ކުޑަކުދިންންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލް ޤާނޫނަކަށް ވުމުން އެކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމާބެހޭ ކައުންސިލެއް އުފައްދަންޖެހޭނެއެވެ. ރައްޔިތުންގެ މަޖިލިހުން ބަލައިގަނެ ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުއްވައިފައިވާ ކުޑަކުދިންގެ ޙައްޢުތަކުގެ ބިލްގައި ބުނެފައިވަނީ ބިލް ޤާނޫނަކަށްވާތާ 60 ދުވަހުގެތެރޭގައި ކައުންސިލް އުފައްދަން ޖެހޭނެކަމަށެވެ.
ކުޑަކުދިންންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ކައުންސިލުގެ މަސްޢޫލިއްޔަތުތަކުގެތެރޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުތައް ކަނޑައެޅުމަށް މިނިސްޓަރަށް ލަފާދެއްވުން ހިމެނެއެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ބިލްގެ މަޤްޞަދުތަކާ އެއްގޮތްވާގޮތުގެ މަތިން އެކުލަވާލަންޖެހޭ ސިޔާސަތު ތަކާއި މިންގަނޑުތަކާއި އިޖުރާތުތައް އެކުލަވާލެއްވުމުގައި މިނިސްޓަރ ލަފާދެއްވަން ޖެހޭނީ ވެސް މި ކައުންސިލުންނެވެ. ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ ލަފާވެސް މިނިސްޓަރަށް ދެއްވާނީ މިކައުންސިލުންނެވެ. މިނޫންވެސް ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ގިނަ މަސްޢޫލިއްޔަތުތެކެއް، މިކައުންސިލާ ވަނީ މަތިކޮށްފައެވެ.
ކައުންސިލް އެކުލަވާ ލައްވާ ރާއީސާއި ނާއިބްރައީސް އައްޔަން ކުރުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާއަށް މި ބިލުން ދެއްވައިފައިވާ އިރު، ކައުންސިލް އެކުލެވިގެންވާނެ ގޮތް ބިލްގައި ވަނީ ބަޔާންކުރައްވައިފައެވެ. ބިލްގައި ބުނަނީ ކައުންސިލް އެކުލަވާލައްވަން ވާނީ މިނިސްޓަރ އައްޔަން ކުރައްވާ ފަރާތަކާއި ސަރުކާރުގެ ކަމާ ގުޅުންހުރި ވުޒާރާތައް ތަމްސީލްކުރައްވާ ފަރާތްތަކާއި ފުލުހުންނާއި ހިއުމަންރައިޓްސް ކޮމިޝަނުން އައްޔަން ކުރައްވާ ފަރާތަކާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމަށް އުފެދިފައިވާ އަމިއްލަ ޖަމްޢީއްޔާތައް ތަމްސީލް ކުރާ މެމްބަރަކު ވެސް ހިމެނޭ ގޮތަށްކަމަށެވެ. މިކައުންސިލް ޖަވާބުދާރީވާންޖެހޭނީ މިނިސްޓަރަށެވެ.
ބިލްގައި ބުނާ ގޮތުން ބިލް ޤާނޫނަކަށްވާތާ 30 ދުވަހުގެ ތެރޭގައި ޗައިލްޑް އެންޑް ފެމެލީ ފޮރޮޓެކްޝަން ސާރވިސްގެ ނަމުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމަށާއި އެހީތެރިކަމާއި އަޅާލުން ބޭނުންވެފައިވާ ކުދިންގެ މަސްޢޫލިއްޔަތު ހިމާޔަތް ކުރުމަށް ވަކި އިދާރާއެއް އުފައްދަވަންޖެހޭނެއެވެ. މި އިދާރާގެ މަސްޢޫލިއްޔަތުތައްވެސް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.
ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޤައުމީ ނިޒާމެއް ޤާއިމްކުރަންޖެހޭނެ ކަމަށް ބުނެ އެނިޒާމާބެހޭ ވަކި ބާބެއް ބިލުގައި ކަނޑައަޅައިފައި ވެއެވެ. އެނިޒާމުގެ ދަށުން ފޯރުކޮށްދޭން ޖެހޭނެ ޚިދުމަތްތަކާއި އެނިޒާމްގެ އަސާސްތައްވެސް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.