ދުވާލަކު ފަސް ހާސް އިންޑިޔާ މީހުން ވިސާނެތި ކަރްތާރްޕޫރަށް ޒިޔާރަތްކުމުގެ ހުއްދަ ޕާކިސްތާނުން ދެނީ

ޕާކިސްތާނުގެ ކަރްތާރްޕޫރުގައި ހުންނަ ސިކް ދީނުގެ މުގައްދަސް ފައްޅި ގުރްދުވާރާ ދަރްބާރް ސާހިބް

ޕާކިސްތާނުގެ ކަރްތާރްޕޫރުގައި ހުންނަ ސިކުންގެ މުގައްދަސް ގްރްދުވާރާ (ސިކް މީހުން އަޅުކަންކުރާ ފައްޅި) އަށް ވިސާނެތި ޒިޔާރަތްކުރުމުގެ ހުއްދަ ދުވާލަކު ފަސް ހާސް އިންޑިޔާ މީހުންނަށް ދިނުމަށް ޕާކިސްތާނުން އެއްބަސްވެއްޖެއެވެ.

މިގޮތަށް އެއްބަސްވެފައިވަނީ މިކަމާ މެދު މަޝްވަރާކުރުމަށް އިންޑިޔާއާއި ޕާކިސްތާނުގެ މަސްއޫލުވެރިންގެ މެދުގައި ވަގާހް ބޯޑަރުގައި ބޭއްވުނު ވާހަކަތަކުގެ ދެވަނަ ބުރަށް ފަހުއެވެ.

ސަރަހައްދީ ރޮނގުގެ އިންޑީޔާ ފަޅިން ރީތިކޮށް ފެންނަން ހުންނަ ގުރްދުވާރާ ދަރްބާރް ސާހިބް ކަރްތާރްޕޫރް ނުވަތަ ކަރްތާޕުރް ގުރްދުވާރާ ހުންނަނީ ސަރަހައްދީ ރޮނގާ އެންމެ 4.5 ކިލޯމީޓަރު ދުރުގައެވެ. އެތަނަކީ ސިކް ދީނުގެ ބާނީ ގުރޫ ނާނަކްގެ ދަތުރުތަކަށް ފަހު އޭނާ ވަޒަންވެރިވި ތަނުގައި ބިނާކޮށްފައިވާ ފައްޅިއެކެވެ. 22 ސެޕްޓެންބަރު 1539 ގައި އޭނާ މަރުވީވެސް އެތަނުގައެވެ.

އިންޑިޔާ އާއި ޕާކިސްތާނުގެ ސަރަހައްދީ ރޮނގުން ކަރްތާރްޕޫރް ގުރްދުވާރާއާއި ހަމައަށް ހުރިހާ ދީނެއްގެ މީހުންނަށްވެސް 'ވިސާ ފްރީ ކޮރިޑޯއެއް (ވިސާ ނެތި ދަތުރުކުރެވޭ ސަރައްކާއްޔެއް) ގާއިމުކުރުމަށް އިންޑިޔާ އެދުމުން ޕާކިސްތާނުން ވަނީ އެކަމަށް އެއްބަސްވެފައެވެ. މި ކޮރިޑޯއިން ހުރިހާ ދީނެއްގެ އިންޑިޔާ ރައްޔިތުންނަށާއި، ގައުމުން ބޭރުގައި ދިރިއުޅޭ އިންޑިޔާ މީހުންގެ ކާޑު (އޯއައިސީ ކާޑު) ގެންގުޅޭ މީހުންނަށް ވިސާނެތި ދަތުރުކުރެވޭނެއެވެ.

މި އެއްބަސްވުމުގެ ދަށުން ހެދޭ 'ކަރްތާރްޕޫރް ކޮރިޑޯ'އަކި އިންޑިޔާގެ ގުރްދާސްޕޫރްގައި ހުންނަ ސިކް ފައްޅި ޑޭރާ ބާބާ ނާނަކްއިން ޕާކީސްތާނު ފަޅީގައި ހުންނަ ކަރްތާރްޕޫރު ގުރްދުވާރާއާއި ހަމައަށް ބިނާކުރެވޭ ހަތަރު ލޭނުގެ ހައިވޭއެކެވެ. މިހައިވޭގެ އިންޑިޔާ ފަޅީގެން މަސައްކަތް އިންޑިޔާއިން ކުރާއިރު، ޕާކިސްތާނު ފަޅީގެ މަސައްކަތްކުރާނީ ޕާކިސްތާނުންނެވެ.

ކަރްތާޕޫރު ގުރްދުވާރާއަކީ ސިކް ދީނުގެ އެންމެ މުގައްދަސް ފައްޅިއެވެ. ސިކް ދީނުގެ ބާނީ ގުރޫ ނާނަކްގެ 550 ވަނަ އުފަންދުވަސް އަންނަ ނޮވެންބަރު މަހު ފާހަގަކުރުމުގެ ކުރިން މި ކޮރިޑޯ ނިންމައި ހުޅުވުމަށް ދެގައުމުން ވަނީ އެއްބަސްވެފައެވެ.

އެ ފައްޅިއަށް ޒިޔާރަތްކުރާ ސިކުން މިހާރު ދާން ޖެހެނީ ވިސާ ހޯދައިގެން ލާހޯރަށް ގޮސް 125 ކިލޯމީޓަރު ދިގު ދަތުރެއްކޮށްފައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.