ދަށު ކޯޓުތަކުން ޖޭއެސްސީއަށް މެމްބަރަކު އައްޔަން ކުރުމުގެ އިންތިޚާބު އީސީން ބާއްވައިދެނީ

ދަށު ކޯޓުތަކުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މެމްބަރަކު ކަނޑައެޅުމަށް ބާއްވާ އިންތިޚާބު ވެސް ބާއްވާނީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަމަށް އެތަނުން ވިދާޅުވެއްޖެއެވެ.

އީސީގެ ރައީސް އަޙުމަދު ޝަރީފް އާދަމް އާފަތިހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ދަށު ކޯޓުތަކުން ޖޭއެސްސީއަށް މަންދޫބަކު ކަނޑައެޅުމުގެ އިންތިޚާބު ބާއްވައި ދެއްވުމަށް އެދި ޖުޑީޝަލް އެޑުމިނިސްޓްރޭޝަނުން އީސީ އާ މަޝްވަރާ ކުރައްވައިފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ ޖުޑީޝަލް އެޑުމިނިސްޓްރޭޝަނުން ބޭނުންވަނީ ޤާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް ވަކީލަކު އިންތިޚާބު ކުރުމަށް ބާ ކައުންސިލުން އިންތިޚާބު ބާއްވާ ދުވަހު އެ އިންތިޚާބުވެސް ބޭއްވުމަށެވެ. އެގޮތަށް ހަމަޖައްސަވަން އެތަނުން ބޭނުންވީ ޚަރަދު ކުޑަކުރުމުގެ ގޮތުން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޤާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް ބޭފުޅަކު އައްޔަން ކުރުމަށް ބާއްވާ އިންތިޚާބު އޮންނާނީ އޯގަސްޓް 27 ގައެވެ. އެ އިންތިޚާބު ވެސް ބާއްވައިދޭނީ އިލެކްޝަންސް ކޮމިޝަނުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.