'ޙަލާލު' ސެޓްފިކެޓް ސަބަބުން މެކްޑޮނާލްޑްސް ބޮއިކޮޓް ކުރުމަށް ހަރުކަށި ހިންދޫން ގޮވާލައިފި

އިންޑިޔާގައި ހުރި މެކްޑޮނާލްޑްސްގެ ހުރިހާ ރެސްޓޯރެންޓުން ވިއްކަނީ 'ޙަލާލު" ސެޓްފިކެޓް ލިބިފަވާ، މުސްލިމުން ކެއުން ހުއްދަ އެއްގަމު މަސް ކަމުގެ ޔަގީންދަން އެ ކުންފުނިން ދިނުމުން އިންޑިޔާގެ ހަރުކަށި ހިންދޫން ގޮވާލައިފިއެވެ.

"އަހަރުމެންގެ ހުރިހާ ރެސްޓޯރެންޓެއްގައި ޙަލާލު ސެޓްފިކެޓް ހުންނާނެ. ތިބާ ކަށަވަރުކޮށް، ހިތްހަޖައްސަން ބޭނުންނަމަ ކޮންމެ ރެސްޓެންޓެއްގެ މެނޭޖަރު ކައިރީގައި އެ ސެޓްފިކެޓް ދައްކަން އެދެވިދާނެ." މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި އިންޑިޔާގެ މެކްޑޮނާލްޑްސްއިން ކުރި ޓުވީޓެއްގައި ވެއެވެ.

މި ޓުވީޓާއެކު އިންޑިޔާގެ ހަރުކަށި ހިންދޫން ވަނީ އެމީހުން ރުޅިވެރިކަން ޓުވިޓާއަށް ބަންޑުންކޮށްލާފައެވެ.

"މިއީ ގަސްތުގައި އަދި ފާޅުގައި ހިންދޫންގެ އަގީދާއަށް ދިން ހަމަލާއެއް. އިންޑިޔާގެ ގާތްގަނޑަކަށް %80 އަކީ ހިންދޫން. އަދި 4% އަކީ ޖައިން މީހުން. އޭގެ އިތުރުން ސިކުންނާއި ބުޑިސްޓުން ވެސް އުޅޭ. އެހެންނަމަވެސް، މެކްޑޮނާލްޑްސް އިން ވަނީ 14% މީހުން ރުއްސުމަށް %84 މީހުންނަށް ކެހި ދީފައި." ހަރުކަށި ހިންދޫއަކު ކުރި ޓްވީއްގައި ވެއެވެ.

މެކްޑޮނާލްޑްސް އިންޑިޔާގެ ރެސްޓޯރަންޓުތަކުގައި އޫރުމަހާއި، ގެރި މަސް ބޭނުން ނުކުރެއެވެ. އެއީ ހިންދޫންނާއި މުސްލިމުންގެ އަގީދާއަށް އިހުތިރާމުކުރުމުގެ ގޮތުންނެވެ.  

އޭނާގެ ޓުވީޓުގައި  BoycottMcDonalds# ހޭޝްޓެގް ބޭނުންކޮށް "މިއީ އިންޑިޔާގެ ހުރިހާ ދީނެއްގެ މީހުން މެކްޑޮނާލްޑްސް ބޮއިކޮޓް ކުރަންވީ ވަގުތު." ކަމުގައި ލިޔެފައި ވެއެވެ.

މިކަމާ ގުޅިގެން މުސްލިމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

"މިހާރު އިންޑިޔާގައި އޮތީ އިސްލާމްދީނާމެދު މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމުގެ މާހައުލެއް. ކަނާތުފިޔައިގެ ހިންދޫން ދަނީ މުސްލިމުންނަށް ހަމަލާދިނުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފަމުން." ނިއުދިއްލީގައި ދިރިއުޅޭ ކަމުގައިވާ ޝަބްނަމް ހާޝިމީ ބުނެފައި ވެއެވެ.

މި ހޭޝްޓެގް ބޭނުންކޮށްގެން އިންޑިޔާގެ ހިންދޫންގެ ގިނަ ބަޔަކު ދަނީ މެކްޑޮނާލްޑްސް ރެސްޓޯރަންޓްތައް ބޮއިކޮޓް ކުރުމަށް ތާއީދުކޮށް ޓުވީޓުކުރަމުންނެވެ.

ބަޖެޓް އެއާލައިން، އިންޑިގޯގެ ފްލައިޓްތަކުގައި ހަލާލު މަސް ބޭނުންކުރާތީ އެ އެއާލައިން ބޮއިކޮޓް ކުރުމަށް ވެސް ފާއިތުވި ޖުލައި މަހުގެ ތެރޭގައި ހަރުކަށި ހިންދޫން ގޮވާލާފައި ވެއެވެ.

އިންޑިޔާގައި މެކްޑޮނާލްޑްސްގެ ފުރަތަމަ ރެސްޓޯންޓް 1996 ގައި ހުޅުވާފައިވާއިރު، މިހާރު އިންޑިޔާގައި އެ ކުންފުނީގެ 290 ރެސްޓޯރެންޓް ހުރެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.