އެމެރިކާގެ ރައީސު ޓްރަމްޕަކީ އާދަޔާ ޚިލާފު ގޮތްގޮތަށް ކަންކަމުގައި ޚިޔާލު ފާޅުކުރެއްވުމަށް މަޝްހޫރު ބޭފުޅެކެވެ. މި ފަހަރު އަނެއްކާވެސް މިވަނި އެފަދަ ކަމަކުން މައްސަލަ އުފެދިފައެވެ.
އަފްޣާނިސްތާނުގެ 10 މިލިއަން މީހުން 10 ދުވަހުގެ ތެރޭގައި ނެތިކޮށްލުމުގެ ވާހަކައަކީ ކުޑަ ވާހަކައެއް ނޫނެވެ. އެހެންނަމަވެސް، ރައީސު ޓްރަމްޕް މިވަނީ ވަރަށް ފަސޭހަފުޅުކަމާއެކު އެ ވާހަކަފުޅު ދައްކަވާފައެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާނާ ވައިޓް ހައުސްގައި ހޯމަ ދުވަހު ބައްދަލުކުރެއްވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވަމުން ރައީސު ޓްރަމްޕް ވިދާޅުވީ އޭނާ ބޭނުންފުޅުނަމަ ހަގީގަތުގައިވެސް 10 ދުވަހުގެ ތެރޭގައި އަފްޣާނިސްތާނު ބިންމަތީން ފޮހެއްލެއްވީސް ކަމުގައެވެ.
"އަފްޣާނިސްތާނާ ބެހޭގޮތުން އަހަރެންގެ ޕްލޭންތަކެއް އެބަހުރި. އަހަރެން އެ ހަނގުރާމައިން މޮޅުވާން ބޭނުންނަމަ އަފްޣާނިސްތާނު ބިންމަތީން ފޮހެލެވުނީސް. އެތަނުގެ ކަން އޮންނާނީ ނިމިފައި. އެކަން އޮންނާނީ ހަގީގަތުގައި 10 ދުވަހުން ނިމިފައި." ޓްރަމްޕް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެހެންނަމަވެސް، "10 މިލިއަން މީހުން މަރަން" އޭނާ ބޭނުންފުޅު ނުވާ ކަމުގައެވެ.
ރައީސު ޓްރަމްޕްގެ މިވާހަކަފުޅާ ގުޅިގެން އަފްޣާނިސްތާނުން ވަނީ އެކަން ކުރައްވާނެ ގޮތެއް ސާފުކޮށްދެއްވުމަށް އޭނާގެ ކިބައިން އެދިފައެވެ.
"އަފްޣާނިސްތާ ނުގައި ސުލްހަ ގާއިމުކުރުމަށް އެމެރިކާއިން ކުރާ މަސައްކަތަށް އަފްޣާން ސަރުކާރުން ތާއީދުކުރާ ހާލު، ސަރުކާރުން ފާހަގަކޮށްލަން ބޭނުންންވަނީ ބޭރުގައުމުތަކުގެ ވެރިންނަށް އަފްޣާނިސްތާނުގެ މުސްތަގުބަލާމެދު ގޮތް ނުނިންމެވޭނެކަން." އަފްޣާނިސްތާނުގެ ރައީސު އަޝްރަފު ޣަނީގެ އޮފީހުން ނެރުނު ބަޔާނެއްގައި ވެއެވެ.
"އަފްޣާނިސްތާނާއި އެމެރިކާއާއި ދެމެދު އޮތް ގިނަ ކަންކަން އެކުލެވޭ ގުޅުމަށް ބަލައި، އެމެރިކާގެ ރައީސު ވިދާޅުވި އެއްޗެއް ސާފުކޮށްދެއްވުމަށްއިސްލާމިކް ރިޕަބްލިކް އޮފް އަފްޣާނިސްތާނުގެ ސަރުކާރުން ގޮވާލަން." ބަޔާނުގައި އިތުރަށް ވެއެވެ.
ރައީސު ޓްރަމްޕްގެ މި ވާހަކަފުޅު އައިސްފައި މިވަނީ އެމެރިކާއިން އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު ޒަލްމޭ ޚަލީލުޒާދް ކާބުލަށް ވަޑައިގެން އުޅުއްވަނިކޮށެވެ.
ޠާލިބާން ޖަމާއަތުން ވަނީ އަފްޣާނިސްތާނުގެ ސަރުކާރަށްވެރު މާ ހަރުކަށި ރައްދެއް ރައީސު ޓްރަމްޕަށް ދީފައެވެ. ޠާލިބާންގެ ބަޔާންގައި ވާގޮތުން، އަފްޣާނިސްތާން ބިންމަތީން ފޮހެލުމުގެ ހުވަފެން އެމެރިކާއަށް ވުރެ ކުރިން ދުށް މުޣުލުންނާއި، އިނގިރޭސިންނާއި، ރޫސީވިލާތް ވަނީ "އެ ހުވަފެނާއެކު ކަށްވަޅަށް ގޮސްފައެވެ."
"އެމީހުން ހީކުރި ގޮތާ ޚިލާފަށް، އެ ބާރުތައް ވަނީ ބިން މަތީން ފޮހެވިގެން ގޮސްފައި، އެހެންނަމަވެސް މާތް ﷲގެ އިރާދަފުޅާއެކު އަފްޣާން ގައުމު ފަޚުވެރިކަމާއެކު ދަނީ ކުރިއަށް، އަދި ފަޚުރުވެރިކަމާއެކު ދެމިއޮންނާނެ." ޠާލިބާންގެ ބަޔާނުގައި ވެއެވެ.