ހަންނާނުގެ ހުށަހެޅުން ބާ ކައުންސިލުން ބާތިލް ކުރައްވައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި، ވާދަކުރެއްވުމަށް ޢަބްދުލް ޙަންނާނު އަޙުމަދު ހުށަހެޅުއްވި ފޯމު ބާ ކައުންސިލުން ބާތިލް ކުރައްވައިފިއެވެ.

ޖުލައި 27 ގައި ބާއްވާ އިންތިޚާބުގައި ވާދަކުރުމަށް ހަންނާނު ހުށަހެޅި ހުށަހެޅުން ބާތިލް ކުރެއްވީ އެ ލިޔުންތައް އަލުން ބާ ކައުންސިލުން ބެއްލެވުމަށްފަހު ކަމަށް އެތަނުން ވިދާޅުވެފައިވެއެވެ.

އޭނާއަކީ މިހާރުވެސް ޖޭއެސްސީގައި ހުންނަވާ ބޭފުޅެކެވެ. އެހެންނަމަވެސް ޤާނޫނު އަސާސީގެ 161 ވަނަ މާއްދާގެ (ހ) އިން އޭނާއަށް ޖޭއެސްސީގެ މެމްބަރު ކަމަށް އިތުރު ދައުރަކަށް އިންތިޚާބު ކުރުމަށް ހުރަސް އެޅޭ ކަމަށްވެސް އެ ކައުންސިލުން ވިދާޅުވެފައިވެއެވެ.

މިއިންތިޚާބުގައި ޖުމްލަ 6 ކެންޑިޑޭޓަކު ވާދަކުރެއްވުމަށް ފޯމާއެކު ލިޔެކިޔުންތައް ހުށަހެޅުއްވިއެވެ. އެ ލިޔުންތައް އަލުން ބެއްލެވުމަށްފަހު ހަންނާނުގެ ހުށަހެޅުން ބާތިލް ކުރެއްވިޔަސް ކެންޑިޑޭޓުންގެ ނަމްބަރު ތަކަށް ބަދަލެއް ނާންނާނެ ކަމަށް ވެސް އެތަނުން ވިދާޅުވެފައިވެއެވެ.

އެއިންތިޚާބުގައި ވާދަކުރުމަށް ހަންނާނު ހުށަހަޅާފައިވާ "މަޢުލޫމާތާއި ފޯމާއެކު ހުށަހަޅާފައިވާ ލިޔެކިޔުންތައް މިކައުންސިލުން އިތުރަށް ބެލި ބެލުމުން، ޤާނޫނުއަސާސީގެ 161 ވަނަ މާއްދާގެ (ހ) އިން، ޢަބްދުލްޙަންނާން އަޙްމަދު ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް އިތުރުދައުރަކަށް ޢައްޔަންކުރުމަށް ހުރަސްއެޅޭތީ، މި އިންތިޚާބަށް ކުރިމަތިލުމަށް ޢަބްދުލްޙަންނާން އަޙްމަދު ހުށަހެޅި ހުށަހެޅުމާއި، އެ ހުށަހެޅުން ޤަބޫލު ކޮށްފައިވާކަމަށް މިކައުންސިލުން ނިންމާފައިވާ ނިންމުން ބާޠިލު ކޮށްފައިވާކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ." ބާ ކައުންސިލުން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.