ސައޫދީ އަރަބިއްޔާގައި އެމެރިކާ ސިފައިން ބައިތިއްބަނީ

އެމެރިކާ ސިފަންގެ ސެންޓްރަލް ކޮމާންޑުގެ ކޮމާންޑަރު ޖެނެރަލް ކެނެތު މެކެންޒީ ބުރާސްފަތި ދުވަހު ސައޫދީ އަރައްބިއްޔާގައި

ސައޫދީ އަރަބިއްޔާގެ އެކެވެރި ދެ ގައުމު ކަމުގައިވާ އެމެރިކާ އަދި އިނގިރޭސިވާލާތާ އީރާނާ ދެމެދު އުފެދިފައިވާ އަރައިރުން އިތުރަށް ގޯސްވަމުންދާތީ، އެމެރިކާގެ ސިފައިން ސައޫދީ އަރަބިއްޔާގައި ބައިތިއްބައި، އެ ގައުމުގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތްތައް އިތުރުކުރުމަށް ނިންމައިފި ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަގަންއިން ބުނެފިއެވެ.

"އަސްކަރީ ބާރުތަކުގެ މިހަރަކާތް (ސައޫދީ އަރަބިއްޔާގައި ސިފައިން ބޭތިއްބުން) ވެގެންދާނީ (ދުޝްމަނުންގެ ހަރަކާތްތައް) ހުއްޓުމުވުގެ ބާރަކަށް. އަދި ސަރަހައްދުގައި އުފެދެމުންދާ، ނުރައްކާތަކުން އަހަރުމެންގެ އަސްކަރީ ބާރުތަކާއި މަސްލަހަތުތައް ރައްކާތެރިކުރުމަށް ލިބޭ ޔަގީންކަމަކަށް." ޕްންޓަގަންއިން ނެރުނު ބަޔާނެއްގައި ވެއެވެ.

އެމެރިކާއިން އިރާގުގައި ކުރި ހަނގުރާމަ 2003 ގައި ނިމުނު ފަހުން އެމެރިކާ ސިފައިން ސައޫދީ އަރަބިއްޔާގައި ބައިތިއްބާފައި ނުވެއެވެ. އެ ފަހަރު އެމެރިކާ ސިފައިން ސައޫދީ އަރަބިއްޔާއިން ފޭބީ 12 އަހަރު ދުވަހު އެ ގައުމުގައި ތިބުމަށް ފަހުގައެވެ.

ސައޫދީ އަރަބިއްޔާގެ ދީފާއީ ވުޒާރާއިން ވެސް ވަނީ ޕެންޓަގަން ބުނި ވާހަކައަށް ތާއީދުކޮށް، ސައޫދީ އަރަބިއްޔާގައި އެމެރިކާ ސިފައިން ބައިތިއްބަން ނިންމިކަން ޔަގީންކޮށްދީފައެވެ.

މި ކަމާ ގުޅިގެން ސައޫދީ ޚާރިޖީ ވުޒާރާއިން ކުރި ޓުވީޓެއްގައި ވަނީ ސައޫދީ އަރަބިއްޔާގައި އެމެރިކާ ސިފައިން ބައިތިއްބަން ސަލްމާން ރަސްގެފާނު ހުއްދަ ދެއްވާފައިވާ ކަމުގައެވެ. "ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމުގެ ދިފާއުގައި، އަދި ސަރަހައްދުގެ ސުލްހަ ދެމެހެއްޓުމުގައި، ގުޅިގެން ކުރެވޭ މަސައްކަތް އިތުރުކުރުމަށްޓަކައި އެމެރިކާ ސިފައިން ބޭތިއްބުމުގެ ހުއްދަ ރަސްގެފާނު ސަލްމާނު ދެއްވައިފިއެވެ." ސައޫދީ ޚާރިޖީ ވުޒާރާގެ ޓުވީޓުގައި ވެއެވެ.

ޕެންޓަގަންގެ މަސްދަރުތަކާ ހަވާލާދީ ސައޫދީ ބައެއް ނޫސްތަކުން ބުނި ގޮތުގައި އެމެރިކާގެ ސިފައިން ޕެޓްރިއޮޓް ވައިގެ ދިފާއީ ނިޒާމާއެކު މިހާރުވެސް ކިންގް ސަލްމާން ވައިގެ މަރުކަޒަށް އައިސްފައިވާ ކަމުގައެވެ. އަދި މިހާރު އެ މަރުކަޒުގައި ތިބި އެމެރިކާ ސިފައިން، އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކާއި، އިތުރު ސިފައިން އައުމުގެ ތައްޔާރީތުގައި މަސައްކަތްކުރަމުން ދާކަމުގައެވެ.

އެމެރިކާ ސިފައިންގެ 1000 މީހުން މެދެއިރުމައްޗަށް ފޮނުވަން ނިންމާފައިވާ ކަމުގައި ފާއިތުވި ޖޫން މަހު އެމެރިކާގެ ވަގުތީ ދިފާއީ ވަޒީރު ޕެޓްރިކް ޝެނަހަން ވިދާޅުވެފައި ވެއެވެ. އެހެންނަމަވެސް، ސިފައިން ފޮނުވަނީ ކޮން ގައުމަކަށް ކަން އޭނާ ހާމަކުރައްވާފައި ނުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.