އީރާނުން މެދު ރާސްތާގެ ބެލިސްޓިކް މިސައިލެއް ތަޖުރިބާކޮށްފި

ޝިހާބު-3 މަރުކާގެ މިސައިލެއް

އީރާނުން މެދު ރާސްތާގެ ބެލިސްޓިކް މިސައިލެއް ތަޖުރިބާކުރުމުގެ ގޮތުން އުދުއްސާލާފައިވާ ކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ދީފާއީ ވުޒާރާ (ޕެންޓަގަން) ގެ މަސްއޫލުވެރިއަކާ ހަވާލާދީ އެމެރިކާގެ ޚަބަރުފަތުރާ ބައެއް ވަސީލަތްތަކުން ޚަބަރުދީފައިވާ ގޮތުގައި މި ހަފުތާގެ ކުރީކޮޅު އީރާނުން ތަޖުރިބާކުރި މިސައިލަކީ 1000 ކިލޯމީޓަރުގެ ރާސްތާއަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ބެލިސްޓިކް މިސައިލެކެވެ.

އެ މަސްއޫލުވެރިޔާ ހާމަކުރިގޮތުގައި ކާމިޔާބުކާމާއެކު ކުރެވުނު އެތަޖުރިބާގައި، އީރާނުގެ ދެކުނު އައްސޭރިއާ ކައިރި ހިސާބަކުން އުދުއްސާލި އެ މިސައިލް ވަނީ 1100 ކިލޯމީޓަރަށް ދަތުރުކޮށް، އީރާނުގެ އުތުރުގެ، ވެރިރަށް ތެހެރާނާ ކައިރި، ސަރަހައްދަކަށް ވެއްޓިފައެވެ. އަދި އެ މިސައިލްގެ ދަތުރުގައި އީރާނުގެ ވައިގެ ސަރަހައްދުން ބޭރުވެފައި ނުވެއެވެ.

"އީރާނުން ޖައްވުގެ ތެރެއަށް އެއްޗެއް އުދުއްސާލިކަން އަހަރުމެން ދެނެތިބިން. މި ވަގުތު އިތުރު ވާހަކައެއް ދައްކަން ބޭނުމެއް ނުވޭ." ފޮކްސް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އެމެރިކާ ސަރުކާރުގެ އިސް މަސްއޫލުވެރިއަކު ވިދާޅުވިއެވެ.

'ޝިހާބު-3' މަރުކާގެ އެ މިސައިލް ތަޖުރިބާކޮށްފައި ވަނީ މެދުއިރުމަތީގައި ނުތަނަވަސްކަން އިތުރުވެފައިވާ ދުވަސްވަރެއްގައެވެ.  

ޕެންޓަގަންއިން މި މަސައިލް ތަޖުރިބާގެ އިސްތިރާތީޖީ (ސްޓްރެޓީޖިކް) މުހިއްމުކަން ކުޑަކޮށް، އެމަކަށް ސަމާލުކަން ނުދޭކަން ދައްކަން މަސައްކަތްކުރި ނަމަވެސް، މި ތަންވަޅު މިފަދަ ތަޖުރިބާއެއް ކޮށް، އީރާނުން އެވަނީ ވަރުގަދަ މެސެޖެއް ދީފައެވެ.

އެމެރިކާއިން މިހާރު އެ އެއްބަސްވުމަކުން ބޭރުވެފައިވާ، 2015 ވަނަ އަހަރުގެ ނިއުކުލިޔާ އެއްބަސްވުމުގައި މިސައިލް ތަޖުރިބާތައް މަނާކޮށްފައި ނުވެއެވެ. އެހެންނަމަވެސް، އެ އެއްބަސްވު އެކަށައެޅި ދުވަސްވަރާ ދިމާކޮށް ފާސްކުރި ގަރާރެއްގައި  ބެލިސްޓިކް މިސައިލް ތަރުޖިބާކުރުމުގެ ގޮތުން އުދުއްސުން ހުއްޓާލުމަށް ގޮވައިލާފައެވެ.

ޝިހާބު-3 މިސައިލަކީ އީރާނުގެ އަސްކަރިއްޔާގައި ގެންގުޅޭތާ ދުވަސްތަކެއް ވެފައިވާ މިސައިލެކެވެ. އެ މިސައިލްގެ ތަފާތު ޑިޒައިންތައް ތަފާތު ރާސްތާތަކަށް ދަތުރުކުރެއެވެ. އަދި އެމެރިއާއި އިސްރާއީލުގެ އަސްކަރީ ތަޖުރިބާކާރުން އެއްބަސްވާ ގޮތުގައި އެ މިސައިލްގައި ނިއުކުލިޔާ ބޮލެއް ހަރުކޮށްފައި އުދުއްސާލުމުގެ ގާބިލުކަން އެ މިސައިލަށް ލިބިގެން ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.