އެމެރިކާގައި އަނެއްކާވެސް ބަޑި ޖަހައި ބަޔަކު މަރާލައިފި

ޑޭޓަންގައި ބަޑީގެ ހަމަލާ ދިން ސަރަހައްދު ފުލުހުން ބަންދުކޮށްފައި

އެމެރިކާގެ ޓެކްސާސްގެ އެލްޕާސޯގައި ވިޔަފާރިކުރަން ތިބި ބައެއްގެ ތެރެއަށް ބަޑިޖަހައި 20 މީހުން މަރާލިތާ 24 ގިޑިއުރުވެސް ނުވަނީސް އެހެން ރަށެއްގައި ބަޑިން ހަމަލާދީ ގިނަ ބަޔަކު މަރާލައިފިއެވެ. މި ފަހަރު ބަޑިޖަހާފައި ވަނީ އޮހާޔޯ ސްޓޭޓްގެ ޑޭޓަންގައެވެ. އެރަށުގެ މެދުތެރޭގައި ބަޑި ހިފައިގެން ހުރި މީހަކު ވަނީ އާއްމުންގެ ތެރެއަށް ބަޑިޖަހައި 9 މީހަކު މަރާލައި، 16 މީހުން ޒަޚަމްކޮށްލާފައެވެ.

ޑޭޓަން ޕޮލިސް ޑިޕާޓްމަންޓުން ކުރި ޓުވީޓެއްގައި ވާގޮތުން ބަޑީގެ ހަމަލާ ދީފައި ވަނީ ރޭ ދަންވަރު 1:22 (ރާއްޖޭ ގަޑިން ހެނދުނު 10:22) ގައެވެ. ޓުވީޓުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި ބަޑިޖެހި މީހާވެސް ވަނީ މަރުވެފައެވެ. އެހެންނަމަވެސް، އޭނާ މަރުވި ގޮތުގެ ތަފްސީލެއް ފުލުހުން ދީފައި ނުވެއެވެ.

އެހެންނަމަވެސް، ސީއެންއެންއިން ޚަބަރުދީފައި ވާގޮތުގައި ބަޑިހިފައިގެން ހުރި މީހާއާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުމުގައި އޭނާގެ ގަޔަށް ބަޑިޖަހައި އޭނާ މަރާލީ ފުލުހުންގެ އޮފިސަރެކެވެ. އެއީ ކާކުކަން އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވެއެވެ.

ޒަޚަމްވި މީހުންނަށް ފަރުވާދެމުންދާ މަޔާމީ ވެލީ ހޮސްޕިޓަލުގެ ތަރުޖަމާނު ޓެރެއާ ލިޓްލް ބުނި ގޮތުގައި އެ ހޮސްޕިޓަލުގައި 16 މީހަކަށް ދަނީ ފަރުވާދެމުންނެވެ. އެހެންނަމަވެސް، އެމީހުންގެ ހާލު އޭނާ ހާމައެއް ނުކުރެއެވެ.

ރޭ ދަންވަރު ބަޑިޖަހާފައި ވަނީ ޑޭޓަންގެ މެދުތެރޭގައި ހުންނަ ނެޑް ޕެޕާސް ބާ ކުރިމަތީގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.