ޔަމަނު ސަރުކާރުން ވަގުތީ ވެރިރަށް އަދަން އަލުން ހިފައިފި

ޔަމަނު ސަރުކާރުގެ ސިފައިން އަދަންގައި ހަރަކާތްތެރި ވަނީ

ދެކުނު ޔަމަނުގައި ވަކި ދައުލަތެއް އުފެއްދުމަށް މަސައްކަތްކުރާ ސަދަން ޓްރާންސިޝަނަލް ކައުންސިލް (އެސްޓީސީ) ގެ ހަނގުރާމަވެރިން ޔަމަނުގެ ވަގުތީ ވެރިރަށް އަދަނަށް އަރައި އެރަށް ހިފިތާ ތިން ހަފުތާ ފަހުން، ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރާ ޔަމަނުގެ ސަރުކާރުގެ ސިފައިން އެރަށް އަލުން ހިފައިފިއެވެ.

އިންފޯމޭޝަން މިނިސްޓަރު މުޢައްމަރު އަލްއަރްޔާނީ ވިދާޅުވި ގޮތުގައި ސަރުކާރު ސިފައިން ވަނީ އަދަން އެއާޕޯޓާއި، ރިޔާސީ ގަނޑުވަރާއި، އެތަނުގެ ވަށައިގެންވާ ސަރަހައްދުތަކުންވެސް އެސްޓީސީގެ ހަނގުރާމަވެރިން ބޭރުކޮށްފައެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ތާއީދާއެކު ވަކިވެގަތުމަށް މަސައްކަތްކުރާ އެސްޓީސީގެ ހަނގުރާމަވެރިންނަށް ވަނީ ދެކުނުގެ ދެ ޕްރޮވިންސެއްގެ ކޮންޓުރޯލުވެސް މިހާރު ގެއްލިފައެވެ. ސަރުކާރު ސިފައިން ވަނީ މި ހަފުތާގެ ކުރީކޮޅު ޝަބްވާއާއި އެބްޔަންވެސް ހިފާފައެވެ.

މިނިސްޓަރު އަލްއަރްޔާނީ ވިދާޅުވި ގޮތުގައި ސަރުކާރު ސިފައިން މިހާރު ވަނީ އަދަން ޕްރޮވިންސުގެ ހުރިހާ ޑިސްޓްރިކްޓްތަކެއްގެ ކޮންޓުރޯލުވެސް ހޯދާފައެވެ.

ވަގުތީ ވެރިރަށް އަދަން ހިފުމަށް ފަހު، ސަރުކާރުން ވަނީ އެރަށުގައި 72 ގަޑިއިރަށް ކުއްލި ހާލަތު އިއުލާންކޮށްފައެވެ. އަދި ސިފައިން ވަނީ މުޅި ރަށުގައި ކާފިއު ހިންގާފައެވެ.

ޔަމަނުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ޙޫޘީ ހަނގުރާމަވެރިން 2015 ވަނަ އަހަރު ސެޕްޓެންބަރު މަހުގެ ތެރޭގައި ވެރިރަށް ސަންއާއަށް އަރައި އެ ރަށް ހިފުމުން، ޔަމަނުގެ ސަރުކާރުން ވަނީ އަދަނަކީ އެގައުމުގެ ވަގުތީ ވެރިރަށް ކަމުގައި ކަނޑައަޅާފައެވެ.

ދެ ގައުމެއްގެ ގޮތުގައި ޔަމަން އޮތް އިރު، ދެކުނުގައި އޮތް ޑިމޮރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ޔަމަން (ދެކުނު ޔަމަން) ގެ ވެރިރަށެއްގެ ގޮތުގައި އޮތީ އަދަނެވެ. ނަމަވެސް 1990 ވަނަ އަހަރު ޔަމަނުގައި އޮތް ދެ ގައުމު އެއްކޮށްލައި ރިޕަބްލިކް އޮފް ޔަމަން އުފެދުނު ވެރިކަން ކުރަމުން އައީ ސަންއާގައެވެ. ކުރިން ދެކުނު ޔަމަން އޮތް ސަރަހައްދުގައި 2007 ވަނަ އަހަރު ވަކިވެގަތުމުގެ ހަރަކާތް އުފެދި އެހަރަކާތުން މަސައްކަތް ކުރަމުން ދަނީ ކުރިން އޮތްގޮތަށް ޔަމަނު އަނެއްކާވެސް ދެބައިކޮށްލުމަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.