ދިވެހިރާއްޖޭގެ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު އިންޑިއާގެ ސޫތުކުޅީގެ ބަނދަރުން ހައްޔަރު ކުރި ކަމަށް އިންޑިއާގެ ނޫސްތަކުގައި ޖެހުމާ ގުޅިގެން އެ ޚަބަރާ ގުޅޭ ކަންތައްތައް އޮޅުން ފިލުވަމުން ގެންދާ ކަމަށް އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ. ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ރަވީޝް ކުމާރު ވިދާޅުވެފައިވާ ގޮތުގައި ގަވާއިދާ ޚިލާފަށް އަދީބު އިންޑިއާއަށް ވަޑައިގަތް ސަބަބަކާ ގުޅޭ ގޮތުން މައުލޫމާތު ލިބޭތޯ ޚާރިޖީ ވުޒާރާއިން ދަނީ ދިވެހި ސަރުކާރާ ވާހަކަ ދައްކަމުންނެވެ.
މައުލޫމާތު ލިބޭ ގޮތުގައި އަދީބު އިންޑިއާއަށް ވަޑައިގަތީ ޓަގު ބޯޓެއްގައި އެ ބޯޓުގެ ފަޅުވެރިއަކަށް ހެދިވަޑައިގެންނެވެ. މިއީ ކިހިނެއް ވެގެން އެމަނިކުފާނު ކުރެއްވި ކަމެއް ކަމެއް އަދި ސާފެއް ނުވެއެވެ. ދިވެހި ރާއްޖޭގެ އިމިގްރޭޝަނުން ވަނީ އެމަނިކުފާނުގެ ޕާސްޕޯޓު ހިފަހައްޓާފައެވެ.
އިންޑިއާގެ ނޫސްތަކުގައި ޖަހައިފައިވާ ގޮތުގައި އަދީބު ރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ބުދަ ދުވަހު ވަޑައިގަންނަވާ ގޮތަށް އޮތީ ހަމަޖެހިފައެވެ. އެކަމަކު އެމަނިކުފާނު އެ ދުވަހު އެތަނަކަށް ވަޑައެއް ނުގަނެއެވެ.
ސޫތުކުޅީ ބަނދަރުން އަދީބު ހައްޔަރު ކުރީ ދަތުރު ކުރައްވަން ބޭނުންވާ ލިޔުންތަކާ ނުލައި ގަވާއިދާ ޚިލާފަށް އިންޑިއާއަށް އެތެރެ ވެވަޑައިގަންނަވާން އުޅުއްވުމުންނެވެ. އިންޑިއާގެ ފުލުހުންނަށް އެމަނިކުފާނުގެ ދަތުރުފުޅުގެ މައުލޫމާތު އެނގުނު ގޮތެއް އަދި އެއްވެސް ތަނަކުން ހާމަކޮށްފައެއް ނެތެވެ.
(މައުލޫމާތު: ޓައިމްސްނަވް)