ޗައިނާގެ ޒިންޖިއާންގ ޕްރޮވިންސުގައި އުއިގޫރު މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކަށް އިސްލާމީ ބޮޑެތި ގައުމުތަކުން ތާއީދުކުރުމުން، މުސްލިމުންނާ ދެކޮޅަށް ހިންގާ ހަރުކަށި އަމަލުތައް އެހެން ސަރަހައްދުތަކަށް އާއްމުކުރުމުގެ މަސައްކަތް ޗައިނާއިން ފަށައިފިއެވެ.
މުސްލިމުން "ހަގީގީ ޗައިނާ މީހުންނަށް ހެދުމަށް" ހިންގާ ހަރަކާތުގެ ދަށުން ވެރިރަށް ބެޖިންގގައި ހުރި ހަލާލު މުސްލިމް ރެސްޓޯރެންޓުތަކާއި ފިހާރަތަކުގައި އަރަބި ބަހުން ހުރި ނަންބޯޑުތަކާއި، އިސްލާމްދީން ރަމްޒުކޮށްދޭ ލިއުންތައް ނެގުމަށް އެރަށުގެ ވެރިން މިހާރު ދަނީ މުސްލިމުންނަށް އަންގަމުންނެވެ.
އެފަދަ ރެސްޓޯރެންޓުތަކާއި ފިހާރަތައް ހިންގާ ފަރާތްތަކުން ޚަބަރުފަތުރާ ވަސީލަތްތަކަށް މައުލޫމާތު ދިން ގޮތުގައި، ބެއިޖިންގގެ އޮފިޝަލުން ދަނީ އެތަންތަނަށް ވަކިވަކިން ގޮސް އިސްލާމްދީން ރަމްޒުކޮށްދޭ ހަނދު ފަޅިއާއި އަރަބިން ޖަހާފައި ހުންނަ 'ހަލާލު' ނިޝާނާއި، އަރަބިން ހުރި ނަންތައް ނެގުމަށް އަންގަމުންނެވެ. ނޫޑްލްސް ވިއްކާ ތަނެއްގެ މެނޭޖަރަކު ބުނީ އެތަނަށް ދިޔަ ސަރުކާރުގެ އޮފިޝަނުން އެތަނުގައި ހުރި 'ހަލާލު' ނިޝާން ފޮރުވުމަށް އޭނާއަށް އަންގައި، އޭނާ އެކަން ކޮށް ނިމެންދެން ބަލަން ތިބި ކަމުގައެވެ.
"އެމީހުން އައިސް ބުނީ ތިއީ ބީރައްޓެހި ސަގާފަތޭ. އަހަރުމެން ވާން ޖެހޭނީ ބޮޑަށް ޗައިނާގެ ސަގާފަތު ބޭނުންކުރާ ބަޔަކަށޭ." ނަން ހާމަކުރަން ނޭދޭ އެ މެނޭޖަރު ބުންޏެވެ.
ބެއިންޖިންގގައި މިހާރު ފަށައިގެން މިއުޅޭ ހަރަކާތަކީ ޗައިނާގެ މުސްލިމުން ޗައިނާގެ ސަގާފަތަށް އެނބުރުގެ ނަމުގައި 2016 ވަނަ އަހަރުއްސުރެ ޗައިނާއިން ހިންގާ ކަންކަމުގެ ބައެކެވެ. ޗައިނާ ސަރުކާރުން މިހަރަކާތް އެންމެ އަނިޔާވެރި، ލާއިންސާނީ ގޮތަކަށް ހިންގަނީ މުސްލިމުންގެ ބައިބޯ ޕްރޮވިންސެއް ކަމުގައިވާ ޒިންޖިޔާންގގައެވެ. އެ ޕްރޮވިންސުގެ ޒުވާނުންގެ މިލިއަނަކަށް ވުރެ ގިނަ މީހުން މިހާރުވެސް ތިބީ 'ތަރުބިއްޔަތުކުރާ' ކޭންޕްތަކެއްގައި ބަންދުކޮށްފައެވެ.
އިސްލާމްދީނާ އަރަބި ބަސް ޗައިނާއަށް އައިސްފައިވަނީ މީލާދީން ހަތްވަނަ ގަނުނުގައެވެ. އޭރުއްސުރެ ޗައިނާގެ މުސްލިމުން ދަނީ އިސްލާމީ ޝިއާރު ފާޅުކުރަމުންނެވެ. އެހެންނަމަވެސް، އިސްލާމީ ޝިއާރު ފާޅުކުރުމާއި، އަރަބި ބަސް ބޭނުންކުރުން މިހާރު ނުރައްކާތެރިކަމަކަށް މިވަނީ ވެފައެވެ.
ލަފާކުރެވޭ ގޮތުގައި ބެއިޖިންގ ސަރަހައްދުގައި ހަލާލު ތަކެތި ވިއްކާ އެއް ހާހަށްވުރެ ގިނަ ރެސްޓޯރެންޓާއި ފިހާރަ ހުރެއެވެ.
ޗައިނާ ސަރުކާރުގެ ކޮމިޓީ އޮން އެތުނިކް އެން ރެލިޖަސް އެފެއާޒް އިން ބުނި ގޮތުގައި ބެއިޖިންގގައި މިހާރު ކުރިއަށްދާ ހަރަކާތަކީ މުޅި ގައުމުގައި އާއްމުކޮށް ހިންގަން ނިންމާފައިވާ ހަރަކާތެކެވެ.