މީގެ 40 އަހަރު ކުރިން ފުރާވަރު އުމުރުގެ ކުއްޖަކު ދިވެހި ވާހަކަ ކިޔަން ފޫހިވި ސަބަބު

މިއީ މީގެ 40 އަހަރު ކުރީގެ ވާހަކައެކެވެ. ނަމަވެސް މިއީ މިއަދާ ވަރަށް މުނާސަބު ވާހަކައެކެވެ. މި ވާހަކަ އަޅުގަނޑުމެންނާ ހަމައަށް ތިލަވެގެން އައީ ދިވެހި ލިޔުންތެރިންގެ ދުވަހާ ގުޅިގެން ބޭއްވި ނާވިލް ލިޔުމުގެ މަސައްކަތު ބައްދަލުވުމުގެ ތެރެއިންނެވެ. މިވާހަކަ ބައިވެރިންނާ ހިއްސާ ކުރެއްވީ ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީއެވެ.

އެއީ އެ އަންހެން ކުއްޖާގެ ޢުމުރުން 14 ނުވަތަ 15 އަހަރެވެ. ފޮތް ކިޔުމަށް ވަރަށް ލޯބި ކުރާ ދަރިވަރެކެވެ. ފޮތް ކިޔުމަކީ އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ. ގެއާއި ޖެހިގެން ކުތުބުޚާނާއެއް ހުރުމުން ފޮތް ހޯދުމަކީ ވެސް މާ އުދަނގޫ ކަމަކަށް ނުވެއެވެ. ނަމަވެސް މުޅިންވެސް ކިޔަނީ އިނގިރޭސި ފޮތްތަކެވެ. ކިޔާ ހިތްވަނީ ވެސް އިނގިރޭސި ބަހުން ލިޔެފައި ހުންނަ ފޮތްތެކެވެ. ޚާއްޞަ ގޮތެއްގައި ލޯބީގެ ވާހަކަތަކެވެ. މިކަން އެ އަންހެން ކުއްޖާގެ މަންމައަށް ފާހަގަކުރެވި ދިވެހި ފޮތް ކިޔުމަށް ވެސް އެންގެވިއެވެ. މަންމަގެ އެންގެވުމާ އެއްގޮތަށް ދިވެހި ފޮތް ކިޔޭތޯ މި އަންހެން ކުއްޖާ މަސައްކަތް ފެށިއެވެ. ކުތުބު ޚާނާއަށް ގޮސް އަންހެން ކުއްޖާ ކިޔާހިތްވާ ފާޑް ދިވެހި ފޮތެއް ގެނައެވެ. އެއީ "އަފީފާ" އޭ ކިޔާ ވާހަކަ ފޮތެކެވެ. ލޯބީގެ ވާހަކަ ފޮތެކެވެ.

ނާވިލު ލިޔަން ދަސްކޮށްދިނުމަށް ބޭއްވި މަސައްކަތު ބައްދަލުވުމުގެ ޑރ. ޢާމާލް ބައިވެރވެ ވަޑައިގަންނަވަނީ

ވާހަކަ ފޮތް ކިޔަން އިންދާ މަންމައަށް ފެނިއްޖެއެވެ. ކަމަކު ދާކަށްނެތެވެ. ކަންތައްވީ އަންހެން ކުއްޖާ ހީކުރިގޮތާ ޚިލާފަށެވެ. އަންހެންކުއްޖާ ހީކުރީ ދިވެހި ފޮތެއް ކިޔަން އިނުމުން މަންމަ ވާނީ އުފާ ކަމަށެވެ. ނަމަވެސް މަންމަ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ކަލޭ ލޯބީގެ ވާހަކަ ކިޔަނީހޭ ވިދާޅުވެ ފޮތް އަތުލެއްވިއެވެ. ފޮތް އަތުލެއްވުމަށްފަހު ފޮރުވީކީއެއްވެސް ނޫނެވެ. އަދި އެއްލާލެއްވީކީ އެއްވެސް ނޫނެވެ. ހޯދައިގެން ދެވަނަ ފަހަރަށްވެސް ނުކިޔޭނެ ގޮތަށް ފޮތް އަންދާ ލެއްވީ އެވެ.

މަންމަ އެ ގޮތަށް ޢަމަލުކުރެއްވީ އެ ޒުވާން އަންހެންކުއްޖާ ދިވެހި ވާހަކަ ކިޔަން ބޭނުން ނުވާތީއެއް ނޫނެވެ. މަންމަގެ މަޤްޞަދަކީ އަދި ބޭނުމަކީވެސް ދަރިފުޅުގެ އެހާ ޅަޢުމުރުގައި ލޯބީގެ ޚިޔާލުތަކާ ދުރުކުރުމެވެ. އަދި އެފަދަ ޚިޔާލުތަކުން ދަރިފުޅުގެ ތަޢްލީމީ ހަޔާތަށް ހުރަސްއެޅުނަ ނުދިނުމެވެ. ނަމަވެސް މަންމަގެ އެ ޢަމަލުވީ ދިވެހި ފޮތް ކިޔުމަށް އަންހެންކުއްޖާ ފޫހިވި ސަބަބަކަށެވެ. ނަތީޖާ އަކީ އެ އަންހެން ކުއްޖާ ދިވެހި ފޮތް ކިޔުމަށް ފޫހިވެ މުޅިންހެން ދިވެހި ފޮތާ ދުރުވުމެވެ. ނަމަވެސް އެއަންހެން ކުއްޖާވެގެން ދިޔައީ އިނގިރޭސި ބަހަށް ފަރިތަ ކުޅަދާނަ ދިވެހިންގެ ތެރޭގައެވެ.

މީގެ 40 އަހަރު ކުރީގެ، ފުރާވަރުގެ އެ އަންހެން ކުއްޖާއަކީ މިއަދު އެތައް ދިވެހި ދަރިންގެ ތަޢްލީމީ މައެކެވެ. ރާއްޖޭގެ ތަޢްލީމީ ދާއިރާގައި ފުންނާބު އުސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެއީ ޑޮކްޓަރ ޢާމާލް ޢަލީ އެވެ.

ކުރިން ދިވެހިބަސް ދެކެ ފޫހިވިކަމުގައިވިއަސް މިއަދު އަޅުގަނޑުމެންނަށް ފެނިގެންދަނީ ޑޮކްޓަރ ޢާމާލަކީ ދިވެހި ބަހަށް ލޯބި ކުރައްވާ އެކަމަށް ޝަޢުޤުހުރި ދިވެހި ބަސް ދަމަހަށްޓަން ބޭނުންފުޅުވާ ބޭފުޅެއްގެ ގޮތުގައެވެ. މިއަހަރުގެ ދިވެހި ލިޔުންތެރިންގެ ދުވަހާ ގުޅުވައިގެން ބޭއްވި ނާވިލް ލިޔަން ދަސްކޮށްދިން މަސައްކަތު ބައްދުވުމުގައި ޢަމަލީ ގޮތުން ބައިވެރިވަވަޑައިގެންނެވުމީ އެކަމުގެ ހެއްކެކެވެ.

ނާވިލް ލިޔުމުގެ މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިންގެ ފަރާތުން ވާހަކަ ދައްކަވަމުން ޑރ އާމާލް ވަނީ ފުރާވަރު ކުދިން ދިވެހި ބަހަށް ޝަޢުޤުވެރިކަން އުފެއްދުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ. އާމާލް ވިދާޅުވީ، އާ ކަންތައްތައް ފަހުމް ވެގެންދާނީ އެޢުމުރުގައި ކަމަށްވުމުން އެ ޢުމުރުގެ ކުދިން ކިޔާނެ ތަކެތި ދިވެހިންބަހުން ހުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައެވެ. ދިވެހި ބަހުން އެއްޗެތި ފަހުމް ވާނެގޮތް ނެތިގެންދާ ކުއްޖާއަށް ދެވޭނީ އިނގިރޭސި ބަހުން ހުންނަ އެއްޗިއްސާ ދިމާއަށްކަމަށް، ގިނަ ދުވަސް ތަކެއްވަންދެން އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕްލްކަން ކުރެއްވި އާމާލް ޢަލީ ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑު ދަންނަވާނީ ވަރަށް ބޮޑު ޒިންމާއެއް އެބަ އޮތޭ އެކުދިންގެ (ފުރާވަރު ކުދިންގެ) މިއަދުގެ ކޮންޓެކްސްޓަށް ހުރި ފޮތްތައް (ދިވެހި ބަހުން) ގެނެސް ދިނުމުގައި. އެއީ ހަމަ އެކަނި ޓީޗަރުންނަށް ނުވަތަ ދިވެހި ބަހުގެ މާހިރުންނަށް ކޮށްދެއްވޭނެ ކަމެއް ނޫން." އާމާލް ވިދާޅުވިއެވެ. 

ރީޑިންގް ކްލަބުތައް އުފައްދަވައި އެޕްރެންޓިސްޝިޕް ޕްރޮގަރާމްތައް ފަދަ ފުރުޞަތުތަކުގެ ބޭނުންކޮށްގެން ދިވެހި ބަހުން ލިޔުމާއި ކިޔުން ފަރިތަކުރުމުގެ ޕްރޮގްރާމްތައް އިތުރަށް ފަހިކޮށްދެއްވުމަށް އާމާލް ވަނީ އެދިވަޑައިގެންފައެވެ. މިފަދަ ޕޮރޮގްރާމްތައް ފުޅާކޮށް ސްކޫލުތަކާ ހަމައަށްވެސް ގެންގޮސް ދެވިދާނެކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

އާމާލް ވިދާޅުވީ އޭނާއަކީ އިނގިރޭސި ބަހަށް ކިތަންމެ ފަރިތަ މީހެއްކަމުގައި ވިއަސް ދިވެހި ބަހަށް ވަރަށް ނުފަރިތަ މީހެއްކަމުގައެވެ. ދިވެހި ބަހަށް ނުފަރިތަވުމުން ކުރެވިފައިވާ ބައެއް ހިތި ތަޖްރިބާތައް ވެސް އޭނާ ވަނީ ބައިވެރިންނާ ހިއްސާ ކުރައްވައިފައެވެ. އެމަސައްކަތު ބައްދަލު ވުމުގައި ބައިވެރި ވަޑައިގެންނެވީ ވެސް ދިވެހި ބަހަށް ހުރި ލޯތްބަކުންކަމަށް އިނގިރޭސި ބަހުން ތައްޔާރުކޮށްފައިވާ ވާހަކަ، ދިވެހި ބަހުން ހާމަކުރައްވަމުން އާމާލް ވިދާޅުވިއެވެ. އާމާލް ވިދާޅުވީ އޭނާ ކަހަލަ ކިތަންމެ ބަޔަކު ތިބޭނެކަމަށް ޤަބޫލު ކުރައްވާ ކަމުގައެވެ.

ނާވިލް ލިޔުމުގެ ޝަޢުޤްގައި ހޭދަކުރި މަސައްކަތު ބައްދަލުވުން ނިމިގެން ދިޔައީ ޑރ އާމާލް އަށް ލިބިވަޑައިގެންނެވި ހީނުކުރައްވާފަދަ އުފާވެރި ޚަބަރަކާއެކުގައެވެ. މީގެ 40 އަހަރުކުރިން މަންމަ އަންދަވާ ލެއްވި ދިވެހި ލޯބީގެ ވާހަކަ "އަފީފާ" އޭނާއަށް ލިބިވަޑައިގެންނެވުމުގެ އުފާވެރު ޚަބަރެވެ. މިޚަބަރު އޭނާއަށް ދެއްވީ ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީއެވެ.

އަޝްރަފު ވިދާޅުވީ އޭނާ "އަފީފާ" ހޯއްދެވީ ޤައުމީ ޚުތުބުޚާނާގައި ޢަރްޝީފް ކުރައްވައިފައިވާ ފޮތްތަކުގެ ތެރެއިންނެވެ. އެހެންކަމުން އެފޮތް އަލުން ޗާޕްކުރެއްވުމަށްފަހު އޭގެ ކޮޕީއެއް ޑރ އާމާލަށް އަރުވާނެކަމަށް ވިދާޅުވިއެވެ.

މީގެ 40 އަހަރު ކުރިން ޑރ.އާމާލް ވިދާޅުވާން ފެށްޓެވި ލޯބީގެ ވާހަކަ "އަފީފާ" ވިދާޅުވެ ނިންމާލެއްވުމުގެ ފުރުޞަތު އޭނާއަށް މިވަނީ ލިބިވަޑައިގެންފައެވެ.

2 ޚިޔާލު

  1. "ޢަފީފާ" ވާހަކައަކީ، އަލްފާޟިލް ޙަސަން މުހައްމަދު (ރަޙިމަހުﷲ) ލިޔުއްވި ވަރަށް ރީތި ވާހަކައެއް. އޭގެ ފޮތެއް ގެން ގުޅުނިން. އެކަމަކު ރައްޓެއްސަކު ވާހަކަފޮތްތަކެއް (15 ވަރަކަށް ފޮތް) ކިޔައިލާފައި ގެންނަން ރަށަށް ގެންދަވާފައި ދުވަސްތަކެއް ފަހުން ބުނީ، އެ ފޮތްތަކުގެ ބޭނުން މީހުން ރަނގަޅަށް ކޮށްފިއޭ. އެންމެ ފޮތެއް ވެސް މިހާރަކު ނެތޭ. އެކި މީހުން ގެންގޮސް ވީގޮތެއް ނޭނގެއޭ. ވ.ވ.ދެރަވި. (އެހެން ނޫންނަމަ، ޢަފީފާ ވެސް ...)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.