ޙަޔާތުގެ ތަޖްރިބާއިން މަރކްލް ހާޞިލު ކުރެއްވި 6 ފިލާވަޅު

11 ޖުލައި 2019 ވަނަދުވަހުގެ ރޭ އެމެރިކާގެ ހަވަރޑް ޔުނިވަރސިޓީގެ ދަސްވެނިވުމުގެ އިޙްތިފާލުގައި،  ޝަރަފުވެރި މެހެމާނުގެ ހައިސިއްޔަތުން ޖަރްމަނުވިލާތުގެ މުސްތަޝާރާ އެންޖަލާ މަރކްލް ދެއްކެވި ވާހަކަފުޅު ދުނިޔޭގެ ނޫސްތަކުގެ ފަލަ ސުރްޚީތަކުގައި ފަވައިލެވުނެވެ.  މި އިޙްތިފާލުގައި އެ ޔުނިވަރސިޓީގެ ދަރިވަރުންނާއި ދަސްވެނީންނާއި، އެދުރުންނާއި ބެލެނިވެރީންނާއި ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގެ ފިކްރީ އަދި ޢިލްމީ ރަމްޒުތައް ބައިވެރިވިއެވެ.

35 މިނެޓުގެ މި ވާހަކަފުޅުގައި އެންޖެލާ މާރކްލް ( 65 އަހަރު)  ވާހަކަފުޅު ދައްކަވައިފައިވަނީ އެކަމަނާގެ ޚާއްޞަ ޙަޔާތްޕުޅާއި ޖަރްމަނާއި ޔޫރަޕް ހޭދަކޮށްފައިވާ ސިޔާސީ ޙާލަތުތަކުގެ ތެރެއިން އެކަމަނާއަށް ލިބިވަޑައިގެންފައިވާ ތަޖްރިބާތަކާ ބެހޭގޮތުންނެވެ.

1. ބަދަލުވުން އަންނާނެ... މުސްތަޙީލުކަމެއް ނެތް

އަޅުގަނޑު މިއަދު ވާހަކަދައްކާނީ ކުޑަކުޑަ ކުއްޖެއްގެ ގޮތުންނާއި ފިޒިކްސް ޕްރޮފެސަރެއްގެ ގޮތުންނާއި ސިޔާސީ މީހެއްގެ ގޮތުން އަޅުގަނޑުގެ ޙަޔާތުން ލިބުނު ތަޖްރިބާތަކުގެ ޚުލާޞާއެއް ދަންނަވައިލެވޭތޯއެވެ. އެކަމަނާ އެންމެ ފުރަތަމަ ވާހަކުފުޅު ދެއްކެވީ އެންމެ  ޕާޓީއެއްގެ  ، އެންމެ ފިކްރެއްގެ ޚުދްމުޚްތާރުވެރިކަމެއް އޮތް އެކަމަނާގެ ޤައުމާ ( އިރުމަތީ ޖަރްމަނާ) ބެހޭގޮތުންނެވެ.އެ ކަމަނާ ބަޔާން ކުރެއްވި ގޮތުގައި، އެ ދުވަސްވަރު ދުނިޔެ އޮތީ އިރުމައްޗަށާއި ހުޅަނގަށް ބެހިފައެވެ. އެ ދުވަސްވަރު ރޯވެގެން ދިޔަ ހަނގުރާމަތަކުން ޔޫރަޕަށް ލިބުނު ނަސީބަކީ މަރާއި، ޚަރާބާއި ، ކުދިކުދިވުމާއި،  ބައިބައިވުމެވެ. ދެވަނަ ބޮޑުހަނގުރާމައިން ޖަރްމަނަށް ލިބުނު އެންމެ ބޮޑު  ޙިއްސާއަކީ  ބަރްލިން ފާރެވެ. މި ފާރުގެ ސަބަބުން ޤައުމު ދެ ފަޅިވެ ، ޢާއިލާތައް ވިއްސިވިހާލިވިއެވެ. މި ފާރު ހުރަސްކުރަން ނުވަތަ ފާރުމައްޗަށް އަރަން އުޅުނު ކޮންމެ މީހެއްގެ ނިމުމަކަށްވީ ރަޙްމު ކުޑަ ވަޒަންތަކުން ދުނިޔެ ދޫކުރަން ޖެހުމެވެ. މިކަމާހެދި މި ޚުދްމުޚްތާރު ނިޒާމަށް ، މި އަނިޔާވެރި ދުނިޔެއަށް ނިމުމެއް އައުމަކީ މުސްތަޙީލު ކަމެއްކަމުގައި މީސްތަކުން ބަލައިގަތެވެ. އެކަމަކު މުޢުޖިޒާތެއް އައިސް ރައްޔިތުން ތެދުވެ އެ ފާރު ތަޅައިލިއެވެ. ޖަރްމަން އެއް ޤައުމަކަށް ވެއްޖެއެވެ. އަޅުގަނޑު ތިޔަބޭފޅުންނާ ޙިއްޞާ ކުރާނެ ފުރަތަމަ ފިލާވަޅަކީ މުސްތަޙީލު ކަމެއް ނެތެވެ.ތިޔަބޭފުޅުން،  އޭގެތެރެއިން އަލިކޮޅެއް ނީރުންވެގެން ނުދާނެ ކަމަށް ހީފުޅު ކުރެއްވި ހުރަސް ފާރު ވެއްޓިގެން ދިޔަ ދުވަސް އަތުވެއްޖެއެވެ. ވީމާ އުއްމީދުގެ މަތީގައި ތިއްބަވާށެވެ!  

2. މިނިވަންކަން ޙާޞިލު ކުރެވޭނީ އަދި ފާގަތިކަން ޢާއްމު ވާނީ ޑިމޮކްރަސީންނާއި ސުލްޙަމަސަލަސްކަމުން

މިއަދު ޔޫރަޕް ދެކެމުން މި ދާ ފާގަތިކަން ޔޫރަޕަށް ލިބުނީ ސިޔާސީ ޚުދްމުޚްތާރުކަމާއި، އެކެއްގެ ބަސް އޮންނަ ވެރިކަމުގެ ނިޒާމުތަކާއި، ސިޔާސީ އަރާރުންތަކާއި ދީނީ ތަޅައިފޮޅުންތަކާއި، ނާތަހްޒީބާއި ހަނގުރާމައިގެ ދިގު ޒަމާންތަކެއް ފާއިތުކުރުމަށް ފަހުގައެވެ. އަޅުގަނޑުގެ ޤައުމުގައި  އޮތް ޚުދްމުޚްތާރު ވެރިކަމުގެ ސަބަބުން ހިނގައިފައިވާ ގަނޑުބަޑުތަކާއި އަރާރުންތަކާއި ހަނގުރާމަތަކުގެ ސަބަބުން އެތައް ހާސް ބަޔަކު މަގުމައްޗަށް މަރައިލެވި މަގުމައްޗަށް އުކާލެވިފައިވީ ތަން އަޅުގަނޑު ދުށީމެވެ. އަދި އެތައް ހާސް ބަޔަކު ބަނޑުހައިހޫނުކަމުގައި ވިއްސިވިހާލިވެފައި ތިބި  ތަންވެސް އަޅުގަނޑު ދުށީމެވެ. މި ހުރިހާ  ކަމަކަށް ނިމުމެއް އައީ ދެ އަގެއްގެ ސަބަބުންނެވެ. އެއީ ޑިމޮކުރަސީއާއި ޞުލްޙަމަސަލަސްކަމެވެ. އަޅުގަނޑުމެންނަށް ޔޫރަޕް ބިނާކުރެވުނީ މި މަތިވެރި ދެ އަގުގެ ސަބަބުންނެވެ. މި ދެ އަގުގެ ސަބަބުން އަޅުގަނޑުމެންގެ ރައްޔިތުންނަށް ތަރައްޤީއާއި، ފާގަތިކަމާއި، މިނިވަންކަމާއި ، ނަފްސީ ޢިއްޒަތު ލިބުނެވެ.

3. އެކުވެރިކަމަކީ އަރާރުމާއި ހަނގުރާމަތަކުގެ ޒަމާނަށް އަބުރާ ދިޔަނުދިނުމަށް  އޮތް ހުރަސް

އެކަމަނާ ވިދާޅުވި ގޮތުގައި ތިންވަނަ ފިޅާވަޅަކީ އެއްބައިވަންތަކަމުގެ ފިލާވަޅެވެ. ޔޫރަޕްގެ ކޮންމެ ޤައުމެއް އެކަހެރިކޮށް އެކަނިވެރިކޮށް ،  އޮތް ދުވަސްވަރަށް ބައްލަވާށެވެ. އޭރު އޮތީ އަރާރުމެވެ. ތޮޅުމެވެ. ހަނގުރާމައިގެ ހުޅުގަނޑު ފަޅަފަޅައިގެން ދިޔުމެވެ. އަޅުގަނޑުމެން މިއަދު އެކުވެރިވެ އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރަން ފެށުމުން އެކަމުގެ ނަތީޖާއަށް ބައްލަވާށެވެ! ފިލާވަޅަކީ އިއްތިޙާދުގެ ނުވަތަ އެކުވެރިކަމުގެ ހެޔޮ ނަތީޖާއެވެ. މައްސަލަތައް  ކިތަންމެ ގިނަޔަސް ވަކިވަކިން އެކަހެރިކޮށް އުޅުމަށްވުރެ އެކުވެރިކަން މަތީގައި އުޅުން މާ ރަނގަޅެވެ. ނަތީޖާ މާ  ފޮންޏެވެ. ޤައުމުތައް އަލުން ބައިބައިވެ ، ވަކިވަކިވެ  އެކަހެރިވެއްޖެނަމަ އަނބުރާ ދާންޖެހޭނީ ކުރީގެ ހިތި ދުވަސްތަކަށެވެ.

4. އިންސާނީ އަގުތައް ފެތުރި ޢާއްމުވެ، އޭގެ ޚޫޞޫޞިއްޔާތުތަކަށް އިޙްތިރާމު ކުރެވެން ޖެހޭނެ

މުސްތަޝާރާ މަރކްލް ވިދާޅުވި ގޮތުގައި މިއަދު  އަޅުގަނޑުމެން ދުނިޔޭގައި އުޅެން މި ޖެހޭނީ ސިންދަފާތީ ވިސްނުމަކާއެކުގައެވެ. އަމިއްލައެދުމުން ފޯވެފައިވާ ފަރްދީ ނުތަނަވަސް ވިސްނުން ދޫކޮށްލަން މިއަދު ވަނީ ލާޒިމު ވެފައެވެ. އެންމެން  އެއްބާރުލައިގެން  ދުނިޔޭގެ މުއްސަނދިކަން ރައްކައުތެރި ކުރަން ވަނީ ޖެހިފައެވެ.  މޫސުމަށް އަންނަ ބަދަލުތަކާއި ރެފިޔުޖީންގެ މައްސަލަތައް ފަދަ  އަދުގެ ދުނިޔޭގެ މައްސަލަތަކަކީ ސަރަހައްދީ ރޮނގު ހުރަސްކޮށް ގިރާކުރާ މައްސަލަތަކެކެވެ.   އަޅުގަނޑުމެން  ކޮންމެ މީހަކު ވެސް އަނެކާއަށް އިޙްތިރާމު ކުރަންވާނެއެވެ. އަނެކާގެ ދީނަށާއި ،ތާރީޚަށާއި، ކާކުވަންތަކަމަށާއި، ސަޤާފަތަށް އިޙްތިރާމު ކުރަން ޖެހޭނެއެވެ. އަޅުގަނޑުމެންގެ ކޮންމެ މީހަކު ވެސް އޭނާގެ ނަޒަރުން ނުބަލައި އަނެކާގެ ލޮލުން ބަލައިފިނަމަ އަޅުގަނޑުމެން އެކަކު އަނެކަކަށް  އެނގުން  އިތުރުވެގެން ދާނެއެވެ. އޭރުން އަޅުގަނޑުމެންނަށް އިޙްތިރާމު ބޮޑު ދުނިޔެއެއްގައި ދިރިއުޅެވޭނެއެވެ. އަޅުގަނޑުމެންގެ ދުނިޔެ ކުރިއަށްވުރެ މާތް ޢާލަމަކަށް ހެދުމަށް ޓަކައި،  އޭގެ ޚުޞޫޞިއްޔަތަށް އިޙްތިރާމު ކުރާ ، ސިންދަފާތީ ވިސްނުމަކާއެކު ދުނިޔޭގައި  އުޅެވޭތޯ ބަލަން ވަނީ ޖެހިފައެވެ.

5. ހިންގަނީ ކާކު؟ އަޅުގަނޑުމެންތަ ނުވަތަ ޓެކްނޮލޮޖީތަ؟

އަޅުގަނޑުމެން މި އުޅެނީ ޓެކްނޮލޮޖީގެ ބާރުވެރިކަމުގެ ޒަމާނެއްގައެވެ. މި ސައްތައިގެ އެޑްރެހަކަށް ވެފައި ވަނީ ރޮބޯޓާއި ސްމާޓް ފޯނާއި ޞިނާޢި ވިސްނުންތެރިކަމެވެ. އެކަމަކު އަޅުގަނޑުމެން މި ކަމާ ބެހޭގޮތުން އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކާ ސުވާލު ކުރަން އެބަ ޖެހެއެވެ.އަޅުގަނޑުމެންގެ ޙަޔާތުގެ ރާސްތާ ކުރަހާދެނީ  ޓެކްނޮލޮޖީގެ ޙަރަކާތްތައް ހެއްޔެވެ؟ ނުވަތަ ޓެކްނޮލޮޖީ ހިނގަނީ އަޅުގަނޑުމެން  ހިންގުވަން ބޭނުންވާ  ގޮތަށް ބޭނުންވާ މިސްރާބަށް ހެއްޔެވެ؟ އަޅުގަނޑުމެންގެ ވިސްނުން ބައްޓަން ކުރާ އެއްޗަކަށް ޓެކްނޮލޮޖީ ވިޔަދީގެން ނުވާނެއެވެ. އަޅުގަނޑުމެންގެ ނަފްސުތަކުގެ މެދުގައްޔާއި އަޅުގަނޑުމެންގެ ވަށައިގެންވާ މުޖްތަމަޢު ބައްޓަންކޮށް ކުރަހަން ޓެކްނޮލޮޖީއަށް ދޫކޮށްލައިގެން ނުވާނެއެވެ. އަޅުގަނޑުމެން އޭގެ އަޅުންނަށް ހެދިޔަ ނުދިނުމަށް ޓަކައި އަޅުގަނޑުމެންނަށް  ޓެކްނޮލޮޖީ  ކޮންޓްރޯލް ކުރެވެން ޖެހޭނެއެވެ.

6. ޙަޔާތަކީ ފެށުންތަކަކާ ނިމުންތަކަކާ ދެމެދުގައިވާ ދުރުމިންތަކެއް

މި ޢުމުރުގައި ފިޒިކްސްގެ ޢިލްމުވެރިއަކަށް ވީއިރު އަދި ޖަރްމަނުގެ މުސްތަޝަރުކަމަށް އިސްވެވުނު އެންމެ ފުރަތަމަ އަންހެނާ ކަމުގައި ވީ ހިނދު،  އަޅުގަނޑު ތިޔަބޭފުޅުންނަށް ސާފު ޞަރީޙަ ބަހުން އަޅުގަނޑުގެ ހިތާހިތާ ކުރާ ސުވާލެއް ދަންނަވާލާނަމެވެ. އަޅުގަނޑު ކުރި ކަމެއް ކުރީ އެއީ ރަނގަޅު ކަމަކަށް ވާތީ ހެއްޔެވެ؟ ނުވަތަ  އެކަމެއް ކުރީ ކުރެވެން އޮތީ  އެ ކަން ކަމުގައި ވީތީ ހެއްޔެވެ؟ އަޅުގަނޑުމެން އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށާއި ޒާތަށް އަމާނާތްތެރިކަމާއެކު  ތެދުވެރިވުމަކީ ވަރަށް މުހިއްމު ކަމެކެވެ. މާދަމާ ތިޔަކުދީން ދަސްވެނިވާނެތެވެ. ތިޔަކުދީންގެ ދައުލަތްތަކާއި ރައްޔިތުން އިސްވާރު ކުރާނޫއެވެ. ދުނިޔޭގެ ކުރިމަގުގެ މަލަމަތި ކުރަހަން ތެދުވާނޫއެވެ. އެ މަސައްކަތުގައި ، ތިޔަ ކުދިންނަކީ  މިތަނަށް އައިސް ޙާޞިލު ކުރި  ޢިލްމަށާއި ޙަޤީޤަތަށް ލެނބޭ ބަޔަކު ކަމުގައި ވާށެވެ!ދޮގަކީ ޙަޤީޤަތް ކަމަށް ސިފަ ނުކުރާށެވެ!އަދި ޙަޤީޤަތަކީ ދޮގުކަމަށް ވެސް ސިފަ ނުކުރާށެވެ! 

އެންމެހާ ދަރިވަރުންނޭވެ! ތިރީސް އަހަރުގެ ދިގު މަސައްކަތުން އަޅުގަނޑަށް އެނގުނު އެއްޗަކީ ކޮންމެ ރެއަކާ ވިދިގެން ދުވާލެއް އަންނާނެ ކަމެވެ. އަދި ކޮންމެ ފެށުމަކަށް ނިމުމެއް ވާ ކަމެވެ. އަދި ކޮންމެ ނިމުމަކަށް އައު ފެށުމެއް ވާ ކަމެވެ. ޙަޔާތަކީ މި ފެށުންތަކާއި  ނިމުންތަކާ  ދެމެދުގައި ދުރުމިންތަކެކެވެ.

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.