ދި ޖަޖު ދެއްކުމުގެ ޙަފްލާގައި ރައީސް ބައިވެރިވެ ވަޑައިގެންފި

ފަލަސްޠީނުގައި ފަނޑިޔާރުކަން ކުރެއްވި ފުރަތަމަ އަންހެން ފަނޑިޔާރު، ޚުލޫދު އަލް ފަޤީހާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ ފިލްމު "ދި ޖަޖް" ދެއްކުމުގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބައިވެރިވެ ވަޑައިގެންފިއެވެ. މި ޙަފްލާގައިވަނީ ޚިޔާލުބަދަލުކުރުމުގެ ޙަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ.

މިރޭ އޮލިސްޕަހުގައި ބޭއްވި މި ޙަފުލާއަކީ މިނިސްޓްރީ އޮފް އާރޓްސް އެންޑް ހެރިޓޭޖްގެ އެހީތެރިކަމާއެކު އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމުޢިއްޔާއެއް ކަމުގައިވާ އުތެމާއިން އިންތިޒާމުކުރި ޙަފުލާއެކެވެ.

ދި ޖަޖުގައި  ދައްކުވައިދެނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން ގެންދެވި ޚުލޫދު އަލް ފަޤީހު މެދުއިރުމަތީގެ ޝަރުޢީ ކޯޓަކަށް އައްޔަންކުރި ފުރަތަމަ އަންހެން ފަނޑިޔާރުކަމުގައި ވެވަޑައިގެންނެވުމަށް ކަޑައްތު ކުރެއްވި ދިގު ރާސްތާއެވެ. އެގޮތުން ވަކީލެއްގެ ގޮތުގައި ޚުލޫދު އަލް ފަޤީހު ކުރެއްވި ބުރަ ދަތުރުފުޅާއި، އަންހެނުންނަށް އިންސާފު ހޯއްދަވައިދެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ އިތުރުން އެކަމަނާގެ ރަސްމީ ބައެއް މަސައްކަތްތަކާއި ޢާއިލީ ދިރިއުޅުއްވުންވެސް މި ފިލްމުގައި ދައްކުވައިދެއެވެ. އަދި މީގެ ކުރިން ހާމަވެފައި ނުވާމިންވަރަށް ހާމަކަމަކާއެކު މެދުއިރުމައްޗާއި، ފަލަސްޠީނުގެ ޝަރުޢީ ކޯޓުތަކުގެ ވާހަކަތައް ގެނެސްދީފައިވާ މި ޑޮކިއުމަންޓްރީގައި ފަލަސްޠީނުގެ އާދަކާދައާއި ޤާނޫނީ ދާއިރާވެސް ވަރަށް ފުރިހަމައަށް ގެނެސްދީފައިވެއެވެ.

މި ޙަފުލާގައި މި ފިލްމު ދެއްކުމުގެ އިތުރުން “އަންހެނުންނާ ފަނޑިޔާރުކަން" މި މައުޟޫޢުގެ މައްޗަށް ޕެނަލް އަކާއެކު ޚިޔާލު ބަދަލުކުރެވިފައި ވެއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.