ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި 1.7 ބިލިޔަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓުގެ މަސައްކަތް ކޮމިޓީގައި މިއަދު ހަތަރުދަމު ކުރައްވައިގެން މާދަމާ ރޭ އެކަމާމެދު މަޖިލީހުން ގޮތެއް ނިންމަވަން ބޭނުންފުޅު ކަމަށް މަޖިލީހުގެ ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ފޮނުއްވި ސިޓީއަކާއި ގުޅިގެން އެސިޓީ މަޖިލީހުގެ ތަޅަމުގައި އިއްވެވުމަށް ފަހު މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ފޮނުއްވި ސަޕްލިމެންޓަރީ ބަޖެޓު ދިރާސާ ކުރައްވަން ފޮނުއްވަން ޖެހެނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އިގްތިސޯދީ ކޮމިޓީ އެއްވެފައި އޮންނަ ކޮމިޓީއަށް އަކަށް ކަމަށެވެ.
ނަޝީދު ވިދާޅުވީ އެ ކޮމިޓީން ސަޕްލިމެންޓަރީ ބަޖެޓް މިއަދު ދިރާސާ ކުރުމަށްފަހު އެކަމާބެހޭ ރިޕޯޓު މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅުއްވައި، މާދަމާރޭ އެކަމާމެދު މަޖިލީހުގައި ބަހުސް ކުރެއްވުމަށް ފަހު ބަޖެޓަށް އިސްލާޙު ހުށަހެޅުއްވުމުގެ ފުރުޞަތުވެސް މާދަމާ ރެޔާ ހަމައަށް އޮންނާނެ ކަމަށެވެ. އަދި މާދަމާރޭ ބަޖެޓާމެދު މަޖިލީހުން ގޮތެއް ނިންމަވަން ބޭނުންފުޅު ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ސަރުކާރުން 1.7 ބިލިޔަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ފޮނުއްވީ ސަރުކާރާއެކު މީގެކުރިން ބަޔެއް ކުންފުނިތަކުން ހަދާފައިވާ އެއްބަސްވުންތައް ކުރީގެ ސަރުކާރުން އުވާލުމާއި ގުޅިގެން އެފަދަ ފަރާތްތަކަށް ބަދަލުގެ ގޮތުގައި ވަރަށް ބޮޑެތި އަދަދު ތަކުން ބަޖެޓުން ފައިސާ ދޫކުރަން ޖެހުމުންނެވެ. އަދި އެފަދަ ބަދަލުތައް ދިނުމަށް ފަހު ސަރުކާރުގެ މެނިފެންސްޓޯގައި ހުރި ކަންކަން އެންމެ ފުރިހަމައަށް ކުރުމަށްޓަކައި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ސަރުކާރުން ބުނެފައި ވަނީ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ނިންމެވީ މިއަހަރަށް ފާސްކޮށްފައި އޮތް 27.3 ބިލިޔަން ރުފިޔާގެ ބަޖެޓް ހުސްވެގެން ނޫން ކަމަށެވެ. މިއަހަރު ފާސްކުރި އެ ބަޖެޓުން މިހާތަނަށް ޚަރަދު ކޮށްފައިވަނީ 14.7 ބިލިޔަން ރުފިޔާއެވެ.