ތިލަފުށީގައި ކުލިނިކަކާއި ބޭސްފިހާރައެއް ހުޅުވައިފި

ތިލަފުށީގައި ގާއިމްކޮށްފައިވާ ކުލިނިކާއި ބޭސްފިހާރަ މިއަދު ހުޅުވައި ދެއްވައިފިއެވެ. އެ ދެތަން ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ގުޅީފަޅާއި، ތިލަފުށީގައި މަސައްކަތްކުރާ ފަރާތްތަކަށް ޞިއްޙީ ފަރުވާދެވޭނެގޮތަށް ތިލަފުށީގައި ކްލިނިކަކާއި ބޭސްފިހާރައެއްގެ ޚިދުމަތް ފެށުމުން އެކަމާ އުފާފުޅު ކުރައްވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަމެއް ދެއްވާ އެއް ދާއިރާއަކީ ރާއްޖޭގެ ޞިއްޙީ ދާއިރާކަމަށެވެ. އެދާއިރާގެ ކަންކަން އިތުރަށް ތަރައްޤީކުރުމަށް ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، ދިރިއުޅޭ ރަށުން ރަނގަޅު ޞިއްޙީ ފަރުވާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމަކީ މި ސަރުކާރުން އަމާޒު ހިފާފައިވާ މުހިންމު ކަމެއް ކަމަށެވެ.

މީގެއިތުރުން، ރާއްޖޭގެ ތަރައްޤީއަށް މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ސަރުކާރުން ދޭންޖެހޭ އެއްބާރުލުމާ އެހީތެރިކަން އަބަދުވެސް ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ މަސައްކަތްތެރީންނާމެދު ވަރަށް ބޮޑަށް ވިސްނަންޖެހޭކަމަށާ އަދި މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަން ޔަޤީންކުރެވިފައިވުމަކީ މަސައްކަތްކުރުވާ ހުރިހާ ފަރާތްތަކުންވެސް އިތުރު ސަމާލުކަމެއްދޭންވީ ކަމެއްކަމުގައެވެ. މަސައްކަތްކުރުވާ މީހާއެކޭ އެއްފަދައިން މަސަތްކަތްކުރާ މީހާގެވެސް ޙައްޤުތަކެއް ވާނެކަން ހަނދާންކޮށް އެކަންތައްތަކަށް ސަމާލުވުމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެން ކަމުން މަސައްކަތްތެރީންގެ ޙައްޤުތައް ކަށަވަރުކޮށްދީ މަސައްކަތުގެ މައިދާނުގައި އެކަކު އަނެކަކަށް އެއްބާރުލުންދީ އެހީތެރިކަން ދިނުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.