ފުލުހުންގެ ވަޒީފާއަށް މީހުން ހޯދަން އިޢުލާން ކުރައްވައިފި

ފުލުހުންގެ ވަޒީފާތަކަށް މީހުން ބޭނުންވެގެން އެ މުޢައްސަސާއިން އިޢުލާން ކުރައްވައިފިއެވެ.

ފުލުހުންގެ ވަޒީފާތަކަށް ހޯދަން އިޢުލާން ކުރައްވާފައިވަނީ ސްޕެޝަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްގެ ވަޒީފާއަށާއި،  ކޮންސްޓަބަލްގެ ވަޒީފާއަށެވެ. އެވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އިއްޔެއިން ފެށިހެންވަނީ ހުޅުވާލައިފައެވެ.

ފުލުހުންގެ ސްޕެޝަލް ކޮންސްޓެބުލަރީގެ ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު، ހުޅުވާފައިވަނީ މިއަހަރުގެ ޑިސެންބަރު 5 ވަނަ ދުވަހުގެ 16:00 އާއި ހަމައަށެވެ. ކޮންސްޓަބަލްގެ ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުގެ 4:00 އަށެވެ.

ސްޕެޝަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްގެ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކަކީ ގްރޭޑް 10 ނިންމާފައިވާ ފަރާތަކަށް ވާންވާނެ ކަމަށާއި އެއާއެކު މީލާދީގޮތުން 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހަކަށްވާންޖެހޭނެ ކަމަށް ފުލުހުންގެ މުޢައްސަސާއިން ވިދާޅުވެފައިވެއެވެ. އެ ވަޒީފާއަށް ކުރިމަތިލާ ފިރިހެނުންގެ އިސްކޮޅުގައި ފަސް ފޫޓު ތިން އިންޗި ހުންނަންޖެހެއެވެ. އަންހެނެއްނަމަ އިސްކޮޅު ފަސްފޫޓަށްވުރެ ކުރުވެގެން ނުވާނެއެވެ. އެ ވަޒީފާތަކަށް ކުރިމަތިލާ މީހުންނަކީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ޙީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް ވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާހޯދާފައިވާ ފަރާތަކަށް ނުވުމާއި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކަށް ނުވުމާއި، ސްޕެޝަލް ކޮންސްޓެބުލަރީ ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައި ވާންޖެހެއެވެ.  އަދި ސްޕެޝަލް ކޮންސްޓެބުލަރީ ވަޒީފާގައި 2 އަހަރު ދުވަހުއުޅެ ތަޖުރިބާ ލިބުމަށްފަހު، ޕޮލިސް ކޮންސްޓަބަލް މަޤާމަށް ބަދަލުވުމަށް ޝައުގުވެރިވާ ފަރާތެއްކަމުގައިވާން ޖެހޭ ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.