ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދަޢުވާގެ އަޑު އެހުމެއް ބާއްވައިފި

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ މައްޗަށް ދައުލަތުން ކުރައްވައިފައިވާ މަނީ ލޯންޑަރިންގެ ދަޢުވާގެ ޝަރީޢަތުގެ އަޑު އެހުމެއް މިއަދު ބާއްވައިފިއެވެ.

މި ޝަރީޢަތް ބާއްވާފައިވަނީ ޢާއްމުކޮށް ހުޅުވާލައިގެންނެވެ. ޓީވީ ތަކުން ވެސް ވަނީ ވަގުތުން ދައްކައިފައެވެ. މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ މައްޗަށް ކުރެވޭ ދަޢުވާއަށް އިންކާރު ކުރައްވައިފައެވެ. އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ އަޙުމަދު އަދީބު އެމަނިކުފާނަށް ދެއްވަންޖެހޭ ފައިސާއެއް ކަމަށެވެ. އެ ފައިސާ ޖަމާވެފައިވަނީ އެސްއޯއެފް ގެ ޗެކަކުން ކަން ވެސް ކުރިން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އެކަން އެނގިވަޑައިގެންނެވީ އޭސީސީގެ އޭރުގެ ރައީސް ޙަސަން ލުތުފީ ގުޅުއްވާފައި އެކަން އެންގެވުމުން ކަމަށް ވެސް ވިދާޅުވިއެވެ. އެހިސާބުން އެކަން ބައްލަވައި ދެއްވައި އެކަމުގައި ޤާނޫނާއި ޚިލާފު އެއްވެސް ކަމެއް ވާނަމަ އެކަން ތަޙުޤީޤުކޮށް ދެއްވުމަށް ދެންނެވި ކަމަށް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެފައިސާ އެކައުންޓަށް ޖަމާކޮށްފައިވަނީ އެމްއެމްއީ އެކަން ބެއްލުވުމަށްފަހު އެކަން ކުރަންޖެހޭ ގޮތަށް ކަމަށް ދެކެވަޑައި ގަންނަވާ ކަމަށެވެ. ކަސްޓަމަރުން ޙިމާޔަތް ކުރުމަކީވެސް ބޭންކުގެ ޒިންމާއެއް ކަމަށް ޔާމީން ވިދާޅުވިއެވެ.

މިއަދުގެ ޝަރީޢަތުގައި ރައީސް ޔާމީންގެ ފަރާތުން ވަނީ ދިފާޢުގައި ފަސް ކަމެއް ހުށަހަޅުއްވައިފައެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމެއް ޝަރީޢަތަށް ބަލައިގެންފައި ނުވެއެވެ. އެހެންނަމަވެސް ޙުކުމް ކުރައްވާއިރު އެކަންކަމަށް ރިޢާޔަތް ކުރައްވަންޖެހިވަޑައިގެންފި ކަމަށްވާނަމަ އެކަން ކުރައްވާނެ ކަމަށް ޤާޒީ ވިދާޅުވިއެވެ.

މިއަދުގެ ޝަރީޢަތް ނިންމާލީ ހެކީން ހުށަހެޅުމަށް ރައީސް ޔާމީނަށް ފަސް ދުވަސް ދެއްވަމުންނެވެ. ދެން އަޑުއެހުމެއް އޮންނާނީ އޮގަސްޓް 4 ވަނަދުވަހުއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.