ރަޝިޔާއިން ތުރުކީއަށް ގަނެފައިވާ އެންމެ ޒަމާނީ ވައިގެ ދިފާއީ ނިޒާމު، އެސް-400 މިސައިލް ސިސްޓަމް މިއަދު ތުރުކީއާ ހަވާލުކުރަން ފަށައިފިއެވެ.
އެމެރިކާގެ ނުރުހުމާ ބިރުދެއްކުމާއެކުވެސް ތުރުކީން ވަނީ މި ނިޒާމު ގަތުމާއިގެން ކުރިއަށް ގޮސްފައެވެ.
ތުރުކީގެ ދިފާއީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ވާގޮތުން ރަޝިޔާގެ މުދާ އުފުލާ މަތިންދާބޯޓަކުން ގެނައި އެސް-400 މިސައިލް ސިސްޓަމްގެ ފުރަތަމަ ބައިތައް ވަނީ ވެރިރަށް އަންކަރާ ކައިރީގައި އޮންނަ މުރްތެދް ވައިގެ މަރުކަޒަށް މިއަދު (ހުކުރު ދުވަހު) ގެ ވަގުތެއްގައި ބާލާފައެވެ.
"(މިސައިލް ސިސްޓަމްތައް ގެނައުމުގެ) މަސައްކަތް މިވަނީ ރޭވިފައިވާ ގޮތަށް ފެށިފައި." ޚާރިޖީ ވަޒީރު މަވްލުދް ޖާވުޝްއޮގްލޫ ވިދާޅުވިއެވެ. "(ސިސްޓަމްތައް ގެންނަ) މަތިންދާބޯޓުތަކާއި، (އެ މިސައިލްތަކާއެކު އަންނަ) އޮފިޝަނުންނަށް ބޭނުންވާ ހުއްދަތައް ހަމަޖައްސައިދިނުން ހިމެނޭހެން، އަހަރުމެން މިވަނީ މިމަސައްކަތް ވިލަރެސްކޮށްފައި." އޭނާ ވިދާޅުވިއެވެ.
ތުރުކީން ވަނީ އެސް-400 ވައިގެ ދިފާއީ ނިޒާމުގެ ހަތަރު ބެޓާލިއަން ސެޓް ގަމުތަށް 11 އެޕްރީލް 2017 ގައި ރަޝިޔާއާއެކު 2.5 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ބެޓާލިއަން ސެޓެއްގައި މިސައިލް ފޮނުވާލާ 8 ހަރު ހިމެނޭއިރު، ކޮންމެ ހަރެއްގައި 4 މިސައިލް ހުރެއެވެ.
"މި ސިސްޓަމްތަކުގެ ބައިތައް ގެނައުން ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ދާނެ." ދިފާއީ ވުޒާރާގެ ބަޔާނުގައި ވެއެވެ. "ސިސްޓަމް ފުރިހަމައަށް ތައްޔާރުވުމުން ކަމާބެހޭ ފަރާތްތަކުން ނިންމާ ގޮތަކަށް އެ ބޭނުންކުރަން ފަށާނެ."
މުދާއުފުލާ ބިޔަ މަތިންދާބޯޓު، އޭއެން-124 ގެ ދެ ބޯޓު މިއަދު ރަޝިޔާއިން ފުރައިގެން ތުރުކީއަށް ދަތުރުކޮށްފައިވާކަން، ފްލައިޓްރާޑާ24 އިން ކަށަވަރުކޮށްދެއެވެ. އަދި މުރްތެދް ވައިގެ މަރުކަޒުގައި އޭއެން-24 އެއް މަތިންދާބޯޓު މަޑުކޮށްފައި އޮތްއިރު، މިއަދު މެންދުރު 12:30 (ރާއްޖޭ ގަޑިން މެންދުރުފަހު 2:30) ހާއިރު، އޭގެ ދެވަނަ މަތިންދާބޯޓެއް ޖައްސާ މަންޒަރު ތުރުކީގެ ޚަބަރުފަތުރާ ވަސީލަތްތަކުން ވަނީ ދައްކާފައެވެ.
ރަޝިޔާގެ އަސްކަރީ-ޑިޕްލޮމެޓިކް މަސްދަރަކާ ހަވާލާދީ ރަޝިޔާގެ ޓާސް ނިއުސް އެޖެންސީން ޚަބަރުދޭ ގޮތުގައި ވަރަށް އަވަހަށް މަތިންދާބޯޓުތަކުން ދެވަނަ ބުރަށް މިސައިލް ސިސްޓަމްގެ ބައިތައް ގެންނާނެއެވެ. އަދި ތިންވަނަ ބުރުގައި ކަނޑުމަގުން މިސައިލްތައް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޖުމްލަ 120 މިސައިލެވެ.
ތުރުކީ ސިފައިންގެ 20 މީހުން ވަނީ ފާއިތު މޭ މަހާއި ޖޫން މަހު އެސް-400 މިސައިލް ސިސްޓަމް ބޭނުންކުރުމާ ބެހޭ ތަމްރީނުތައް ރަޝިޔާގައި ހަދާފައެވެ. އަދި ސިފައިންގެ އިތުރު 80 މީހަކު ތަމްރީނުހަދަން ވަނީ ހަމަޖެހިފައެވެ.
އެމެރިކާއިން ބުނަމުން ދަނީ އެސް-400 ވައިގެ ދިފާއީ ނިޒާމަކީ ތުރުކީ އެޖަމާއަތުގެ މެންބަރެއްގެ ގޮތުގައި އޮތް ނޭޓޯ (ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން) ގެ ނިޒާމުތަކާ ބީރައްޓެހި ނިޒާމެއް ކަމުގައެވެ. އަދި އެއީ އެމެރިކާގެ ލޯކްހީޑް މާޓިން ކުންފުނީގެ އެފް-35 އަސްކަރީ މަތިންދާބޯޓުގެ ސިއްރުތައް ބޭޒާރުކޮށްފާނެ ނިޒާމެއް ކަމުގައެވެ. އެހެންކަމުން، ތުރުކީއަށް މި ނިޒާމު ގެނެސްފިނަމަ އެފް-35 ގެ ތަމްރީނު ޕްރޮގްރާމުން ތުރުކީ ވަކިކޮށްލަން ޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާން ވަނީ ދީފައެވެ.