ސައޫދީ އަރާމްކޯއިން އިންޑިޔާގެ ތެލުގެ ސިނާއަތުގައި 75 ބިލިއަން ޑޮލަރު އިންވެސްޓުކުރަނީ

ސައޫދީ އަރަބިއްޔާގެ ތެޔޮ ކުންފުނި އަރާމްކޯއިން އިންޑިޔާގެ ރިލަޔަންސް އިންޑަސްޓްރީޒްގެ ޕެޓްރޯކެމިކަލް ޑިވިޝަންގެ %20 ގަތުމާ ގުޅޭގޮތުން ދެކުންފުނީގެ ދެމެދުގައި މި އޮގަސްޓް މަހުގެ 12 ވަނަ ދުވަހު ލެޓަރ އޮފް އިންޓަރެސްޓް (އެލްއޯއައި) ބަދަލުކޮށްފައިވާ ކަމަށް ރިލާޔަންސުން ބުނެފިއެވެ.

ރިލާޔަންސް އިންޑަސްޓްރީޒް ލިމިޓެޑުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނާގޮތުން، ސައޫދީ އަރާމްކޯއިން ގަންނަ ރިލާޔަންސުގެ 20% ހިއްސާގެ އަގު 75 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެކަމަށް އެ ކުންފުނީގެ ބަޔާނުގައި ވެއެވެ. މިއީ ބޭރުގެ ކުންފުންޏަކުން އިންޑިޔާގައި ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓެވެ.

މި އެއްބަސްވުމާ ގުޅިގެން ސައޫދީ ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވާ ކަމަށް މެދުއިރުމަތީގެ ބައެއް ޚަބަރުފަތުރާ ވަސީލަތްތަކުން ވަނީ ބުނެފައެވެ. ސަބަބަކީ އިންޑިޔާ ސަރުކާރުން އެގައުމުގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާ އުވާލައި، ކަޝްމީރަށް އެ މައްދާގެ ދަށުން ދީފައި އޮތް އިމްތިޔާޒުތައް ނިގުޅައިގަނެ، ރަސްމީކޮށް އިންޑިޔާގެ ބައެއްގެ ގޮތުގައި ކަޝްމީރު ހެދުމުގެ މަސައްކަތް ފެށިތާ ހަފުތާއެއް ނުވަނީސް އިންޑިޔާއާއެކު މިފަދަ ބިޔަ އެއްބަސްވުމެއް ގާއިމު ކުރަމެވެ.

ގިނަ ބަޔަކު ދެކެނީ ކަޝްމީރުގައި އިންޑިޔާއިން ހިންގާ ލާއިންސާނީ އަމަލުތަކަށް ސައޫދީ ސަރުކާރުން ދިން ހަދިޔާއެއްގެ ގޮތުގައެވެ.

ޗައިނާގެ ޒިންޖިއާންގ ޕޮރުވިންސުގެ މުސްލިމުންނާ ދެކޮޅަށް ޗައިނާއިން ލާއިންސާނީ ޖަރީމާތައް ހިންގަމުން ދާއިރު ސައޫދީން ވަނީ ޗައިނާއިން އެ ޕްރޮވިންސުގައި ގެންގުޅޭ ސިޔާސަތަށް ތާއީދުކޮށްފައެވެ. އަދި މި އަހަރުގެ ކުރީކޮޅު ސައޫދީން ވަނީ ޗައިނާގައި 10 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓުކުރުމަށް އެއްބަސްވެފައެވެ.

އަރާމްކޯއާއި ރިލަޔަންސާ ދެމެދު ގާއިމުކުރެވޭ އެއްބަސްވުމުގެ ދަށުން، ރިލާޔަންސް އިންޑަސްޓްރީގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ދުވާލަކު 5 ލައްކަ ފީފާ ތެޔޮ ފޯރުކޮށްދޭނެއެވެ.

މި އެއްބަސްވުމާ ގުޅިގެން ޕާކިސްތާނުގައި ދަނީ ސައޫދީ އަރަބިއްޔާއާމެދު ނުރުހުން ފާޅުކުރުން އިތުރުވަމުންނެވެ.

"ސައޫދީ އަރާމްކޯއިން އިންޑިޔާގެ ރިލާޔަންސްގެ %20 ގަނެފައި ވާއިރު، ކަޝްމީރު މައްސަލައިގައި ސައޫދީން އަހަރުމެންނަށް އެހީވާނެކަމަށް އަހަރުމެން އުއްމީދުކުރާނީ ކިހިނެއް؟ އެންމެނަށް ހަގީގީ ދުނިޔެއަށް މަރުހަބާ ކިޔަން. މިތާނގައި މުސްލިމުންގެ ލޭގެ ކުލަ ހިކުމުގެ ކުރިން ޑޮލަރުގެ ފެހިކުލަ ހިކޭ." ޕާކިސްތާނުގެ ނޫސްވެރިޔާ މުޙައްމަދު މަލިކު ކުރި ޓުވީޓެއްގައި ވެއެވެ.

އޭޝިޔާގެ އެންމެ މުއްސަނދި މީހާ މުކޭޝް އަންބާނީގެ ރިލާޔަސް އިންޑަސްޓްރީޒްއަކީ އިންޑިޔާގެ އެންމެ ބޮޑު ޕްރައިވެޓް ކުންފުންޏެވެ. އެކުންފުނިން 2018 ވަނަ އަހަރު 90 ބިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރިކޮށްފައި ވާއިރު، އެ އަހަރު އެކުންފުންޏަށް 9 ބިލިއަން އެމެރިކާ ޑޮލަރުގެ ފައިދާ ވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.