ރާއްޖެއަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ބިދޭސީންގެ ސަބަބުން ބޭރުވެގެންދޭ: ރައީސް

ރާއްޖޭގެ އާބާދީގައި ބިދޭސީން ހިމެނޭ ނިސްބަތް މަތިވުމުން އެމީހުންގެ ފަރާތުން ރާއްޖޭގެ އިޤްތިޞާދަށް ފައިދާތަކެއް ލިބެމުންދާ ފަދައިން އާމްދަނީގެ ބޮޑު ބައެއް އެމީހުންގެ ސަބަބުން ރާއްޖޭން ބޭރުވެގެންދާ ކަމަށް ރައީސުލްޖުމްހުރީއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވެވި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ބިދޭސީންގެ ސަބަބުން ރާއްޖޭން ބޭރުވާ މި ފައިސާ މަދުކުރުމަށް ވަޒީފާގެ ބާޒާރުގައި ބިދޭސީން މިހާރު އަދާކުރާ ދައުރު، ފުރިހަމަކުރާނެ ދިވެހީންތަކެއް އުފެދެން ޖެހޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް ހިޖުރަކުރާ ބިދޭސީންނާއި، ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ބޭނުން، ހެޔޮ ގޮތުގައި ހިފޭނެ ގޮތް ހެދުމަށްޓަކައި، މައިގްރޭޝަން ޕޮލިސީއެއް އެކުލަވައިލުމަށް ސަރުކާރުން ރާއްވަވާފައިވާކަމަށެވެ. ހަމަ އެހެންމެ މަސައްކަތު އާބާދީގައި ދިވެހިންގެ ނިސްބަތް މަތިކުރުމުގެ ގޮތުން، ވަޒީފާ ދޭ ފަރާތްތަކާއި ބޭންކުތަކާ ގުޅިގެން، ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭގެ އާބާދީގައި ދުވަސްވީ މީހުން ހިމެނޭ ނިސްބަތް އިތުރުވަމުންދާކަން ފާހަގަކުރައްވަމުން 2054 ވަނަ އަހަރާ ހަމައަށް ދާއިރު އާބާދީގައި ހިމެނޭ ދޮށީ އުމުރުގެ މީހުންގެ ނިސްބަތް 14 އިންސައްތަ އިތުރުވާނެކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން މިހާރު ރާއްޖޭގައި އޮތް މަސައްކަތްކުރާ ޢުމުރުގެ އާބާދީގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ފަހަށް ރައްކާކުރުމުގެ ސަޤާފަތް އަށަގެންނެވުމަށް، މިހާރުއްސުރެ ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ކުރިޔަށް އޮތް 35 އަހަރެއްހާ ދުވަހުވެސް، މިހާރެކޭ އެއްގޮތަށް ރާއްޖޭގެ މަސައްކަތްކުރާ ޢުމުރުފުރާ ގެ ނިސްބަތަށް ބަދަލެއް ނައިސް އޮންނާނެކަމަށް ލަފާކުރެވޭތީ އެއީ ލިބިފައި އޮތް ފަހި ފުރުޞަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންނަމަވެސް އާމްދަނީ ލިބޭނެ މަސައްކަތެއްނުކޮށް، މައިންބަފައިންނާއި ބެލެނިވެރިންނަށް ބަރޯސާވެގެން އުޅޭ ޒުވާނުންގެ ނިސްބަތް މަތިވަމުންދާތީ އެކަމާ ހިތާމަކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެގޮތަށް ގިނަބަޔަކު ޤައުމީ އާމްދަނީގައި ޙިއްޞާނުވެ ތިބުމަކީ، އިޤްތިޞާދަށް ލޮޅުން އަރާނެ ކަމެއްކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމުގެ އުފެއްދުންތެރިކަން އިތުރުވެ ޤައުމު ތަރައްޤީވަނީ، މަސައްކަތްކުރާ ޢުމުރުގެ ވީހާ ގިނަ ބަޔަކު ޢަމަލީ މައިދާނަށް ނުކުމެ، ޙާލަތާ އެކަށޭނަ ގޮތަށް ސިޔާސަތުތައް ބަދަލުކޮށް، އަމިއްލަ މަސައްކަތާއިގެން ދިރިއުޅުމުގެ ފުރުޞަތުތައް ފަހިކޮށްދެވިގެންކަމަށެވެ. އަދި މި ކަންކަން ޙައްލުކުރުމަށްޓަކައި އެންމެ މުހިންމު އެއް ކަމަކީ، ރަސްމީ ތަޢުލީމީ ނިޒާމާއި މަތީ ތަޢުލީމާ އެކުއެކީގައި، މަސައްކަތުގެ ހުނަރު ދަސްކޮށްދިނުމުގެ ސިޔާސަތު ހަރުދަނާކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވެވި ޙަފުލާގައި ރާއްޖޭގެ އާބާދީއާ ތަރައްޤީއަށް އައިސްފައިވާ ބަދަލުތަކާބެހޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ މިރޭ ނެރެދެއްވިއެވެ. އާބާދީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި މިހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ވަޒީރުންގެ މަޖްލީހުގެ ބައެއް މެންބަރުންނާއި ދަޢުލަތުގެ އެކިއިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.