ދިވެހިރާއްޖެއިން ކޮމަންވެލްތުން ވަކިވާން ނިންމުމާ ގުޅިގެން ކޮމަން ވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލަންޑް ބަޔާނެއް ނެރުއްވައިފިއެވެ.
ބަޔާނުގައި އެކަމަނާ ވަނީ ދިވެހިރާއްޖެއިން ކޮމަންވެލްތުން ވަކިވާން ނިންމި ޚަބަރު އެއްސެވީ ހިތާމަޔާއެކު ކަމަށް ވިދާޅު ވެފައެވެ. އަދި ޖަމްއިއްޔާގެ ޗާޓަރުގައިވާ ފަދައިން މެންބަރު ގައުމުތަކުގެ އުސޫލުތަކާ އެއްގޮޮތަށް އަމަލު ކުރުންމަތީ ދެމި އޮންނާނެ ކަމަށް އެ ބަޔާނުގައި ވެއެވެ. ޚާއްސަކޮށް ކުދި އަދި ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ޖަމްއިއްޔާއިން ސަމާލުކަން ދޭނޭ ކަމަަށާއި، ދިވެހިރާއްޖޭގެ ނިންމުމަކީ ވަގުތީ ނިންމުމެއް ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އެނބުރި ކޮމަންވެލްތާ ގުޅޭނޭ ކަމަށް އުއްމީދު ކުރާ ކަމަށްވެސް ސެކްރެޓަރީ ޖެނެރަލްގެ ބަޔާނުގައި ވެއެވެ.
ދިވެހިރާއްޖެއިން ކޮމަންވެލްތުން ވަކިވާން ރައީސަށް ލަފާ އެރުވީ މިއަދު މެންދުރު ފަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ. ކޮމަންވެލްތުން ވަނީ ރާއްޖޭގެ ވަކި ކަންތައްތަކެއް އެ ޖަމްއިއްޔާއިން އަންގާ ގޮތަކަށް އިސްލާހު ނުކުރާ ނަމަ ރާއްޖެޔާ މެދު ފިޔަވަޅު އަޅާނޭ ކަމުގެ އިންޒާރު ދީފައެވެ.