ސޫދާނުގައި އެކުލަވާލާ އިންތިގާލީ ސަރުކާރުގެ 'ދަސްތޫރީ އިއުލާން' އާމެދު އެއްބަސްވުމަކަށް

އެފްރިކަން ޔުނިއަން (އޭޔޫ) ގެ މަންދޫބު މުޙައްމަދު އަލްޙަސަން ލައްބާތު ރޭ ދަންވަރު ޚުރްޠޫމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ސޫދާނުގައި އަލަށް އެކުލަވާލާ އަސްކަރީ އިންތިގާލީ ސަރުކާރުގެ 'ދަސްތޫރީ އިއުލާން' އޮންނަންވީ ގޮތާމެދު އަސްކަރީ އިންތިގާލީ މަޖިލީހާއި، އެ މަޖިލީހާ ދެކޮޅަށް މުޒާހަރާކުރާ މީހުންގެ ކޯލިޝަނަށް އެއްބަސްވުމަކަށް އާދެވިއްޖެއެވެ. ރޭ ދަންވަރުގެ ވަގުތެއްގައި މިކަން އިއުލާންކުރެއްވީ އެފްރިކަން ޔުނިއަން (އޭޔޫ) އިން ސޫދާނަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު މުޙައްމަދު އަލްޙަސަން ލައްބާތެވެ.

"ސޫދާނު މީހުންނާއި، އެފްރިކާއަށާއި، ބައިނަލްއަގުވާމީ މުޖުތަމައަށް އަހަރެން މި އިއުލާނުކުރަނީ ދެ ވަފުދުން ދަސްތޫރީ އިއުލާނަށް މުޅިން އެއްބަސްވެއްޖެކަން." ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ލައްބާތު ވިދާޅުވިއެވެ. އޭނަ އިތުރު ތަފުސީލެއް ނުދެއްވައެވެ.

އަސްކަރީ މަޖިލީހާއި، އިދިކޮޅު ފޯސަސަ އޮފް ފްރީޑަމް އެންޑް ޗޭންޖް (އެފްއެފްސީ) ގެ ފަންނީ ޓީމުތަކުން ވަނީ ފާއިތުވި ބުދަ ދުވަހުއްސުރެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. އެއީ ގިނަ ދުވަސްތަކަކަށް މަޝްވަރާތައް މެދުކެނޑުމަށް ފަހުގައެވެ. މި މަޝްވަރާތައް ކުރިއަށް ގެންދިއުމުގައި އޭޔޫގެ މަންދޫބު އަލްޙަސަން ލައްބާތު ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.

އިންތިގާލީ ސަރުކާރުގެ ގުނަވަންތަކާއި، އެ ގުނަވަންތަކުގެ ބާރުތަކުގެ ތަފްސީލުތައް އެކުލެވޭ ދަސްތޫރީ އިއުލާނުގައި ރަސްމީކޮށް ސޮއިކުރުމާ ބެހޭ ތަފްސީލުތައް އެކުލަވާލުމަށް ދެ ފަރާތުގެ ވަފުދުތައް މިއަދު (ހޮނިހިރު ދުވަހު) ބައްދަލުކުރާނެކަން ލައްބާތު ހާމަކުރެއްވިއެވެ.

ދަސްތޫރީ އިއުލާނުގެ ދެލިކޮޕީ ފެނުނު ކަމަށް ބުނާ ބައެއް ޚަބަރުފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި އެ އިއުލާނުގައި އަސްކަރީންނާއި މަދަނީން ތިބޭނެ ނިސްބަތާއި، ސިޔާދަތީ މަޖިލީހާއި، ވަޒީރުންގެ މަޖިލިސް އެކުލެވިގެންވާނެ ގޮތުގެ ތަފްސީލުގެ އިތުރަށް، ދަސްތޫރީ އިއުލާނާއެކު މިހާރުގެ އަސްކަރީ އިންތިގާލީ މަޖިލިސް އުވިގެންދާނެކަން ބަޔާންކޮށްފައި ވެއެވެ.

ފާއިތުވި ހަފުތާގައި ސުދާނުގެ ވެރިރަށް ޚުރްޠޫމާއި، އެރަށާ ޖެހިގެން އޮންނަ އުއްމުދުރްމާނުގައި ކުރި މުޒާހަރާތަކުގެ ތެރެއަށް ސިފައިން ބަޑިޖެހުމުގެ ސަބަބުން 4 ކިޔަވާކުދިންނާއި، އާއްމުންގެ އެތައް ބަޔަކު މަރުވެފައި ވާތީ، އަސްކަރީންނާ، މުޒާހަރާކުރާ މީހުންނާ ދެމެދު އެއްބަސްވުކަށް ނާދެވިދާނެ ކަމުގެ ކަންބޮޑުވުން ވެސް އުފެދުނެވެ.

އެހެންނަމަވެސް، އޭޔޫގެ މަންދޫބު އައްލައްބާތު ރޭ ދެއްވި ޚަބަރާއެކު، ސޫދާނުގެ ވެރިކަމާމެދު އުފެދިފައިވާ ދެބަސްވުންތަކަށް ސުލްހަވެރި ހައްލެއް ގެނެވޭނެ ކަމުގެ އުއްމީދު އަނެއްކާވެސް މި ވަނީ އާވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.