް ކޮމިޝަނުގެ މެމްބަރު ޒައިނާ އޭރު ވިހެއުމުގެ ޗުއްޓީގައި ހުންނެވުމާއެކު އޭނާ ކޮމިޓީއަށް ވަކިން ޙާޒިރުކޮށް ސުވާލު ކުރެވިފައި ނެތުމުން ކޮމިޓީގެ މެމްބަރު މީކާއީލް ނަސީމް އޭނާގެ ވޯޓު ފަހުން ބަދަލު ކުރެއްވުމުން އެގޮތަށް ފާސްވާގޮތް ނުވީއެވެ.

ބްރޯޑްކޮމްގެ ދެ މެމްބަރަކު މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިމަތީގައި އޮތްއިރު އެ ކޮމިޝަނުގައި ތިއްބެވި ދެ މެމްބަރުން ކަމަށްވާ ސޮފްވާން އާއި ނަބާހު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ ދެބޭފުޅުންގެ ބަދަލުގައި އާ ދެ މެމްބަރުން އައްޔަން ކުރުމުގެ މަސައްކަތްވެސް މަޖިލީހުގައި މިހާރު އެބައޮތެވެ. އެ ދެމަގާމަށް ރައީސް އޮފީހުން އިއުލާން ކުރެއްވުމުން ޖުމްލަ 36 ބޭފުޅަކު ކުރިމަތި ލެއްވުމާއެކު ރައީސް ސޯލިޙު ވަނީ އެ ލިސްޓު މަޖިލީހަށް ފޮނުވާފައެވެ. އަދި މަޖިލީހުގެ ރިޔާސަތުން މިހާރު ވަނީ އެ 36 ނަން މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވުމުގެ މަސައްކަތް ހަވާލުކޮށްފައެވެ.

 

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.