ފަލަސްޠީނު މީހުންގެ 100 ވަރަކަށް ގެ ތަޅާލުމުގެ މަސައްކަތް އިސްރާއީލުން ފަށައިފި

އިސްރާއީލު ސިފައިން ވާދީ ޙުއްމަޞްގައި ދިރިއުޅޭ ފަލަސްޠީނު މީހުންގެ ގެތައް ތަޅާލުމުގެ މަސައްކަތުގައި

އިސްރާއީލުން ވެރިވެގަނެގެން އުޅޭ ޤުދްސުގެ ދެކުނުގައި އޮންނަ އަވަށެއްގައި ފަލަސްޠީނު މީހުން ދިރިއުޅޭ 100 ވަރަކަށް ގެ ތަޅާލުމުގެ މަސައްކަތް އިސްރާއީލުގެ ސިފައިން ފަށައިފިއެވެ.

ޤުދްސުގެ ދެކުނުގައި އޮންނަ ސޫރު ބާހިރް އަވަށުގެ ވާދީ އަލްޙުއްމުޞްގައި ހުރި ގެތައް ތަޅާލުމުގެ މަސައްކަތް ލަސްކުރުމަށް އެ ވާދީގައި ދިރިއުޅޭ ފަލަސްޠީނު މީހުންގެ އާއިލާތަކުން ހުށަހެޅި މައްސަލަ ގަބޫލުނުކޮށް، އިސްރާއީލުގެ ސުޕްރީމް ކޯޓުން އިއްޔެ ވަނީ އެ ގެތައް ތަޅާލުމުގެ ހުއްދަ ދީފައެވެ.

ފަލަސްޠީނު މީހުންގެ ގެތައް ތަޅާލައި، އެ ބިން ސާފުކުރުމަށް އިސްރާއީލުން ދައްކާ ބަހަނާއަކީ ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުން ބިނާކޮށްފައިވާ ފާރާއި (ފަލަސްޠީނު މީހުން ކިޔާ ގޮތުންނަމަ 'ނަސްލީ އިމްތިޔާޒުގެ ފާރާއި) އެ ގެތައް މާ ގާތްވުމުން އެއީ އިސްރާއީލަށް އޮތް ސަލާމަތީ ގޮތުން ނުރައްކަލަކަށް ވުމެވެ.

އިސްލާއީލުގެ އުދުވާނީ ސިފައިން އޮތީ ވާދީ އަލްޙުއްމުޞްގައި ދިރިއުޅޭ މީހުންން އެ ގެތަކުން ނުކުތުމަށް މި ޖުލައި މަހުގެ 19 ވަނަ ދުވަހާއި ހަމައަށް މުހުލަތު ދީފައެވެ. އެހެންނަމަވެސް، ފަލަސްޠީނު މީހުން އެ ގެތަކުން ނުކުމެފައި ނުވެއެވެ.

މިއަދު ހެނދުނު އިސްރާއީލު ސިފައިން ވަނީ، ބުލްޑޯޒަރާއި، އެފަދަ އެހެން އުޅަނދުތަކާއެކު ވާދީ އަލްޙުއްމުޞްއަށް ވަދެ  ފަލަސްޠީނު މީހުން ދިރިއުޅޭ 16 އިމާރާތެއް ތަޅާލުމުގެ މަސައްކަތް ފަށާފައެވެ. އެ 16 އިމާރާތުގައި 100 ވަރަކަށް އެޕާޓްމަންޓް ހިމެނެއެވެ. އދ. ގެ ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (ޔޫއެންއޯސީއެޗްއޭ އިން ބުނެފައިވާ ގޮތުގައި އިސްރާއީލުގެ މި އުދުވާނީ އަމަލުގެ ސަބަބުން ފަލަސްޠީނުގެ 350 މީހުންނަށް އަސަރުކުރާނެއެވެ.

ފަލަސްޠީނު ސަރުކާރުގެ އެދުމުގެ މަތިން ޔޫރަޕްގެ 20 ގައުމެއްގެ ޑިޕްލޮމޭޓުން ވަނީ އިއްޔެ ވާދީ އަލްޙުއްމުޞް ބައްލަވައިލައްވާފައެވެ.

"އަހަރުމެންނަށް އެބައިމީހުންގެ ހައްގު އިންކާރުނުކުރެވޭނޭކަން ބާރުލާފައި ހާމަކުރުމަކީ މުހިއްމު ކަމެއް ކަން އަހަރެން ގަބޫލުކުރަން. އެމީހުން އެތިބީ ފަލަސްޠީނުގެ ބިމުގައި." ވާދީ އަލްޙުއްމުޞް ބައްލަވައިލެއްވުމަށް ފަހު، އިސްރާއީލު ސިފައިންގެ އަމަލާ ދެކޮޅަށް ވާހަކަފުޅު ދައްކަވަމުން އަލްޤުދްސްގައި ހުންނަވާ ފަރަންސޭސީ ކޮންސުލް ޖެނެރަލް ޕީއާ ކޮޝާރް ވިދާޅުވިއެވެ.

"ގެތައް ތަޅާލީމާ އަހަރުމެން ތިބެންޖެހޭނީ މަގުމަތީގައި." ޔޫރަޕްގެ ޑިޕްލޮމޭޓުންގެ ހާޒިރުގައި ވާހަކަދައްކަމުން، ގެ ތަޅާލުމުން މަގުމެތިވެފައިވާ 4 ކުދިންގެ ބައްޕައަކު ބުންޏެވެ.

ބައިނަލް އަގްވާމީ ގާނޫނާ، އދ. ގެ ގަރާރުތަކާ ޚިލާފަށް އިސްރާއީލުން ހިންގާ މިފަދަ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ވާހަކަދެއްކުން ފިޔަވައި ބައިނަލް އަގްވާމީ މުޖުތަމައުން ކުރާ ކަމެއް ނެތެވެ. އިސްރާއީލުގެ އުދުވާނު ކުރިއަށް ގެންދަން ލިބޭ އެންމެ ބޮޑު ހިތްވަރަކީ އެއީއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.