(13 ޖުލައި 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ޒައިނަބްގެ ބޭބެ މަދަހަ ކީ އަޑު އެހިން އިއްޔެ." ޒައިނަބް ގާތު އިމާމާ ބުންޏެވެ.
"އެހެންތަ؟"
"އޭނައަށް އެއްވަނަ ލިބުނީ." ޒައިނަބް ހީނލިއެވެ.
"އެއީ ވަރަށް ރީތި މަދަހައެއް."
"ތުއްތުއިރުއްސުރެ ޤުރްއާން މުބާރާތްތަކާއި މަދަހަ މުބާރާތުގައި ބައިވެރިވެ ތަށި ގެންނާނެ ޖަލާލްބެ. ގެއަށް ގެނައި އެވޯޑުގެ އަދަދެއް ނޭނގޭ." ފަޚުރުވެރިވެލާފައި ޒައިނަބު ބުންޏެވެ. "އެ އަޑުގެ ރީތިކަމަކީ އޭނާގެ އޭނާގެ އީމާންތެރިކަމުގެ ވަރުގަދަކަން، ދީނަށް އޮންނަ ޝައުގެވެރިކަން، ރަސޫލާ މުޙައްމަދު ޞައްލަﷲ އަށް އޭނަގެ ހިތުގައި ޚާއްޞަ ގަދަރެއް އޮވޭ. އެހެން ހަރަކާތްތަކުގެ ބައިވެރިވާން ބުނާއިރަށް އޭނަ ބުނާނެ ﷲ އާއި އެކަލާނގެ ރަސޫލާގެ ޚިދުމަތުގައި އޮންނަ ދުލަކުން އެހެން މީހަކަށް ތައުރީފެއް ނުކުރާނަމޭ."
"އަހަރެމެން ވެސް ރަސޫލާ ދެކެ ލޯބިވޭ. އެކަމަކު ބޭބެ އެ ވާ ވަރަށް ލޯބިވާ މީހަކު ނުދެކެން، އެންމެ ނަމާދެއް ވެސް ވައްޓައެއް ނުލާ. ކޮންމެ މަހަކު ޚަތިމެއް ކުރާނެ. ބޭބެ ޤުރްއާން ކިޔަވާ އަޑު އަހަންވާނެ." އިމާމާ ޒައިނަބްގެ ވާހަކަ އަޑު އެހީ ޝައުގެވެރިކަމާ އެކު އެވެ. އެކަމަކު އޭނާ އެއްވެސް ސުވާލެއް ނުކުރެއެވެ.
ވިދިގެން އައި ދުވަހު ކުލާހަށް ދާ ވަގުތު ޖެހުން އިރުވެސް އެނދުން ނުތެދުވެ އިމާމާ އޮތީއެވެ.
"މިއަދު ކުލާހެއް ނެތްތަ؟ ގަޑި ޖެހެނީ ނުން." ޖުވައިރިއްޔާ ބެލީ އޭނަ ހޭލެއްވޭތޯއެވެ.
"ދޭ. އަހަރެން މިއަދު ނުދަން." އަނެއްކާވެސް ލޯ މަރައިލަމުން އިމާމާ ބުންޏެވެ.
"އެއީ ކީއްވެ؟"
"މިއަދު އެހާ ރަނގަޅެއް ނޫން." އިމާމާ ބުންޏެވެ.
"ލޮލަށް ކިހިނެއްވީ؟ ހާދަ ރަތޭ. ރޭ ނުނިދަންތަ؟"
"ނޫން، އަހަންނަށް ނިދިޔަ ދީބަލަ ދެން، ޕްލީޒް." އިމާމާގެ އެ ޖަވާބާއެކު ޖުވައިރިއްޔާ ކުލާހަށް ދާން ނިކުތެވެ.
ހަގީގަތުގައި ވެސް އިމާމާއަށް ހަމަ ނިދި ނުލިބެއެވެ. މުޅި ކޮޓަރި ގުގުމާގައި ހުރީ ޖަލާލް އަންޞާރްގެ އަޑެވެ. އެހެން ކަމަކާ ދޭތެރޭ ފިކުރު ހިންގޭވަރެއް އޭނާއަކަށް ނުވިއެވެ. އޭނާ ވައި އަޑުން ތަކުރާރުކޮށް ޖަލާލްގެ ނަން ކިޔަމުން ދިޔައެވެ. އަދި ޖަލާލަގެ އަޑުގެ ޖާދޫގައި ޖެހުނީ ކީއްވެތޯ ހިތާހިތާ ސުވާލުކުރިއެވެ. އޭނަގެ ސިކުނޑިން ޖަލާލް ގެ ތަސްވީރު ނުފޮހެވިގެން އުޅެނީ ކީއްވެބާއެވެ. ކުޑަދޮރުން ބޭރު ބަލަން ހުރި އިރު އޭނާގެ ހަނދާނަށް އައީ ކުރި ދުވަހު ޒައިނަބް ބުނި ވާހަކައެވެ. "އެ އަޑުގެ ރީތިކަމަކީ އޭނާގެ އޭނާގެ އީމާންތެރިކަމުގެ ވަރުގަދަކަން، ދީނަށް އޮންނަ ޝައުގެވެރިކަން، ރަސޫލާ މުޙައްމަދު ޞައްލަﷲ އަށް އޭނަގެ ހިތުގައި ޚާއްޞަ ގަދަރެއް އޮވޭ."
އިމާމާގެ ހިތުން ނުފިލައިގެން މި އުޅެނީ ޖަލާލްގެ ކޮން ކަމެއްބާވައެވެ؟ އެއީ ޖަލާލްގެ އީމާންތެރިކަން، ނުވަތަ އޭނާގެ ހިތުގައި ދީނަށް އޮތް ޝައުގުވެރިކަން ބާވައެވެ؟ ނުވަތަ އެ އަސަރު ގަދަ އަޑުބާވައެވެ؟ އޭނާގެ ހިތަށް އެހައި ފުން އަސަރެއް ކުރީ ކީއްވެކަމެއް އިމާމާއަކަށް ނޭނގެއެވެ. "އޭނާގެ (ޖަލާލްގެ) ދިރިއުޅުން ފެށެނީ ޚާލިޤްވަންތަ ﷲ އަށް ޒިކުރު ކުރުމުން، ނިމެނީ އެ ކަލާނގެ ފޮނުއްވި ރަސޫލާއަށް ޞަލަވާތް ކިޔެވުމުން." އިމާމާގެ ހަނދާނަށް އައެވެ. އެ ޚިޔާލާއެކު އޭނާގެ ހަށިގަނޑު ފިނިވެ މީހާ މުޅިން ގަނޑުވިއެވެ. ވޭތުވެ ދިޔަ ދެ އަހަރެއް ތެރޭ ޖަވާބު ނުލިބި ހުރި އެތައް ސުވާލެއް އޭނާގެ ހިތުގައި އުފެދިފައި ވެއެވެ. މިހައިތަނަށް ކުރިމަތިވި ކޮންމެ ހާދިސާއަކީ އެ ސުވާލުތަކުގެ ޖަވާބާ ދިމާއަށް އެޅޭ ފިޔަވަޅެއް ކަމުގެ އިހުސާސް މިއަދު އޭނާއަށް އެބަކުރެވެއެވެ. ޖާހިލުކަމާއި އަނދިރީގެ ތެރެއިން ފަނޑު އައްޔެއް ފެންނާން ފެށި ކަހަލައެވެ. "ރަސޫލާގެ ނަންފުޅު އަޑުއިވޭ ހިނދު އެކަލޭގެފާނަށް ތަބާވާ މީހުންގެ ލޮލުން ކަރުނަ އޮހެނީ، އެކަލޭގެފާނުގެ ޚާއްޞަ ކޮން ސިފަފުޅެއް ހުރެގެންބާވައެވެ؟ އެ މީހުންގެ ހިތުގެ އެންމެ ހިމަ ނާރުގައި ކޮއްޓާލަނީ އެކަލޭގެފާނުގެ ކޮން ސިފަފުޅެއްބާވައެވެ؟ އީމާންތެރިކަން ބާވައެވެ؟ ދީނާ މެދު އޮންނަ ޝައުގެވެރިކަން ބާވައެވެ؟ އަހަރެންގެ ލޮލުން ކަރުނައިގެ ހިލަމެއް ވެސް ނުވީ ކީއްވެގެންބާވައެވެ؟ އަހަރެންގެ ހިތަށް ތައުރީފުގެ ބަސްތައް އައިސް، ދުލުން ބަޔާން ނުކުރެވެނީ ކިއްވެބާވައެވެ؟"
ޖަލާލްގެ މަދަހައިން ބައިތެއް ކިޔަން އޭނާ މަސައްކަތް ކުރިއެވެ. ވަކި ހިސާބަކުން އޭނާގެ އަޑު ކުރަކި ވިއެވެ. ކަރުކެހިލާފައި އަނެއްކާވެސް ފެށިއެވެ. ކުޑަދޮރުން ބޭރު ބަލަހައްޓައިގެން ހުރެ އެ މަދަހަ ކިޔޭތޯ ތަކުރާރުކޮށް އެތައް މަސައްކަތެއް ކުރިއެވެ. މެދުތެރެއިން ހުއްޓުން އެރީ ޖަލާލްގެ އަޑަށެވެ. ބަންގީގެ އަޑުހައި ސާފުކޮށް އޭނާއަށް އިވެނީ ޖަލާލްގެ އަޑެވެ. އިމާމާގެ ކޯތާފަތުން ތެތްކަމުގެ އިހުސާސެއް ކުރެވުނެއެވެ. އޭނާއަށް ރޮވެނީއެވެ. ޔަގީން ކޮށްލުމުގެ ގޮތުން ލޮލުގައި ޝަހާދަތް އިނގިލި ޖައްސާލިއެވެ. އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަނީއެވެ. ވާނުވާ ނޭނގި ހުރެ ދެއަތުން މޫނު ފޮރުވިއެއެވެ. އަދި މަޑުމަޑުން ބިންމަތީގައި އިށީނދެ ގިސްލަގިސްލާފައި ހިތް ފުރެންދެން ރޮއެލިއެވެ. އިންސާނަކަށް މި ދުނިޔެ މަތިން އުފުލަން ޖެހޭނެ އެންމެ ބޮޑު ތަކުލީފަކީ ރެކެވެން ނެތް ހަގީގަތެއް ހިތަށް ސާބިތުވުމާއެކުވެސް އެ ވާހަކަ ދުލުން ބަޔާން ކުރަން ޖެހިލުން ވުމެވެ. ބުއްދިއަށް އެ ހަގީގަތް ގަބޫލުކުރެވުނު ނަމަވެސް އެވާހަކަ ހާމަކުރަން ނުކެރުމެވެ. އިމާމާއަށް މިހާރު އެހުރެވެނީ އެ ހަތަރު އަނގޮޅީގައެވެ. މީގެ ދެ ތިން އަހަރެއް ކުރިން އޭނާގެ ހިތަށް އުނދަގޫ ކުރަމުން އައި ކަންތަކަށް އަލިމަގެއް ފެނުނީއެވެ. ރަސޫލާއަށް ޚާއްޞަކޮށް މަދަހަ ކިޔާ އަޑު އޭނާއަށް އިވޭތާ އަހަރުތަކެއް ވެއްޖެއެވެ. އެކަމަކު މީގެ ކުރިއަކުން އޭނާއަކަށް މިހައި ފުން އަސަރެއް ނުކުރެއެވެ. ލޮލުން ކަރުނައެއް ނުހިލެއެވެ. ހިތް ނެގިމަޑެއް ނުވެއެވެ. ނަމަވެސް މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ރިސާލަތުގެ ވާހަކަ އަޑު އިވުމުން ނުވަތަ ކިޔުމުން ކޮންމެ ފަހަރަކުވެސް އޭނާއަށް ބުނެދޭން ނޭނގޭ ކަހަލަ އިހުސާސެއް ކުރެވެއެވެ. އެ ވަގުތު ޞަބީޙާގެ ދަރުސްތަކަށް ނުދާން ނިންމައިގެން ހުރި ނިންމުން ބަދަލުވިއެވެ. ޖަލާލްގެ އަޑު ވީ އޭނާ އަށް ތެދުމަގު ދައްކައިދިން އަލިފާން ކޮކާލަކަށެވެ.
"މި މާއްދީ ދުނިޔެއިންވެސް މި އަޅާއަށް އިބަރަސްކަލާނގެ ދީދާރު އެބަކުރެވެއެވެ.
އެކަމަކު މީހުން ކިޔައި އުޅޭތީ އިވެނީ އިބަރަސްކަލާނގެ ދީދާރު ކުރެވޭނީ އާޚިރަތުގެ ދުނިޔެގައި ކަމަށެވެ."
***
އެ ހާދިސާ ވެގެން ދިޔައީ އިމާމާއަށް އާ ދަތުރެއްގެ ފެށުމަކަށެވެ. ގަވައިދުން ޞަބީހާގެ ދަރުސްތަކަށް ދާން އޭނާ ފެށިއެވެ. އަދި އެ މަގުގައި ސާބިތުވެ ހުރުމުގެ ހިތްވަރު ލިބުމެވެ. ހިތުގައި އުފެދިފައި ހުރި ޝައްކުތައް ފިލިއެވެ. އިސްލާމް ދީން ޚިޔާރުކުރުމަކީ އިމާމާގެ ޙަޔާތުގައި ނިންމި އެންމެ މުހިއްމު، އަދި އެންމެ ބޮޑު ނިންމުމެވެ. އޭނާގެ ދިރިއުޅުމުގެ ހުރިހާ ކަމަކަށް އަސަރުކުރުވި ކަމަކަށެވެ. އޭނާއަށް ދެން އަސްޖަދާ ކައިވެންޏެއް ނުކުރެވޭނެއެވެ. އަސްޖަދަކީ މުސްލިމަކަށް ނުވާތީ އެވެ. ކޮންމެވެސް އެއް ހިސާބަކުން އާއިލާ އާއި ދުރަށް ދާން އޭނައަށް ޖެހޭނެއެވެ. އިސްލާމް ދީނުގެ އަސްލާ ޚިލާފަށް އުޅޭ އަދި އެ ދީނަށް ކަނޑައެޅިގެން އިންކާރު ކުރާ ބައެއްގެ ތެރެއަކު އޭނާއަކަށް ނޫޅެވޭނެއެވެ. އޭނާގެ ތައުލީމަށާއި އެހެނިހެން ކަންތައްތަކަށް އާއިލާއިން ޚަރަދުކުރާ ފައިސާއާ މެދު ޝައްކު އެފެދުނެވެ. ކުރިން އޭނާ ދިރިއުޅެމުން އައި އުފާވެރި ދުނިޔެ މިހާރު ބިރުވެރި ހުވަފެނަކަށް ވެއްޖެއެވެ. ދީން ބަދަލުކުރަން ނިންމި ނިންމުމާ މެދު އިމާމާ ފަޚުރުވެރިވެއެވެ. އޭނާގެ ދުއާއަކީ ތެދުމަގުގައި ސާބިތުވެ ހުރުމުގެ ހެޔޮ ތައުފީގު އެކަލާނގެ ދެއްވުމެވެ. ޒުވާންކަމުގެ އަވައިގައި ޖެހި މަގުފުރެދުމުގެ ފުރުސަތު އަދިވެސް އޮތަތީއެވެ. ހިތުގައި ޝައްކާއި ވަހުމު އުފެދުމަށް ޖާގަ އޮތަތީއެވެ.
"އިމާމާ. ދީން ބަދަލުކުރިކަން އަދި އާއިލާއަށް އަންގައިގެން ނުވާނެ. އަމިއްލަ ފައި މައްޗަށް ތެދުވެވެންދެން މަޑުކޮށްލަންވާނެ. އެއަށްފަހު އަސްޖަދުގެ ކައިވެންޏަށް އިންކާރު ކުރޭ. އަދި އިސްލާމް ދީން ޚިޔާރުކުރިކަން އާއިލާ އަށް އަންގާ." އިމާމަގެ ކަންބޮޑުވުންތަކަށް ޞަބީހާގެ ލަފަޔަކި އެއީ އެވެ.
"ބައްޕަ ފޮނުވާ ފައިސާއިން އަހަރެންގެ ކަންތަކަށް ޚަރަދުކުރާކަށް ބޭނުމެއް ނޫން، އަހަންނަށް އެނގޭ، ބައްޕަގެ ފައިސާ އާއި މުދާވެރިކަމަކީ ނުބައި ދީނެއް ފަތުރަން މަސައްކަތް ކޮށްގެން ހޯދާ ތަކެތި. އެ ފައިސާ ބޭނުންކުރުން ރަނގަޅެއް ނުވާނެ."
"ރަނގަޅު ވާހަކައެއް. އެކަމަކު އަދި އެހެން ގޮތެއް ނެތް. ފުރަތަމަ ކިޔަވައި ނިންމަންވީ. އޭރުން ބައްޕައަށް ބަރޯސާވާކަށް ނުޖެހޭނެ." ޞަބީހާއަށް އެހެން ހައްލެއް ހޯދައެއް ނުދެވުނެވެ. އެހެންކަމުން އިމާމާއަށް މި ވަގުތު އެހެން ގޮތެއް ނެތެވެ. އަދި މުޅި އުމުރުގައި ދެކެމުން އައި ހުވަފެން ދޫކޮށްލާނެ ހިތްވަރެއް އޭނާގެ ކިބަޔަކު އަދި ނެތެވެ. އޭނާ އަދި ވެސް ބޭނުންވަނީ ޑޮކްޓަރަކަށް ވާށެވެ.
***
ސިނަމާއިން އޭނާ ނުކުމެގެން އައި އިރު އެރޭ ދިހައެއް ޖެހިފަހުންނެވެ. ޕޮޕްކޯން ހަފަމުން ނުކުމެގެން ގޮސް ބޮޑު ގަނޑުވަރެއް ކަހަލަ ގެއެއްގެ ރަނގަބީލު ޖެހިއެވެ.
"ސާހިބާ. ކާން ހަދަންތޯ؟" އޭނާ ފެނިފައި ފެންޑާގައި ހުރި ނޯކަރު އެހިއެވެ.
"ނޫން."
"ކިރު ތަށްޓެއް ގެންނަންތޯ؟"
"ނޫން." އޭނާ ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. ކޮޓަރީގެ ހޮޅިބުރި ދިއްލައިލުމަށް ފަހު ކޮޓަރިތެރެއަށް އުކާފައި ހުރި ފޮތާއި ހޭންޑްއައުޓްތައް އެ ފުށް މިފުށަށް ޖަހައިލިއެވެ. އެއަށްފަހު ފާޚާނާއަށް ވަދެ ރޭޒަރު ތިލައެއް ހިފައިގެން އައިސް އެނދުގައި އިށީނެވެ. އަދި ހޮޅިބުރި ނިވައިލުމަށްފަހު އެނދުގެ އަރިމަތީގައި ހުރި ބޮކި ޖެއްސިއެވެ. ދެން ފަރުވާތެރިކަމާއެކު އުރައިން ރޭޒަރު ތިލަ ނަގައި އަތުކުރީގައި ޅިޔަ އެޅިއެވެ. އެވަގުތު އޭނައަށް ތަދު އިހުސާސް ކުރެވުނު ނަމަވެސް ތިރީ ތުންފަތުގައި ބާރަށް ދަތް އަޅައިލުމުން އެކަން މާ ބޮޑު ކަމަކަށް ނުވިއެވެ. ބިން މަތީގައި އަޅާފައި އޮތް ދޫލައިގެ މައްޗަށް ކަނާތުން ލޭފައިބަމުން ދިޔައިރު ލޯ ހުޅުވައިގެން ދެމިދެމި އޮތް ލޭގެ ކޯރަށް ބަލަން އިންނަށް މަސައްކަތް ކުރިއެވެ.
ދެން ކުރެވުނީ ފުން ވަޅަކަށް ވެއްޓެމުން ދާ ކަމުގެ އިހުސާސެވެ. އަނދިރިކަމުގެ ތެރެއަށް އޭނާ ގެނބެމުން ދަނީ އެވެ. ބާރު އަޑެއް އޭނާއަށް އިވުނެވެ. އެޔާއެކު ކުއްލިއަކަށް އަލިވިއެވެ. އަޑު ދިޔައީ ގަދަވަމުންނެވެ. އެއީ ކޮން އަޑެއް ކަމެއް ވިސްނައިގަންނާކަށް އޭނާއަކަށް ނޭނގުނެވެ. އޭނާ ލޯ ހުޅުވައިލިއެވެ. އެކަމަކު އެއްވެސް ހިއްސެއް ރަނގަޅަށް މަސައްކަތެއް ނުކުރެއެވެ.
***
"އިމާމާ! އިމާމާ!" އޭނައަށް ހޭލެވުނީ ވަސީމު ދޮރުގައި ތަޅާ އަޑަށެވެ.
"ކިހިނެއްވީ؟ ކޮން ހަޅޭކެއް ތި ލަވަނީ މި ގަޑީގަ؟" ދޮރު ހުޅުވި އިރު ވަސީމު އަށް މާނޭވާ ލެވެނީއެވެ.
"ފަސްޓް އެއިޑް ކިޓެއް އެބައޮތްތަ؟"
"އާނ، ކިހިނެއްވީ؟" އިމާމާއަށް ހީވީ ފައި ދަށުން ބިންގަނޑު ދެމިގަތް ހެންނެވެ.
"ކިޓު ހިފައިގެން އަހަންނާ އެކު އާދޭ. ސާލާރް އަނެއްކާވެސް އެބައުޅޭ އަމިއްލައަށް މަރުވާން ވެގެން. އެގޭ ނޯކަރު އެބަހުރި ސިޑި ދޮށުގަ. އާދޭ އަވަހަށް!"
އިމާމާ ހަމަޖެހުމުގެ ނޭވައެއް ލިއެވެ. "ކަލޭގެ ރަހްމަތްތެރިޔާ ބާއްވަންވީ މޮޔައިންގެ ހޮސްޕިޓަލެއްގަ." ދޯޕައްޓާ އަޅަމުން އޭނާ ބުންޏެވެ.
"އަހަރެން ދެންމެ ދިޔައިން. އޭނާ އޮތީ ހަމަހޭގަ އަދި." ސިޑިން ފައިބަމުން ވަސީމް ބުންޏެވެ.
"އޭނަ ގޮވައިގެން ހޮސްޕިޓަލަށް ދިޔަނަމަ."
"ދާނަމޭ. އޭނަގެ އަތުކުރީގައި ބެންޑޭޖު އަޅައިދީ. އޭރުން ލޭ މަނާ ވާނީ."
"އަހަންނަކަށް މާ ބޮޑު ކަމެއް ކޮށެއް ނުދެވޭނެ ވަސީމް. އަތުގައި އެޅީ ކޯޗެއްކަމެއް ދެނެވޮޑިގެންވާނީ ކަލާނގެ."
"ކޮބާ އޭނަގެ މައިންބަފައިން." އިމާމާ އެހިއެވެ.
"އެކަކުވެސް ނޫޅޭ. ނޯކަރުން އެކަނި އުޅެނީ. ފޯނެއް އައި ވާހަކަ ބުނަން ވެގެން އެ މީހުން ގޮވާ ގޮވާ ޚަބަރެއް ނުވުމުން ދޮރު ވައްޓާލައިގެން މިތަނަށް ވަނީ."
ސާލާރާ ބެހޭ ގޮތުން އެއްޗެކޭ ބުނަން އުޅުމުން ވަސީމު ރުޅި އައިސްފައި ބުންޏެވެ. "ﷲ އަށް ޓަކައި މި ވަގުތު އަނގަ މަޑުން ލައިގެން ހުރެބަލަ. ތި ހީކުރާ ވަރަށް ވުރެ އޭނަގެ ހާލު ދެރަ."
"އެކަހަލަ މީހުންނަކަށް އަހަރެންގެ ހަމްދަރުދީ އެއް ނެތް." ވާހަކައިގައި ތިބެ ވަސީމާ އިމާމާ ސާލާރްގެ ގެއަށް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ކޮޓަރިގެ ފާރުތަކުގައި ތަތްކޮށްފައި ހުރި އިސްކޮޅާ އެއްވަރު ފޮޓޯތައް ފެނުމުން އިމާމާ ދޮރުމަތީގައި މަޑުކޮށްލިއެވެ. އެ ތަކެތި ފެނުމުން އޭނާ ލަދުން އިސްޖަހައިލެވުނެވެ. އޭނާގެ ކުރިމަތީގައި އެނދުމަތީގައި އަނިޔާވެފައި އޮތް ބަލި މީހާގެ އަގު އިތުރަށް ވެއްޓުނެވެ. ނިވައިކަން ކުޑަ ހެދުމުގައި ތިބި މޮޑެލުންގެ ފޮޓޯތަކުން ރިފެރިވަނީ އެނދުމަތީގައި އޮތް މީހާގެ އަޚުލާގެވެ.
އޭނާ އަވަސްއަވަހަށް ސާލާރް އޮތް އެނދާ ގާތަށް ޖެހިލިއެވެ. ވަސީމު އިނީ ސާލާރްގެ އަތުކުރީގައި ބެޑް ޝީޓުގެ ކަން އޮޅާލައިގެން ބާރަށް ހިފަހައްޓައިގެންނެވެ. ލޭ މަނާ ވޭތޯއެވެ. ސާލާރް މަސައްކަތް ކުރީ ވަސީމުގެ އަތު ތެރެއިން އަތް ދަމައިގަނެވޭތޯ އެވެ.
"ބާލާބަލަ މީނަގެ އަތް؟" ސާލާރްގެ އަތް އިމާމާ އަށް ދައްކަމުން ވަސީމް ބުންޏެވެ. އިމާމާ އެނދުގެ އެއްކައިރީގައި އިށީނދެ މަޑުމަޑުން ބެޑް ޝީޓް މޮހެލައިފިއެވެ. ސާލާރްގެ އަތުގައި ހުރި ޒަޚަމް ފުން ވެފައި ބޮޑެވެ. ސާލާރް އަނެއްކާވެސް އަތް ދަމައިގަންނަން މަސައްކަތް ކުރިއެވެ. އިމާމާ އޭނާއަށް ވުރެ މާ ހުސިޔާރެވެ. އޭނާ ހުރީ ސާލާރްގެ އަތުގައި ބާރަށް ހިފަހައްޓައިގެންނެވެ.
"ވަސީމް، ފޮށިން ބެންޑޭޖް ނަގައިދީ. ޒަޚަމް ވަރަށް ފުން. އަހަރުމެންނަށް ކުރެވޭނެ ކަމެއް ނެތް، އަވަހަށް ހޮސްޕިޓަލަށް ގެންދަންވީ. ލޭ މަނާ ކުރަން އަތުކުރީގައި ބެންޑޭޖް އޮޅާލާނަން." އޭނާ ބުންޏެވެ.
ސާލާރް ބޯ ހިއްލާލާފައި ތެދުވަން މަސައްކަތް ކުރިއެވެ. ފުސްގަނޑެއްގެ ތެރެއިން އަންހެން ކުއްޖަކު އޭނާގެ އަތުގައި ބާރަށް ހިފަހައްޓައިގެން ހުރިތަން ފެނުނެވެ. ރުޅި އައިސްފައި އަނެއްކާވެސް އަތް ދަމައިގަންނަން މަސައްކަތް ކުރިއެވެ. އެއާއެކު ތޫނު ތަދެއް އިހުސާސް ކުރެވުނެވެ. އޭނާ އަށް ހީވީ މަރުވެދާނެ ހެންނެވެ. އަނެއްކާވެސް އިމާމާގެ އަތު ތެރެއިން އަތް ދަމައިގަންނަން މަސައްކަތް ކުރިއެވެ.
"ކަލޭ ތީ ކާކު؟ މިތަނުން ދޭ! ހަމަ މިހާރު ދޭ! މިއީ އަހަރެންގެ ކޮޓަރި. ކަލޭ މިތަނަށް ވަނީ ކިއްކުރަން؟ ތީ ވަސީމް... ހަމަ މިހާރު ނުކުމޭ. ކިހާ ބޮޑު މުސީބާތެއް؟" ސަލާރް ބާރަށް ހަޅޭއް ލަވަމުން ދިޔައެވެ.
ވަސީމާ ދިމާއަށް އޭނާ ހަޅޭއް ލަވާ އަޑު އިމާމާއަށް އިވެއެވެ. އެކަމަކުވެސް ސާލާރްގެ އަތުން ދޫކޮށެއް ނުލިއެވެ. އޭނާ ލަކި ޖަހަމުން ދިޔައިރުވެސް އަތުކުރީގައި ބެންޑޭޖް ރަނގަޅަށް އޮޅައިލިއެވެ. އަނެއްކާވެސް އޭނާ ބެލީ އިމާމާގެ އަތު ތެރެއިން އަތް ދަމައިގަންނާށެވެ. މިފަހަރު މަސައްކަތް ކުރީ ވައަތުގެ އެހީގައެވެ. އެކަމަކުވެސް ކާމިޔާބު ވާ ގޮތެއް ނުވިއެވެ. އޭނާގެ އަތުން އިމާމާގެ ބޮލުގައި ޖެހުނެވެ. އެ އާއެކު އިމާމާގެ ދޯޕައްޓާ ކައްސާލައި އޭނާގެ އިސްތަށިގަނޑު ހާމަވިއެވެ. ސާލާރްގެ އަތުގައި ވައަތުން ހިފަހައްޓައިގެން ހުރެ ކަނާތުން އޭނާގެ މޫނުމަތީގައި އިމާމާ އެތިފަހަރެއް އަޅައިލިއެވެ. އިމާމާ އަށް ޙަމަލާ ދޭން އޭނާ ތައްޔާރުވި ވަގުތު އިމާމާގެ މޫނު އޭނާއަށް ފެނުނެވެ. އިމާމާގެ ލޯ ހީވަނީ ރަތް އަނގުރު ގަނޑެއް ހެންނެވެ.
"އިތުރަށް އެއްވެސް ކަމެއް ކޮށްފިއްޔާ އަނެއް އަތް ވެސް ޒަޚަމް ކޮށްލާނަން. އަޑު އިވިއްޖެތަ؟" ސާލާރް އާ ދިމާއަށް އޭނާ ހަޅޭއް ލަވައިގަތެވެ. ވަސީމު ކޮންމެވެސް ވާހަކައެއް ބުނި އަޑު ވެސް ސާލާރަށް އިވުނެވެ. ބުނީ ކީކޭ ކަމެއް އޭނައަކަށް ނޭނގުނެވެ. ޚަބަރު ހުސްވަމުން ދިޔައިރު "މީނަގެ ލޭގެ ޕްރެޝަރު ބަލާބަލަ..." އަންހެނެއްގެ އަޑު އޭނާއަށް އިވުނެވެ. އެވަގުތު އަންހެން ކުއްޖަކު އޭނާގެ މޫނުމަތީގައި އެތިފަހަރެއް ޖެހި ހަނދާންވިއެވެ. އިސްއުފުލައި ބަލާލަން އުޅުނު ވަގުތު އަނެއްކާވެސް އަންހެން ކުއްޖެއްގެ އަޑު އިވުނެވެ. ނަމަވެސް މިފަހަރު އޭނާ އެއްކޮށް ޚަބަރު ހުސްވިއެވެ.
(ނުނިމޭ)
ވަރުގަދަ ސާރާލެއްތާ؟